04 Mar 2020, 16:56
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެންޕޭނަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސް ނަޝީދު އެ އަތޮޅަށް ވަޑައިގަތުމުން، ކާޑެއްދޫ އެއާޕޯޓުގައި އެމްޑީޕީގެ ސަޕޯޓާރުން ވަނީ އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ރަށްވެހި ފަތިސް ކެމްޕޭނުގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ ނަޝީދުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިރޭ އެ އަތޮޅު ގައްދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކެމްޕެއިންގެ ބޮޑު ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީން މީގެކުރިން ބުނެފައި ވަނީ ކެމްޕޭނަށް ނަޝީދާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަތޮޅުތެރެއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ދެ ރައީސުން ރަށްތަކަށް ވަޑައިގެން ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ އެބޭފުޅުންނާއިއެކު ދޮރުންދޮރަށް ހިންގަވާ ޖަލްސާތައް ބާއްވަވާ އަދި އެހެނިހެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 982 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.
އޭގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށާއި، އޭގެ ތެރޭގައި 337 އަންހެން ކެންޑިޑޭޓުން ހިމެނޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.