ރާއްޖެއަށް ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް އަންނާނެ ކަމަށާއި އެ ވަރައިސް ރާއްޖެ ނާންނާނެ ކަމަށް ދެއްކުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި އެވެ.

ކުއްލި މައްސަލައަށް ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަކީ ދުނިޔެއިން ބޭރުގައި އޮންނަ ގައުމެއް ނޫން ކަމަށާއި ދުނިޔެއަށް ފެތުރިފައިވާ ބަޔެއްނަމަ، އެ ބައްޔެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެކަމާ ބިރުން ކާބޯތަކެތި އެއްކުރަން އުޅުމަކީ، ޒިންމާދާރު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރސް އަންނާނެ. އެއީ ނުވެދާނެ ކަމެއްގެ ގޮތުގައި ދެކެން ވަރަށް އުދަނގޫ. ރާއްޖެއަށް ވަކި ނާންނާނެ ބަޔެއް ދުނިޔެއަކު ނޫޅޭ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ބަލި ރާއްޖެއައުން އެކަށީގެންވި ނަމަވެސް، އެ ބާވަތުގެ ރޯގާތައަށް ރާއްޖޭގެ ސިއްހީ ނިޒާމަކީ ފަރިތަވެފައިވާ ސިއްހީ ނިޒާމެއް ކަމަށެވެ. އެގޮތުން 1940 އިން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާއެކު ރާއްޖެއިން ޕަބްލިކް ހެލްތްގެ މަސައްކަތް އިންތިހާއަށް ގެންގޮސްފައިވާ ކަމަށެވެ.

އެއަށްފަހު، ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން ރައީސް ނަޝީދު ވިދާޅުވެދެއްވި އެވެ.

"މި ރޯގާއަށްވެސް ކުރަންޖެހޭ ކަންކަމަކީ، ސާފުތާހިރުކޮށް އުޅުން. އަތްފައި ދޮވެގެން ތިބުން. ކަރުތެރެ ހިއްކާފައި ނުބެހެއްޓުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝިދު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުން އެބަލިން ސަލާމަތްވާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވިހެއްސުރެ ފަށައިގެން، މަދަރުސާއިން ފެށިގެން ޓީޗަރުންނާއި މައިންބަފައިންނާ ހުރިހާ އެންމެން އަބަދުވެސް އަޅުގަނޑުމެން ކައިރީ ދައްކަމުން އަންނަ ވާހަކައެއް އަތްދޮވެގެން ރީތިކޮށް ސާފުތާހިރުކޮށް ތިބީމަ މިކަމުން ސަލާމަތް ވާނެކަމަށް. އިރާދަކުރެއްވިޔާ މިކަމުން އަޅުގަނޑުމެން ސަލާމަތްވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗައިނާގެ ވާހާން ސިޓީން ފެނި ދުނިޔޭގެ އެތަށް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރިގެންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބައްޔަށް ޝައްކުވެގެން ބައެއް ފަރާތްތަކުން ޓެސްޓްތައް ހެދި ނަމަވެސް، އެންމެން ވަނީ ނެގެޓިވް ވެފަ އެވެ.

މިހާތަނަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން 93،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 3،000 އަށް އަރާފަ އެވެ. ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ، 50،800 އެވެ. އާންމު ގޮތުގައި ބަލި ޖެހިގެން މަރުވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި މީހުންނެވެ.