14:30


ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ވެސް ފޯރި ގަދަ މެޗުތަކެއް ފެނިގެންދާނެ އެވެ. މިރޭ ކުޅޭ އަށް ޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތްއިރު، އެންމެ ފާހަގަކޮށްލެވެނީ އިގިރޭސިވިލާތާއި ސްލޮވޭނިޔާ ބައްދަލުކުރާ މެޗެވެ. އިންގްލެންޑް މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމުގެ ވާހަކަތައް މުބާރާތް ފެށުމުގެ ކުރިން ވެސް އެތައް ގޮތަކުން މީޑިޔާގައި ވަނީ ދައްކާފަ އެވެ. އެގޮތުން މެޗުގެ ކުރިން އިނގިރޭސި ކޯޗް ފަބިއޯ ކަޕެއްލޯ ބުނެފައި ވަނީ ތިމަންނައަކީ މޮޔައެއް ނޫން ކަމަށާއި އިގިރޭސިންނަކީ މިފަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލާނެ ޤަވްމުތަކުގެ ތެރޭގައި ހިމެނޭނެ ޓީމެއް ކަމުގަ އެވެ. އަދި އެކަން މިރޭގެ މެޗުން ސާބިތުކޮށްދޭނެ ކަމަށާއި މިރޭގެ މެޗުން ހެސްކީ ކުޅެން ނެރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ބުންޏެވެ.


ޗެލްސީގެ ހުނަރުވެރި ފޯވަޑް ޖޯ ކޯލް މިރޭގެ މެޗުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ސަސްޕެންޝަންގެ ސަބަބުން ޖެމީ ކެރަގާގެ ބަދަލުގައި މިރޭ ނިކުންނާނީ މެތިއު އަބްސަން ކަމަށް ބެލެވެ އެވެ. އިނގިރޭސި ކެޕްޓަން ޖެރާޑް ބުނެފައި ވަނީ މެޗު ކުޅޭ ދަނޑުގެ ވިގަނޑުގެ މައްސަލަ ވެސް އެބައޮތް ކަމަށާއި މިއީ މެޗުން ބަލިވެދާނެ ކަމަށް ދައްކާ ބަހަނާއެއް ނޫން ކަމަށެވެ.


ތްރީ ލަޔަންސްގެ ނަމުން މަޝްހޫރުވެފައިވާ އިގިރޭސިން މިރޭގެ މެޗާ ކުރިމަތިލާއިރު އިނގިރޭސި ތަރި ވޭން ރޫނީ ވޭތުވެދިޔަ ހަތް އިންޓަނޭޝަނަލް މެޗުގައި ވެސް ލަނޑެއް ކާމިޔާބުކުރެވިފައިނުވާކަން މީޑީޔާގައި ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް ތަފާތު ފާޑުކިޔުންތައް އޭނާއަށް އަމާޒުކޮށްފަ އެވެ. އެހެންކަމުން މިރޭގެ މެޗަށް ރޫނީ ނިކުންނާނީ، ދަނޑުމަތީގައި މިހާތަނަށް އައިރު އޭނާއަށް ހަސަތޭކަ ތިރީސް ނުވަ މިނެޓްކުޅެ ގޯލެއް ކާމިޔާބު ނުކުރެވިފައި ވުމުގެ ޕްރެޝަރ ނައްތާލުމަށް ކަމަށް ބެލެވެ އެވެ.


ސްލޮވޭނިޔާގެ ސެންޓަރ ބެކް، މާކޯ ސޫލާ އަދި ފޯވަޑް ޕެނިކް އަށް ވަނީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެކަން ޔަގީންވެފަ އެވެ. ނަމަވެސް ޓީމުގެ ކެޕްޓަން ބުނެފައި ވަނީ މި ދެ ކުޅުންތެރިން ނެތްތަން ނުދައްކާނެ ކަމަށާއި ގަދަ ސޯޅައަށް ދަތުރުކުރުމުގައި އެހެން ކުޅުންތެރިންގެ ހިތްވަރާއެކު ދެވޭނެ ކަމަށެވެ. މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރގަ އެވެ. އެމެޗު ދޭއް އެކަކުން ކާމިޔާބުކޮށްފައި ވަނީ އިންގްލެންޑެވެ.


