09 Dec 2011, 14:36
ދިވެހިރާއްޖޭގެ ޖަލުތަކުގައި ދެވިފައިވާ ލާއިންސާނީ އަނިޔާތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަބަދުވެސް އެކަމާ ޝަކުވާކުރަމުން ދާއިރު މިއަދާ ހަމައަށް އައިއިރުގައި ވެސް، ހިއުމަން ރައިޓްސް ކޮމިޝަނުން އެކަމާ ގުޅޭ ގޮތުން އަޅާލުމުގައި ވެސް އަދި ތަޙުޤީޤެއް ކުރުމުގައި ވެސް ވަކި އެއްޗެއް ވިދާޅުވުމަށް ނުކުޅެދިފައިވާ ކަމަށް ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާދަމާއަކީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާ ގުޅޭ ދުވަސް ކަމަށްވުމާ އެކު މިއަދު ދެއްވި ރޭޑިޔޯ ހިތާބްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި، މިދިޔަ ދިގު ދުވަސްވަރުގެ ތެރޭގައި އެތައް ބައެއް ވަނީ މަރުވެގޮސްފައިވާ ކަމަށާއި އަދި ވަރަށް ގިނަބަ ޔަކަށް ނުހަނު ގިނަ އަނިޔާ ލިބިފައިވާ ކަމަށެވެ. އެއިން އެއްވެސް އަނިޔާއެއް ކުރި ފަރާތެއް ވެސް އަދި އެ އަނިޔާ ރައްދުވީ ކޮން ފަރާތަކަށްތޯ ބެލެވިފައި ނެތްކަން ރައީސް ފަހަގަކުރެއްވި އެވެ.
ޤައުމެއް ތަރައްޤީވެ ދިޔުމަށް އަދި ޤައުމެއްގެ ޙާލަތު ރަނގަޅުވެދިޔުމަށް ކޮންމެހެން ބޭނުންތެރި އެއްކަމަކީ، އެ ޤައުމެއްގެ މާޒީ ރަނގަޅަށް، އެ ޤައުމެއްގެ ރައްޔިތުންނަށް ހަޖަމްވާނެ ގޮތްތަކެއް ހޯދުންކަމަށް އެމަނިކުފާނު އަލިއަޅުވާލަމުން ވިދާޅުވެފައި ވަނީ ސައުތު އެފްރިކާގެ ޖަލުތަކުގަޔާއި އަދި އެތަނުގެ ނަސްލީ އިމްތިޔާޒުގެ ސިޔާސަތުތައް ހިންގަމުންދިޔައިރުގައި، ރައްޔިތުންނަށް ލިބުނު އަނިޔާތަކާ ގުޅޭ ގޮތުން ތެދު ޙަޤީޤަތް ބަޔާން ކުރުމުގެ ކޮމިޝަނެއް އެކުލަވައިލާއިރު، ކޮމިޝަންގެ ކުރިމައްޗަށް، ޖަލުތަކުގައި އަނިޔާކުރި އެތައް ބައެއް އައިސް، އެމީހުންނަށް ކުރި އަނިޔާތަކުގެ ވާހަކަ، އަނިޔާ ލިބުނު މީހުންނަށާއި، މަރުވެ ގޮސްފައިވާ މީހުންގެ ޢާއިލާތަކަށް ކިޔާދީފައިވާ ކަމަށާއި އަނިޔާކުރި އެތައް ބައެއް ވަނީ އަނިޔާ ކުރި ކަމަށް އިޢުތިރާފްވެ އެކަމަށް މަޢާފަށް އެދިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި މިކަންކަން ފަސޭހަވެދާން، މި ފާރުގަނޑަށް ޙަޤީޤަތުގައި ފަރުވާއެއް ލިބޭނީ، ރާއްޖޭގައި ވެސް، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މާޒީގައި ހިނގާފައިވާ އަނިޔާތަކާ ގުޅޭ ގޮތުން ކޮންމެވެސް މިންވަރަކަށް ނަމަވެސް މަސައްކަތްތަކެއް ކުރެވިގެން،"ރައިސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތަނުގައި، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން، މިދެންނެވި މަސައްކަތްތަކުގެ ކޮންމެވެސް ޢަމަލީ ސިފަތަކެއް" ޢަމަލީ ކަންކަމެއް ދައްކައިދޭނެ ކަމަށެވެ.
މަފުށީޖަލުގައި ބަޑިޖެހި ހާދިސާ އަށް އިޝާރަތްކުރައްވާ އެމަނިކުފާނު ވިދާޅުވީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 19 ވަނަ ދުވަހު މާފުށީ ޖަލުގައި ޤައިދީއެއްގެ ގޮތުގައި ހުރި މާފަންނު އޭޝިޔާ އީވާން ނަސީމް ބަނދެފައި ބަހައްޓައި ތަޅާ، އޭނާ މަރާލުމާއި ގުޅިގެން ޖަލުގައި ހިނގާ ދިޔާ ހާދިސާގައި ބަޑިޖަހައި އޭގެތެރެ އިން އެތައް ބައެއް މަރާލި ހާދިސާ ހިނގާ ދިޔަގޮތް މިއަދުވެސް އަދިވެސް ޔަޤީން ނުވާކަމަށާއި ސިފައިން އެ ބަޑި ބޭނުންކުރީ، ސިފައިންގެ އެންމެމަތީ ވެރިޔާ ނުވަތަ ސިފައިންގެ ވެރިން ކޮމާންޑްކޮށްގެންތޯ ނުވަތަ ނޫންތޯ؟ މިސުވާލުގެ ސާދާ ޖަވާބު ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.