ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ތިން ވަނަ ސީޒަން ދެއްކުމަށް ތައްޔާރުވަމުން އަންނައިރު އެ ސީޒަންގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިދިޔަ ސީޒަން ނިމުނީ މަރިއާ މެޑްރާޒާ (ސީރީޒްގެ ނަމުންނަމަ މަރީނާ)ގެ ގާތިލް އެލްވާރޯ ރިކޯ (ޕޯލޯ) ކްރިސްމަސް ޗުއްޓީ އަށް ފަހު އެނބުރި ސްކޫލަށް ވަންނަ މަންޒަރުންނެވެ.

މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ އެލީޓްގެ ތިން ވަނަ ސީޒަންގެ ޓްރެއިލާއިން ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދިޔަ އެވެ. މަރީނާގެ ގާތިލް ޕޯލޯ މަރުވެފައި އޮންނަ މަންޒަރު ވެސް ޓްރެއިލާއިން ފެނިގެންދެ އެވެ. ސުވާލަކީ ޕޯލޯ މަރާލީ ކާކުތޯ އެވެ؟. ގުޒްމަން އޭނާގެ ކޮއްކޮ މަރީނާގެ ގާތިލު ޕޯލޯ އަށް މަރުގެ އެތިފަހަރެއް ދިނީބާވަ އެވެ؟ ނޫނީ އެ މަރުގެ ފަހަތުގައި ކޮންމެވެސް އެހެން ބައެއްގެ އަތެއް ވޭބާ އެވެ؟ މި ސުވާލުތަކާއެކު ވެސް އެލީޓް ސީޒަން ތިނެއް ބަލަން ކެތްމަދުވެއްޖެދޯ އެވެ؟.

ސްޕެނިޝް ހައި ސްކޫލު ޑްރާމާ ވަނީ ބޮޑު ހިޓަކަށް ވެފަ އެވެ.

ނެޓްފްލިކްސް އިން ބުނީ އެލީޓުގެ ފުރަތަމަ ސީޒަން ވަނީ 20 މިލިއަން އެކައުންޓުން ބަލާފައި ކަމަށެވެ. އެ އަދަދަކީ ޝޯ ނެރުނު ދުވަސްކޮޅުގެ އަދަދެއް ކަމަށް ވެސް ނެޓްފްލިކްސް އިން ހާމަކޮށްފައިވެ އެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ވަނީ ސްޓްރީމްކޮށްފަ އެވެ. އަދި ދެވަނަ ސީޒަން ވަނީ މިދިޔަ އަހަރު ރިލީޒްކޮށްފަ އެވެ.