ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 (ކޮރޯނާ ވަރަސް) އެމްޑީޕީ މެމްބަރުނަށް ޖޯކަކަށް ހައްދަވައި ވާހަކަ ދައްކަވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާ ފެށީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކޮރޯނާއާ ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލައަކުންނެވެ. އޭނާ ހުށަހެޅުއްވީ، ކޮރޯނާގެ ސަބަބުން ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބުން ދަތިވެދާނެތީ، އެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުންނެވެ.

އެ ކުއްލި މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރާ ގުޅިގެން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ނުސީދާކޮށް ހާމަ ކުރައްވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދަތުރުފަތުރު ހުއްޓާލުމަށް ލަފައެއް އަރުވާފައި ނުވާ ކަމަށެވެ.

ކުއްލި މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން ރައީސް ނަޝިދު އެގޮތަށް ވިދާޅުވުމުން ޝަރީފު ހިތްހަމަޖެހިވަޑައިނުގަތެވެ. ޝަރީފު އެކަން ސިފަ ކުރެއްވީ، ވޯޓަށް ނުފޫޒު ފޯރުވުން ކަމަށެވެ.

ކުއްލި މައްސަލައަށް އެންމެ ފުރަތަމަ ވާހަކަދެއްކެވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ކާޑުުގެ މައްސަލައެއް ރާއްޖެއަށް ކުރިމަތި ނުވާނެ ކަމަށާއި އެފަދަ ހާލަތެއް އައިސްފި ނަމަ "އަމިއްލައަށް ކާޑުގެ މައްސަލަ" ހައްލުކުރައްވާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިދާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ރާއްޖެ ކީއްކުރަންތޯ ކޮރޯނާ ވައިރަސް އަންނަންވީ. އަޅުގަނޑުމެންނާ ބެހޭ ކަމެއްވެސް ނޫނެއްނޫންތޯ؟ ދުނިޔޭގެ ބައެއް ގައުމުތަކަށް ކޮރޯނާ ވައިރަސް ނާންނާނެ ކަމަށްވެސް އެބަ ބުނޭ. އެހެންވީމަ ކޮރޯނާ ވައިރަސް އަންނާނެ އެއްވެސް މަގެއް މި ރާއްޖޭގައި ނޯންނާނެ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އެގޮތަށް ވިދާޅުވި ނަމަވެސް، ރައީސް ނަޝިދު ވިދާޅުވީ، ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ ކަމަށެވެ. އަދި އެ ވަރައިސް ރާއްޖެ ނާންނާނެ ކަމަށް ދެއްކުމަކީ ވަރަށް އުދަނގޫ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ އެކަމާ ބިރުން ކާބޯތަކެތި އެއްކުރަން އުޅުމަކީ، ޒިންމާދާރު ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރސް އަންނާނެ. އެއީ ނުވެދާނެ ކަމެއްގެ ގޮތުގައި ދެކެން ވަރަށް އުދަނގޫ. ރާއްޖެއަށް ވަކި ނާންނާނެ ބަޔެއް ދުނިޔެއަކު ނޫޅޭ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިވަގުތު ކުރެވޭނެ ކަމަކީ، ޑަބްލިއުއެޗްއޯގެ މިންގަނޑަށް ބަލައިގެން ރައްކާތެރި ފިޔަވަޅު އެޅުން ކަމަށެވެ.

"ވައިރަސް ބޭނުން ކުރަނީ ކެމްޕެއިންނަށް"

އެމްޑީޕީ މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، މިއީ އިދިކޮޅުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ. އަދި މި ވައިރަހުގެ ކަންކަން އިދިކޮޅުގެ ކެމްޕޭނެއްގެ ގޮތުގައި ބޭނުން ކުރަމުން ދާ ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

މަޖިލިސް ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން ކަންކަން ކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ވައިރަހާ ގުޅިގެން ދޮގު ނަހަދާނެ ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި، ސަރުކާރުން ތައްޔާރުނުވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދި ނަމަވެސް ސަރުކާރު އޮތީ އެ ކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ކަންކަމުގެ މައުލޫމާތު ހޯދުމަކީ އޭނާ ވެސް ތާއީދު ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް މައްސަލައަކީ އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ކެމްޕޭނަށްޓަކައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ، އެއަށްވުރެ ތަސައްރަފު ފުދިފައިވާ ވާދަވެރި ސިޔާސީ ޕާޓީއެއް މަސައްކަތް ކުރާތަން ދެކިލާހިތްވާ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއިލް ނަސީމް ވިދާޅުވީ، ކައުންސިލް އިންތިހާބު ބޯ މަތިވެފައިވަނިކޮށް މިފަދަ ހައްސާސީ ސިއްހީ ކަންބޮޑުވާ މައްސަލައެއްގެ ބޭނުން ހިފައިގެން ކެމްޕެއިން ކުރުމަކީ، ވަރަށް ވިސްނަން ވެއްޖެ ކަމެއް ކަމަށެވެ. އަދި އެއީ ޒިންމާދާރު އިދިކޮޅު ފަރާތްތަކުންކޮށްގެންވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ސަމާލުކަމަށް ކަމެއް ގެނައުން ރަނގަޅު. އެކަމަކު ތަކުރާރުކޮށް އަޅުގަނޑު ދަންނަވަން ކަންއުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ގެންގުޅޭ އެއްޗެއް ނޫން ޕަބްލިކް ހެލްތް އިމަޖެންސީތަކަކީ،" މީކާއިލް ވިދާޅުވި އެވެ.

ތިނަދޫ އުތުރު ދާއިރާ މެމްބަރު، އަބްދުލް މުޢުނީ ވިދާޅުވީ ވައިރަހާ ގުޅިގެން ސަރުކާރުން ވަނީ ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި މިކަމާ ގުޅިގެން އޭނާގެ ނިސްބަތްވާ ތިނަދޫގައިވެސް ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވެފައިވާ ކަމަށެވެ. މިކަމުގައި އިދިކޮޅުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް މުޢުނީ ވިދާޅުވި އެވެ.

"މިބޭފުޅުން ކަންބޮޑުވެގެން އުޅޭ ކަމަކީ، ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށްދެވޭތޯ. އަޅުގަނޑުމެން ހުވަދުއަތޮޅަށް ދަތުރު މިފަށަނީ ފަރުވާ ހިފައިގެން. މައުލޫމަތު ދީގެން، ވައިރަސްއަށް ބޭނުންވާ ފަރުވާ ހިފައިގެން. އިންތިހާބު ކާމިޔާބު ކުރާނީ، ތިބޭފުޅުން [އިދޮކޮޅުން] ކޮރޯނާ ވައިރަހުގައި ޖައްސާފައި ބައިތިއްބައިގެން،" މުޢުނީ ވިދާޅުވި އެވެ.