ދެހާސް ތޭރަވަނަ އަހަރު ރިލީޒްކުރި "ގޯ ގޯއާ ގޯން" ގެ ދެވަނަ ބައިގައި ހަރަކާތްތެރިވާނީ އޭލިއަނުން ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

ފިލްމުގެ ދެވަނަ ބައިން އޭލިއަނުން ފެނިގެންދާއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ޒޮމްބީތަކެކެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސައިފް އަލީ ޚާނާއި ކުނާލް ކޭމޫ އާއި އާނަންދު ތިވާރީ އަދި ޕޫޖާ ގުޕްތާ އެވެ. މި ކާސްޓާ އެކު ފިލްމުގެ ދެވަނަ ބައި ވެސް ހެދުމަށް ތައްޔާރުވަމުން އަންނައިރު ދިނޭޝް ބުނީ މި ކާސްޓަށް ބަތަލާ އަކާއި ބަތަލެއް އަދި ގުޅޭނެ ކަމަށެވެ. އެއީ ކޮން ދެ ތަރިއެއްކަން ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.