މިރޭ ދެން ފާހަގަކުރެވެނީ އަލްޖީރިޔާ އާއި އެމެރިކާ ބައްދަލުކުރާ މެޗެވެ. މިއީ ފުޓްބޯޅަ ގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗުކަމަށް ވާތީ ތާރީޚްގެ ތެރެއަށް މިކަން ވެއްދުމަށްޓަކައި ދެޓީމަށް މިރޭގެ މެޗު ވަރަށް މުހިއްމުވާނެ އެވެ. މިމެޗުގައި އެމެރިކާ ރޮބީ ފިންޑްލީ ދެކާޑު ހަމަވެ ސަސްޕެންޑް ވުމުން ކްލިން ޑޭމްޕްސީގެ ރޯލް ބޮޑުވާނެ ކަމަށް ފާހަގަކުރެވެ އެވެ. އަލްޖީރިޔާ މެޗަށް ނިކުތުމުގެ ކުރިން އެމެރިކާ ޓީމުގެ ކޯޗު ބޮބް ބްރެޑްލީގެ ދަރިފުޅު އަދި ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމުގައިވާ މައިކަލް ބްރެޑްލީ ބުނެފައި ވަނީ މިރޭގެ މެޗުން މޮޅުވެވޭނެ ކަމަށާ މިފަހަރު މިއީ އެމެރިކާގެ ފަހަރެއް ކަމަށެވެ.


ދެވަނަ ބުރަށް ދާން ބޭނުން ނަމަ މިރޭ އެމެރިކާއަށް މޮޅުވުން މަޖްބޫރު ވާއިރު އަލްޖީރިޔާ އެންމެ ފަހުން ކުޅެފައިވާ ހަތް މެޗުގައި ވެސް ގޯލެއް ޖެހިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.


މިރޭ ދެން ފާހަގަކޮށްލެވެނީ އޮސްޓްރޭލިޔާ އަދި ސާބިޔާ ކުޅޭ މެޗެވެ. އެންމެ ފަހުން އޮސްޓްރޭލިޔާ އާއި ގާނާ ކުޅުނު މެޗުގައި ގަލަތަސަރާއީ އަށް ކުޅޭ ހެރީ ކިއުލް އަށް ރަތްކާޑު ދައްކާވާއިރު ދެ ކާޑު ހަމަވެފައިވުމުން ކެރިޖް މޫ އަށް ވެސް ނުކުޅެވޭނެކަން ފާހަގަކުރެވެ އެވެ. އެހެންނަމަވެސް އޮސްޓްރޭލިޔާ ކޯޗް ޕިމް ވާބިކް އަށް ލިބިފައިވާ ހިތްހަމަ ޖެހުމަކީ ޓިމް ކާހިލް އަށް ކުޅެވޭކަމެވެ.


ސާބިޔާއިން މިރޭގެ މެޗަށް ނިކުންނައިރު ކޯޗްއަށް އޮތް ހިތްހަމަޖެހުމަކީ ސަސްޕެންޝަނަށް ފަހު އެލެކްސެންޑަރ އަށް ކުޅެވޭކަމެވެ. މިއީ މިދެޓީމު ބައިނަލް އަޤްވާމީ މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.


ގާނާ އާއި ޖާމަނީ މިރޭ ބައްދަލުކުރާ މެޗަކީ ވެސް މުހިއްމު އަދި ފޯރިގަދަ ވާނެ މެޗެއް ކަމަށް ބެލެވެ އެވެ. މެޗުގެ ކުރިން ޖާމަނީގެ ކޯޗް ޖެކަމިން ލޯ ބުނެފައި ވަނީ މިރޭ ބަދަލުތަކެއް ފެނިގެން ދާނެ ކަމުގަ އެވެ. އެގޮތުން މިރޮސްލާވް ކްލޯޒާއަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭއިރު އޮސްޓްރޭލިޔާ މެޗުގައި ގޯލް ޖެހި ކަކާއޯ މިރޭ ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.


ބްލެކް ސްޓަރގެ ނަމުން މަޝްހޫރުވެފައިވާ ގާނާގެ ކޯޗަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިސްހާގް ވާރިޝް އަނިޔާއަށް ފަހު ނިކުންނަކަމެވެ. ގާނާއަކީ އެފްރިކާ ބައްރުން އެންމެ ފަހުގެ ވޯލްޑްކަޕްގައި ގަދަ ސޯޅައަށް ކޮލިފައިވި ހަމައެކަނި ޓީމެވެ. އެހެންކަމުން މިރޭ ގާނާ ނިކުންނާނީ މި ތާރީޚް އިއާދަކުރުމަށެވެ.


މިދެ ޤަވްމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ ޖަރުމަންގެ ބޯޝްމަންގައި 1993 ވަނަ އަހަރު ކުޅުނު އެކުވެރި ކަމުގެ މެޗެއްގަ އެވެ. އެމެޗް ހައެއް އެކަކުން ކާމިޔާބުކޮށްފައި ވަނީ ޖާމަނީ އެވެ.