2007 ވަނަ އަހަރު ވަރޖީނިޔާ ޔުނިވަރސިޓީގައި ޤަތްލު ޢާންމު ހިންގައި 33 މީހުން މަރާލި ޤާތިލް
ވަރޖީނިޔާ (ޑިސެމްބަރ 9) : އެމެރިކާގެ ވާރޖީނިޔާ ޔުނިވަރސިޓީގައި ހަތިޔާރު އަޅައިގެން ހުރިމީހަކު ދިން ބަޑީގެ ޙަމަލާތަކެއްގައި ދެމީހަކު މަރުވެއްޖެވެ.
އިއްޔެގެ ވަތުތެއްގައި ހިނގި މިޙާދިޘާގައި ބަޑީގެ ޙަމަލާތައްދިނީ ބުރަކައްޓަށްވާގޮތަށް ދަބަހެއް އަޅުވައިގެންހުރި ދޮންމީހެއް ކަމަށާއި އޭނާ މިޖަރީމާ ހިންގާފައިވަނީ ޔުނިވަރސިޓީގައި އެވަގުތު ތިބި މީހުންނަށް ހަތިޔާރުގެ ބިރުދައްކައިގެން އެމީހުން ޢިމާރާތްތަކަށް ވެއްދުމަށްފަހު ގައި ކަމަށް އެޔުނިވަރސިޓީގެ ފަރާތުން ވާހަކަދެއްކި ޑާނާ ކްރޮކްޝަންކް ވިދާޅުވިއެވެ.
މިޖަރީމާ ހިންގުމަށްފަހު ޤާތިލް ފިލާފައިވަނީ ވަރަށް ހަމަޖެހިލައިގެން ފައިމަގުގައި ކަމަށްވެސް ޑާނާ ވިދާޅުވިއެވެ. ގޮތްނޭންގޭ ޤާތިލް ބަޑިޖަހައި މަރާލި ދެމީހުންގެ ތެރެއިން އެކަކީ ޔުނިވަރސިޓީ ކެންޕަސް ބަލަހައްޓާ ފުލުހުންގެ އޮފްސަރެއް ކަމަށާ އަނެއްމީހާ އަކީ ކާކުކަން އަދި ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. މިޙާދިޘާގައި މަރުވި އަނެއްމީހާއަކީ ޤާތިލް ކަމަށްވެސް އެހެން ރިޕޯޓެއް ބުނެއެވެ. ނަމަވެސް މިރިޕޯޓްގެ ސައްޙަކަން ކަށަވަރުވެފައެއް ނުވެއެވެ.
2007 ވަނަ އަހަރުގައިވެސް ވަރޖީނިޔާ ޔުނިވަރސިޓީގައި ހަތިޔާރު އަޅައިގެންހުރިމީހަކު އެތާނގެ ކިޔަވާކުދިންނާއި ޕްރޮފެސަރުންނާ އަދި އިދާރީ މީހުންނަށް އަމާޒުކޮށް ބަޑިން ޙަމަލާދީ ޤަތްލު ޢާންމެއް ހިންގައި 33 މީހަކު މަރާލާފައިވެއެވެ.
އެޖަރީމާ ހިންގާފައިވަނީ ހަތިޔާރުއަޅައިގެންހުރި ކިޔަވާކުއްޖެކެވެ. އެހާދިޘާއަށްފަހު ވަރޖީނިޔަ ޔުނިވަރސިޓީގެ ސަލާމަތީ ކަންކަންހުރިލެއް ދޯހަޅިކަން ފާހަގަކުރެވި އެޔުނިވަރސިޓީގެ މެނޭޖްމެންޓަށް ފާޑުކިޔުންތައް ރައްދުވެފައިވަނިކޮށް އިއްޔެވެސްމިވަނީ ހަތިޔާރު އަޅައިގެންހުރި މީހަކު އެޔުނިވަރސިޓީއަށްވަދެ ބަޑިޖަހައި ދެމީހަކު މަރާލާފައެވެ. (އެސޯސިއޭޓެޑް ޕްރެސް)