ވޮޝިންޓަން (މާޗް 4): ކޮރޯނާވައިރަސް ފެތުރިފައިވާ ގައުމުތަކަށް 12 ބިލިއަން ޑޮލަރުގެ އެހީ ދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި އެ ޖަމިއްޔާއިން އެހީ ފޯރުކޮށްދިނުމުގައި އިސްކަން ދޭނީ އެންމެ ފަގީރު އަދި އެންމެ ނާޒުކު ހާލަތްތަކުގައި އޮންނަ ގައުމުތަކަށެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައިވާ ގޮތުން "ކޮވިޑް-19 ސަޕޯޓް ޕެކޭޖަކީ" ތަރައްގީވަމުން އަންނަ ގައުމުތަކުގެ ސިއްހީ ނިޒާމު ވަރުގަދަކޮށް، ވައިރަހަށް ޓެސްޓު ކުރުމާއި ބަލި ފެތުރުމުން އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށާއި ބަލީގެ ސަބަބުން އިގުތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ދޭ އެހީ އެވެ. އަދި އޭގެ ތެރޭގައި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އަލަށް ދޭ 2.7 ބިލިއަން ޑޮލަރުގެ އެހީއާއި އެއަށް ވުރެ މަދުން އާމްދަނީ ލިބޭ ގައުމުތަކަށްދޭ 1.3 ބިލިއަން ޑޮލަރުގެ އެހީ ހިމެނޭނެއެވެ. އެ ފައިސާ އެކި ގައުމުތަކަށް ފޯރުކޮށްދެނީ ހިލޭ އެހީއާއި އިންޓްރެސްޓް ކުޑަ ލޯނުގެ ގޮތުގަ އެވެ.

މީގެ އިތުރުން ވައިރަސް ފެތުރިފައިވާ ގައުމުތަކުގައި އިންވެސްޓުމެންޓުތައް ނުހުއްޓޭނެކަން ޔަގީންކުރުމުގެ ގޮތުން، ވޯލްޑް ބޭންކުގެ ޕްރައިވެޓް ސެކްޓާ މެމްބަރު، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން އެގައުމުތަކަށް ހަ ބިލިއަން ޑޮލަރުގެ އެހީދޭން ވެސް ހިމަނާފައިވާނެ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 70އަށް ވުރެ ގިނަ ގައުމަށް ފެތުރި، 92،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 3,203 މީހަކު ވަނީ މަރުވެފަ އެވެ.