ވޮޝިންގޓަން (ޑިސެމްބަރ 9) : އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ނުދެއްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އީރާނަށް ވަރަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރު އީރާނަށް ލިބުން މަނާކުރުމަށްޓަކައި އިސްރާއީލާއި އެމެރިކާގެ އެހެން ބައިވެރިންނާ ގުޅިގެން ކުރެވެންހުރި ހުރިހާކަމެއް ކުރާނެ ކަމަށާއި އެކަންތައްތައް ދިރާސާވެސް ކުރަމުންގެންދާނެ ކަމުގައެވެ. މިއީ އީރާނުގެ ނިއުކްލިޔަރ މައްސަލާގައި މީގެ އަށެއްކަ އަހަރުކުރިންވެސް އެމެރިކާގެ އިސްވެރިން ތަކުރާރު ކުރައްވަމުން ގެންދަވާ ޢިބާރާތެކެވެ.

އޮބާމާ ވިދާޅުވީ އީރާނާދެކޮޅަށް އިތުރަށްދެން އަޅާނެ ފިޔަވަޅެއްނެތް މިންވަރަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެމެރިކާގެ ބައިވެރިންވެސް ޝާމިލްވާ ކަމުގައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އޮބާމާ ވާހަކަ ދެއްކެވި ނަމަވެސް މިކަމާބެހޭ އެއްވެސް ހެއްކެތް އެމެރިކާއަށް ދެއްކިފައިނުވާތީ އީރާނާދެކޮޅަށް އެމެރިކާކުރާ ނިއުކްލިޔަރ ތުހުމަތުތަކަކީ ސިޔާސީ ތުހުމަތުތަކެއްކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާއަކީ ޢިރާޤުގެ ހަތިޔާރުގެ މައްސަލާގައިވެސް ބައިނަލްއަޤްވާމީ މުޖްމަޢަށް ދޮގާއި މަކަރުހަދައިގެން ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ޖާސޫސީ ރިޕޯޓްތައްވެސް ނެރެފައިވާ ޤައުމެކެވެ. މިމައްސަލާގައި އެމެރިކާގެ އިތުބާރުވަނީ ދުނިޔޭގެ ފެންވަރުގައިވެސް ގެއްލިފައެވެ.

އޮބާމާ ވިދާޅުވީ އޭނާ އެމެރިކާގެ ޒަޢާމަތާ ޙަވާލުވެވަޑައިގެންނެވިއިރު އީރާނުގެ ނިއުކްލިޔަރ މައްސަލާގައި ދުނިޔެ ބައިބައިވެފައިވެ އީރާންއޮތީ އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ކަމުގައެވެ. ނަމަވެސް އޭނާގެ އެމެރިކާގެ ޒަޢާމަތާ ޙަވާލުވެ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ފާއިތުވެދިޔަ ތިންއަހަރު ތެރޭގައި އީރާނުގެ މައްސަލާގައި ދުނިޔެ އެކަތި ގަނޑަކަށްވެ އީރާން އެކަހެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

އީރާނަށްއޮތީ ހަމައެކަނި ދެގޮތް ކަމަށާއި އެއީ އެމެރިކާ އެދޭގޮތަށް ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލައި ދެފުށްފެންނަ ގޮތެއްގެ މަތިން އދ. ގެ ބެލުމުގެ ދަށުން ސުލްޙަވެރި ނިއުކްލިޔަރ ޕްރޮގްރާމެއް ކުރިޔަށްގެންދިޔުން ކަމަށާއި ނޫނީ އިރާނަށްއޮތީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކެހެރިކަމާއި ނިކަމެތިކަން ކަމަށް އޮބާމާ ވިދާޅުވިއެވެ.

އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އެމެރިކާ އިސްވެ އޮވެގެން އދ. ން ބޭރުގައި އީރާނާދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާނެކަން ޗައިނާ، ރަޝިޔާ، އިންޑިޔާ އަދި ބްރަޒީލްއާއި ދެކުނު އެފްރިކާފަދަ ޤައުމުތަކުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާ އެކަހެރިގޮތެއްގައި އީރާނާ ދެކޮޅަށް އަޅާދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާކަން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތައް ފިޔަވައި އެހެން ޤައުމަކުން ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާއާއި ޔޫރަޕަކީ ކުރިއްސުރެވެސް އެޤައުމާއެކު އިޤްތިސާދީ މުޢާމަލާތްތައް ނުކުރާ ޤައުމުތަކަކަށްވާތީ އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އީރާން ބުނެއެވެ. އޮބާމާގެ މިވާހަކަތަކަކީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ނުފޫޒުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ރުހުން ހޯއްދެވުމަށް ދެއްކެވި ވާހަކަތަކަކަށް ވެދާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.(އަލްޖަޒީރާ+ނޫސްއެޖެންސީތައް)