04 Mar 2020, 09:42
ފުރާވަރު އުމުރުގައި ޖަލަށް ލައި 36 އަހަރު ވަންދެން ނުހައްގުން ޖަލުގައި ބޭތިއްބި އެމެރިކާގެ ސްޓޭޓް މޭރީލޭންޑް، ބޯލްޓިމޯއަށް ނިސްބަތްވާ ތިން މީހަކަށް ބަދަލުގެ ގޮތުގައި 2.9 މިލިއަން ޑޮލަރު ދިނުމަށް ބޯޑް އޮފް ޕަބްލިކް ވޯކްސް އިން ނިންމައިފި އެވެ.
ބޯލްޓިމޯގެ ތިން މީހެއް ކަމަށްވާ އަލްފްރެޑް ޗެސްޓްނަޓް އާއި ރެންސަމް ވޮޓްކިންސް އަދި އެންޑްރޫ ސްޓުވާޓް އަށް ވަކި ވަކީން 2.9 މިލިއަން ޑޮލަރުގެ ކޮންޕެންސޭޝަނެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މީގެ 36 އަހަރު ކުރީން އެ ތިން މީހުން ޖަލަށް ލާފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެއް މަރާލި ކަމުގެ ދައުވާކޮށްފައެވެ. އެއިރު އެ ތިންމީހުންނަކީ 16 އަހަރު ކުދީންނެވެ.
ބޯލްޓިމޯ ފުލުހުން 1983 ވަނަ އަހަރުގައި ބުނެފައިވަނީ ހާލެމް ޕާކް ޖޫނިއާ ހައި ސްކޫލުގައި 14 އަހަރުގެ ކުޑަކުއްޖެއް މަރާލިކަމުގެ ތުހުމަތު އެ ތިން މީހުންނަށް ކުރެވޭ ކަމަށެވެ. އަދި ތިން މީހުންވެސް ޖަލަށް ލުމަށް ނިންމާފައިވަނީ ލިބިފައިވާ އެތައް ހެއްކާއި ގަރީނާއަށް ބެލުމެއް ނެތިއެވެ. ގިނަ ހެކިތައް ދައްކާގޮތުގައި އެ ކުޑަކުއްޖާ މަރާލާފައިވަނީ އެހެން މީހެއްކަން ސާބިތުވެއެވެ.
އެހެން މީހަކު، އެކުއްޖާ މަރާލި ކަން ސާބިތުވާ ހެކިތަކަށް، ޑިފެންސް އެޓާނީ އެހުމުން ބޯލްޓިމޯގެ ޕްރޮސެކިއުޓަރެއް ވަނީ ދޮގު ހަދާފައެވެ. އަދި އެފަދަ ރިޕޯޓެއް ނުވާ ކަމަށް ޕްރޮސެކިއުޓާ ހާމަކުރިއެވެ. އެ ރިޕޯޓު އެންމެ ފަހުން 2018 ވަނަ އަހަރުގައި ފެނިފައިވަނީ ޗެސްޓްނަޓް އަށެވެ. އޭނާ އެ ރިޕޯޓު ހޯދާފައިވަނީ ޕަބްލިކް ރެކޯޑްސް އަށް އެދިގެންނެވެ.
އެމީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގެ ހިސާބު ހަދާފައިވަނީ ފާއިތުވި ފަސް އަހަރު މެރީލޭންޑްގެ މީހެއްގެ އަހަރީ އާމްދަނީއަށް ބަލާފައެވެ. އެއީ އެވަރެޖްކޮށް 81،868 އެމެރިކާ ޑޮލަރެވެ. އެއަށްފަހު 36 އަކާ އެ އަދަދު ގުނަކޮށްފައިވެއެވެ.
ޕަބްލިކް ވޯކްސް އިން ބުނާގޮތުގައި މަސައްކަތް ކުރަނީ 2025 ގެ ކުރީން އެ ފައިސާ ތިން މީހުންނަށްވެސް ވަކި ވަކީން ދައްކައި ހަލާސްކުރުމަށެވެ.