04 Mar 2020, 12:45
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި މީހެއްގެ ކެންޑިޑަސީ ބަލައިގަނެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ބާތިލްކޮށް، އޭނާގެ ކެންޑިޑަސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި، ހއ. އިހަވަންދޫ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލި އެ ރަށު އަބްދުﷲ ހަލީލް، ސަލްސަބީލުގެ ކެންޑިޑަސީ ބަލައިގަނެވެން ނެތް ކަމަށް އީސީން ނިންމީ އޭނާގެ ސާބިތު ދަރަންޏެއް އޮތްކަމަށާއި އެ ދަރަނި އަދާކުރަމުން ނުދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ދޫކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފު ކުރުން" ލިޔުމުގައި އޮތުމުންނެވެ.
ނަމަވެސް އެކަން ސާފުކުރަން ހަލީލް އިހަވަންދޫ ކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި ކޯޓުން ބުނެފައި ވަނީ އޭނާގެ މައްޗަށް ސާބިތުވި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ސަބަބުން ކުރި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ކުށުގެ ރެކޯޑުގައި ލިޔެވިފައި ވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.
އެ ފައިސާ އިހަވަންދޫ ކޯޓަށް ބަލައިގެންފައިވާކަން، އެ ކޯޓުން ދޫކުރި ފައިސާ ބަލައިގެން ރަސީދުން އެނގެން އޮންނަ ކަމަށާއި އަދި މެސެޖަކުން ކްރިމިނަލް ކޯޓަށް އެކަން އަންގާފައިވާތީ، އޭނާގެ ކުށުގެ ރެކޯޑު އިސްލާހުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އީސީގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި އޭނާގެ ކެންޑިޑަސީ ގަބޫލުކުރުމަށް އީސީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ދާ މީހެއް ކަމުގައި ވާންޖެހެ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާގެ ކެންޑިޑަސީ ބަލައިގަނެވެން ނެތް ކަމަށް އިލެކްޝަންސް އިން ނިންމިތާ 48 ގަޑިއިރު ވީއިރުވެސް އެ ދަރަނި އަދާކުރިކަން އަންގައިދޭ އެއްވެސް ލިޔުމެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް އީސީން ބުނެފައިވާ ކަމަށެވެ.
ދައުލަތުގެ އިދާރާއަކުން ފޯރުކޮށްދޭ މައުލޫމާތެއްގެ މައްޗަށް އިލެކްޝަންސް އިން ނިންމާ ނިންމުމަކީ ސައްހަ ނޫން މައުލޫމާތެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަން ފަހުން އެނގުނު ނަމަވެސް އެ ނިންމުން ބަދަލުކުރުމުގެ ގާނޫނީ ބާރު އެކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.
އޭނާގެ ކެންޑިޑަސީއާމެދު އީސީން ނިންމާފައިވާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށާއި، އެހެންކަމުން އެ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ނެރެދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާ ކަމަށް ހުކުމުގައިވެއެވެ.
މައްސަލައިގައި ލިބިފައިވާ މައުލޫމާތަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށް، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ނެރުއްވި ރައުޔަށް ފަނޑިޔާރި އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދުކުރައްވައިފައެވެ.
އެހެންކަމުން އޭނާގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑަސީ ބަލައިގަތުމަށް އީސީގެ މައްޗަށް އަންގަން ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފައެވެ.