04 Mar 2020, 11:02
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެ ކަމަށް ވާހަކަ ދެކެވުނުނު ނަމަވެސް، ކުރިއަށް އޮތް ހަތަރު މަހަށް ވާ ވަރަށް ކާޑުގެ ސްޓޮކް އެބަހުރި ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯގެ ސްޕޯކްސްޕާސަން އަހުމަދު މުހައްމަދު (އަބޯ) މިއަދު "ސަން" އަށް ވިދާޅުވީ، އެސްޓީއޯގެ ސްޓޮކުގައި ހަތަރު ވަރަކަށް މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ހުރި އިރު އިތުރު ކާޑުގެ ޝިޕްމެންޓު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރާ ކަމަށެވެ.
އަބޯ ވިދާޅުވީ އިތުރު ފަސް ވަރަކަށް މަހަށް ވާ ވަރަށް ކާޑުގެ ޝިޕްމެންޓު ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާފާނެތީ އެކަމަށް ދުރާލާ ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
އެ މައްސަލަގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކާޑުގެ ދަތިކަމަށް ވިސްނައި ސަރުކާރާއި އެސްޓީއޯއިން ތިބީ ތައްޔާރުވެގެން ކަމަށެވެ.
"އެސްޓީއޯގެ އެމްޑީ އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ދެއްވާ، ތިން ހަތަރު މަހުގެ ކާޑުގެ ސްޓޮކް އެބަހުއްޓޭ. އަދި އިތުރު ހަތަރު ފަސް މަހުގެ ސްޓޮކް މިހާރުވެސް އެބަ އާދޭ،" އީވާ ވިދާޅުވި އެވެ.
އޭގެއިތުރުންވެސް ރާއްޖޭގެ ކޮންމެ ރަށަކަށް ޑިސްޓްރިބިއުޝަން އޭޖެންޓެއް ގާއިމުކޮށް ޑިސްޓްރިބިއުޝަން ޗެނަލްތައްވެސް މިހާރު ގާއިމުކޮށްފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ރާއްޖޭގެ ސަރުކާރުން ވަނީ ވަރަށް ރަނގަޅަށް ފިޔަވަޅުތައް އަޅާފައި ކަމަށެވެ.
އެގޮތުން ރާއްޖޭގެ ސްޓޮކުގައި މިހާރުވެސް 58،000 ޓަނުގެ ހަނޑު ހުރިއިރު 25،000 ޓަނަށްވުރެ ގިނައިން ހަކުރު ހުރި ކަމަށް އަފީފް ވިދާޅުވި އެވެ. ރާއްޖޭގެ ސްޓޮކުގައި 43،000 ޓަނުގެ ފުށް ހުރި ކަމަށްވެސް އަފީފް ފާހަގަކުރައްވާފައިވެ އެވެ.
"އަދި އަންނަން ހުރި ޝިޕްމެންޓުތަކުގައި އެބަހުރި ހަނޑޫ، 25،000 ޓަނަކާއި 20،000 ޓަނަކާ. ހަކުރު އެބައުޅޭ 15،000 ޓަނުގެ ދެ ޝިޕްމެންޓް އެބައުޅޭ. ފުށް އެބައުޅޭ 10،000 ޓަނަކާއި 20،000 ޓަނު. މިހާރު ހަމަ އަންނަ މަގުމަތީގައި ހުރި ކާޑުގެ އަދަދު އަޅުގަނޑު މި ދަންނަވާލީ،" އަފީފް ވިދާޅުވި އެވެ.