ކަލްކަތާ (ޑިސެމްބަރު 10) އިންޑިޔާގެ އިރުމަތީގެ ރަށެއް ކަމަށްވާ ކަލްކަތާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން 73 މީހުން މަރުވެ އެތައް ބަޔަކު ފިހިއްޖެ އެވެ.

ކަލްކަތާއަށް ނިސްބަތްވާ ވެސްޓް ބެންގޯލް ސްޓޭޓްގެ ޗީފް މިނިސްޓަރު މާމާތާ ބާނަޖީ އާ ހަވާލާދީ އިންޑިޔާގެ މީޑިޔާ ބުނިގޮތުގައި މިއީ ހޮސްޕިޓަލުގައި އަލިފާނުން ރައްކާތެރިވުންފަދަ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް މިންވަރަކަށް ނާޅައި ހުރުމުގެ ސަބަބުން ކުރިމަތި ހާދިސާއެއް ކަމުގަ އެވެ.

ހޮސްޕިޓަލްފަދަ އިމާރާތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ޤާނޫނަށް ހަތް ބުރީގެ އަމިއްލަ މިހޮސްޕިޓަލުގައި އެއްވެސް މިންވަރަކަށް އަމަލުކޮށްފައި ނުވާ ކަމަށް ވިދާޅުވެ، މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ޤާނޫނުގައިވާ އެންމެ ބޮޑު އަދަބުތައް ދެއްވާނެ ކަމަށް ޗީފް މިނިސްޓަރު މާމާތާ ވިދާޅުވި އެވެ.

އިއްޔެގެ ވަގުތެއްގައި މިހޮސްޕިޓަލުގައި ފުރަތަމަ އަލިފާން ރޯވީ އޮކްސިޖަން ފުޅިތައް ބަހައްޓާފައިހުރި އެތާނގެ ގުދަނުގައި ކަމަށާއި އެއަށްފަހު މުޅި ހޮސްޕިޓަލަށް އަލިފާންގަނޑު ފެތުރި ބަލި މީހުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި އިދާރީ މީހުންގެ ތެރެއިން ވެސް ބައެއް މީހުން އަލިފާނުގައި އަނދައިގެން ދިޔައީ ކަމަށް ޚަބަރުތައް ބުނެ އެވެ.

ހަތް ބުރީގެ މިހޮސްޕިޓަލުން މީހުން ސަލާމަތް ކުރުމަށްޓަކައި ވެސްޓް ބެންގޯލްގެ ފުލުހުންނާއި އާންމުން ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާދިސާގައި ފިހުނު މީހުންގެ ގިނަ ބަޔަކު ވެސް ފުރާނައަށް ނުރައްކާވާ ހާލަތުގައި ވާތީ މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ. (ރޮއިޓާސް)