04 Mar 2020, 15:06
ތައިލެންޑުގެ މައިނާ އިންޓަނޭޝަނަލްއިން ރާއްޖޭގައި ހިންގަމުން އައި ތިން ރިސޯޓެއްގެ މެޖޯރިޓީ ހިއްސާ ވިއްކާލައިފި އެވެ.
މިގޮތުން ވިއްކާލާފައިވަނީ ކ. ވެލިގަނޑުހުރާގައި ހިންގާ އަނަންތަރާ ވެލި، ދިގުފިނޮޅުގައި ހިންގާ އަނަންތަރާ ދިގު އަދި ކުޑަހުރާގައި ހިންގާ ނަލަދު ޕްރައިވެޓް އައިލެންޑުގެ ހިއްސާ އެވެ.
އެއްފަޅެއްގައި އޮންނަ އެ ތިން ރިސޯޓުގެ ހިއްސާގެ އިތުރުން، ހަމަ އެ ފަޅުގައި އެ ރިސޯޓުތަކުގެ މުވައްޒަފުން ތިބޭ ބޮޑުހުރާ ވެސް ވަނީ ވިއްކާލާފަ އެވެ.
މައިނާ އިންޓަނޭޝަނަލުން ވިއްކާލި ތިން ރިސޯޓާއި ސްޓާފް އައިލެންޑު--
މައިނާ އިންޓަނޭޝަނަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތިން ރިސޯޓުގެ ހިއްސާ ވިއްކާލީ އެކުންފުނީގެ ދަރަނިތައް އަދާ ކުރުމަށް ކަމަށެވެ.
އެ ތިން ރިސޯޓު 1.3 ބިލިއަން ތައިލެންޑް ބާތު (43 މިލިއަން އެމެރިކާ ޑޮލަރު) ވިއްކާލިއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 935 މިލިއަން ބާތު (29.8 މިލިއަން އެމެރިކާ ޑޮލަރު) ކަމަށް އެކުންފުނީގެ މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ތިން ރިސޯޓު ވިއްކާލީ ކޮން ކުންފުންޏަކަށް ކަން އެކުންފުނިން ބަޔާންކޮށްފައި ނުވެ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުގައި އެމެރިކާގެ ބެލްކްސްޓޯން ކުންފުނިން އެ ތިން ރިސޯޓު ލީސް ރައިޓްސް ގަންނަން މަސައްކަތްކޮށްފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ބްލެކްސްޓޯންއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ކްރައުން ކޮމްޕެނީން ހިންގަމުންދިޔަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑު ވެސް ގަނެފަ އެވެ.
ކުރިން ދެ ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓު ކުރަމުންދިޔަ މޯލްޑިވިއަން އެއާ ޓެކްސީއާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް ގަތުމަށްފަހު އެއް ކުންފުންޏެއްގެ ގޮތުގައި މާޖުކުރީ ވެސް ބެލްކްސްޓޯނުންނެވެ.
އޭގެ ފަހުން ބެލްކްސްޓޯނުން ވަނީ އެމެރިކާގެ ބެއިން ކެޕިޓަލްއަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލައިފަ އެވެ.