ކޮވިޑް19 ވައިރަސް ފެތިރިދާނެ ކަމުގެ ބިރަށް ސައުދީ އަރަބިއްޔާގައި އުމްރާ ކުރުން ހުއްޓާލައިފިއެވެ.

އުމްރާ ކުރުމަށް ބޭރު ގައުމުތަކުގެ މީހުން ސައުދީއަށް އެތެރެވުން ހުއްޓުވަން މިދިޔަ ހުކުރު ދުވަހު އެ ގައުމުން ވަނީ އުމްރާ ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އަދި މިއަދު އެ ގައުމުން ނިންމާފައި ވަނީ އެގައުމުގެ ރައްޔިތުންނަށްވެސް އުމްރާއަށް ދިއުން މަނާ ކުރާށެވެ.

ސައުދީ މިނިސްޓްރީ އޮފް އިންޓީރިއާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ގޮތަށް ނިންމީ ކޮވިޑް19 ވައިރަހާ ގުޅޭގެން ސަލާމަތީ ކަންކަން އިންތިޒާމުކުރަން އެކުލަވާލި ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ.

އުމްރާ ކުރުން ހުއްޓުވާލި ސަބަބުތައް ނެތިގެންދާހާ އަވަހަށް އެ އަޅުކަން ކުރަން އަލުން ފުރުސަތު ދެވޭނެކަމަށް އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސައުދީއަށް ދަތުރު ކުރި މީހެއްގެ ގައިން މިދިޔަ ހޯމަ ދުވަހު ވަނީ ކޮވިޑް19 ވައިރަސް ފެނިފައެވެ. އެ ވައިރަސް ފެނުނީ އިރާނަށް ގޮސް ބަހުރެއިން މަގުން ސައުދީއަށް ދިޔަ ސައުދީ ރައްޔިތެއްގެ ގައިންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ކޮރޯނާ ވައިރަހުގެ ބާވަތެއް ކަމަށްވާ، މިޑްލް އީސްޓް ކޮރޯނާވައިރަސް (މާސް) ފެތުރެން ފެށުމާ ގުޅިގެން ސައުދީއިން ވިސާ ދިނުމުގެ އުސޫލުތައް ވަރަށް ހަރުކަށި ކުރިއެވެ. އެކަމަކު، ހައްޖާއި އުމްރާއަށް މީހުން އައުން މުޅިން މަނާކޮށްފައެއް ނުވެއެވެ.