ދިއްލީ (މާޗް 4): އިންޑިއާގައި ތިބި އިޓަލީގެ 15 ފަތުރުވެރިޔަކު އާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އައިމްސް)އިން މިއަދު ބުނި ގޮތުގައި ވައިރަހަށް ޕޮޒިޓިވްވި މީހުން މިހާރު ވަނީ ދިއްލީގެ ކަރަންޓީނު މަރުކަޒެއްގައި އެކަހެރިކޮށްފައެވެ.

އެންޑީޓީވީގައިވާ ގޮތުން އެ 15 މީހުންނަކީ ރާޖަސްތާނުގައި ޓުއާ ކުރި އިޓަލީގެ 23 ފަތުރުވެރިން ހިމެނޭ ގުރޫޕަކަށް ނިސްބަތްވާ މީހުންނެވެ. އަދި އޭގެ ތެރެއިން އެކަކު ރާޖަސްތާނުގެ ޖައިޕޫރުގައި ހުއްޓާ ވަނީ މިދިޔަ އަންގާރަ ދުވަހު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާގެ އަންހެނުންގެ ފަރާތުންވެސް ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ އޭނާވެސް އެކަހެރިކޮށްފައިވާ ކަމަށް އެންޑީޓީވީން ރިޕޯޓު ކުރިއެވެ.

މީގެ އިތުރުން އެ ގުރޫޕުން ވައިރަހަށް ޕޮޒިޓިވް ނުވާ މީހުންވެސް މިހާރު ތިބީ ދިއްލީގެ ކަރަންޓީނު މަރުކަޒުގައި ކަމަށް އިންޑިއާއިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އައިމްސްއިން އެފަދައިން ބުނި ފަހުން އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު ހަރްޝް ވަރުދަން ވަނީ އިޓަލީގެ ފަތުރުވެރިންނަށް ވައިރަސް ފެތުރުނީ މިދިޔަ މަހުގެ 21ގައި އެގައުމަށް ދިޔަ އިޓަލީގެ މީހެއްގެ ފަރާތުން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ފަރާތުން އިޓަލީގެ 16 މީހަކަށައި އިންޑިއާގެ މީހަކަށް ވައިރަސް ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގައި އިއްޔެއާ ޖެހެންދެން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހުންނެވެ. އޭގެ ތެރޭގައި ރާޖަސްތާނުގެ އިތުރުން ދިއްލީއާއި ހައިދަރުއާބާދާއި ކެރަލާގައި ތިބި މީހުން ހިމެނެއެވެ.

އިންޑިއާއިން ވަނީ ކެރަލާއިން ވައިރަހަށް ޕޮޒިޓިވްވި ތިން މީހުން މިހާރު ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާގައި އިޓަލީގެ ބަޔަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ، އެ ވައިރަހުގެ ސަބަބުން ޗައިނާއިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމަކަށް އިޓަލީވީ ފަހުންނެވެ. އެގޮތުން އެގައުމުގައި މިހާތަނަށް ވައިރަހުގެ ސަބަބުން 79 މީހަކު ވަނީ މަރުވެފައެވެ. އަދި 2،502 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު ދިއްލީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާގެ ފަރާތުން އޭނާގެ އާއިލާގެ ހަ މީހަކަށް ވައިރަސް އަރާފައިވާ ކަމަށާއި އެއާއެކު، އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 28އަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުޅި ދުނިޔޭގެ 70އަށް ވުރެ ގިނަ ގައުމަށް މިހާރު ކޮރޯނާވައިރަސް ފެތުރި، 90،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 3,203 މީހަކު ވަނީ މަރުވެފައެވެ.