ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފާއިތުވެގެން ދިޔަ ތިން އަހަރަކީ ދިވެހި ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ނުދެކޭ ފަދަ އެންމެ ކޮރަޕްޓް ތިން އަހަރުކަމުގައި ދިވެހި ގައުމީ ޕާޓީން ބުނެފި އެވެ. މިއަދު ފާހަގަ ކުރަމުންދާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ގައުމީ ޕާޓީން ބުނީ ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ހައްދުފަހަނައަޅާ ގޮސްފައިވާ ކޮރަޕްޝަންގެ އަމަލުތަކަކީ އެމަނިކުފާނު ވެރިކަމުގައި ދެމިހުންނެވުގެ ބޭނުމުގައާއި، ވެރިކަން ގެއްލޭ ދުވަހަކު ހިތްފަސޭހަ ދިރިއުޅުއްވުމެއް ހޯއްދެވުމަށް ޖަމާކުރެއްވުމުގެ ގޮތުން ގަސްދުގައި ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށާއި، ބައިނަލް އަގުވާމީ މިންގަނޑުތަކާއި ރައްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ކަރަޕަޝަންގެ އަމަލުތައް، އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ހިނގާފައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ބާރުމިނެއްގައި ކޮރަޕްޝަންގެ އަމަލުތައް ފެތުރި "މޫލަމުން"ދާއިރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮރަޕްޝަން ފެތުރެމުންދާ ދިއުމަކީ ރައީސް ނަޝީދުގެ ސަރުކާރުން ގަސްދުގައި ރާވައިގެން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް ކޮރަޕްޝަނާ މެދު އަމަލުކުރެއްވި ގޮތުން ކޮރަޕްޝަންގެ މުގުލުގައި ހުންނެވީ ޚުދު އެމަނިކުފާނުކަމަށް ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެމްޑީޕީއަށް ގެންދެވީ ފައިސާގެ ބޮޑެތި އަދަދުގެ ރިޝްވަތު ދީގެންނެވެ. ކަރަޕްޝަނާއި ވައްކަމުގެ ބޮޑެތި ކުށް ސާބިތުވެފައިވާ ފަރާތްތަތަކަށް ސަރުކާރުގެ ޒިންމާދާރު އިސްމަގާމްތައް ދެއްވައި އެފަދަ ފަރާތްތައް މެދުވެރިކޮށް ކަރަޕްޝަންގެ އަމަލުތަކަށް މަގުފަހިކުރުވި އެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް މަސައްކަތް ކުރައްވާފައި ވަނީ، ކަރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރެވެން ހުރި ދޮރުތައް ބަންދުކުރެއްވުށެވެ،" ގައުމީ ޕާތީގެ ބަޔަނުގައި ބުނެފައިވެ އެވެ.

ޓްރާންސްޕެރެންސީ އިންޓަނޭޝަނަލްގެ ތަފާސް ހިސާބުތަކާ ހަވާލާދީ ގައުމީ ޕާޓީން ބުނެފައި ވަނީ ވޭތުވެ ދިޔަ ތިން އަހަރަށް ބަލާ އިރު ދެކުނު އޭޝީޔާ ސަރަހައްދުގައި އެންމެ ބާރަށް ކަރަޕްޝަން އިތުރުވަމުންދާ ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ކަރަޕްޝަން އިތުރުވަމުން ދަނީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށްބާރަށް ކަމަށެވެ. މި ސަރަހައްދަށް ބަލާއިރު ދެވިހި ރާއްޖެ ހިމެނިފައި ވަނީ ބަންގްލަދޭޝް އާއި އިންޑީއާ، ސްރީލަންކާ، ބޫޓާން އަދި ނޭޕާލަށްވުރެ މާބޮޑަށް ކަރަޕްޓް ގައުމެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

ދިވެހި ރާއްޖޭގެ އެންޓި ކަރަޕްޝަން ކަމިޝަންގެ ރިޕޯޓްތަކުން އެނގި ހާމަވާ ގޮތުގައި ކަރަޕްޝަނެގެ މައްސަލަ މިހާތަނަށް އެންމެ ގިނައިން އެކަމިޝަނަށް ހުށަހެޅިފައި ވަނީ ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެސް ގައުމީ ޕާޓީން ބުންޏެވެ. އަދި ކަރަޕްޝަނުގެ އެންމެ ބޮޑެތި މައްސަކަތައް ހުށަހެޅި ބަލަމުން ދަނީ ވެސް މިސަރުކާރުގެ ވެރިކަމުގައި ރައީސް ނަޝީދުގެ ގާތް ރަހުމަތްތެރިންނަށް ނުހައްގު މަންފާ ހޯދައިދިނުމަށް ސީދާ ސަރުކާރުން ކޮށްފައިވާ ކަންކަން ކަމަށް އެ ބަޔާނުގައިވެ އެވެ.