05 Mar 2020, 08:54
"ހޭ ބޭބީ" ކުއްލިއަކަށް ފަހަތުން އިވުނު އަޑާއެކު އައިރީން ފަހަތް ބަލާލި އެވެ. އެއާއެކު އޭނާއަށް ރެއިލިން ދޫކޮށްލެވުނެވެ. ކިރިރާ ބަނޑު ފޮރުވާވަރުގެ އަތްކެނޑި ޓޮޕް ކޮޅަކާއި ކަކުލާ ހިސާބަށް އަންނަ ހަރުވާޅުކޮޅެއްގައި ހުރި އަންހެން ކުއްޖާ ފެނި އޭނާއަށް އިޔާންއަށް ބަލާލެވުނެވެ. އެ ކުއްޖާ ހުރީ އިޔާންގެ އަތުގައި އޮޅުލައިގެންނެވެ. އިސްތަށިގަނޑު ފަނެވެ. މޫނުހީވަނީ ފުއްބަސްތާއެއް ތެރެއަށް ލާފައި ނަގާފައި ހުރިހެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތް ކުލައިގެ ސަބަބުން ތުންފަތް ހީވަނީ ރަތް ލޭކޮޅެއް ހެންނެވެ. އައިރީންއިޔާން އަށް ބަލާލުމާއެކު އިޔާން ދުރުބަލާލާ އައިރީންއިން ނަޒަރު ވަކިކޮށްލި އެވެ. އައިރީންގެ ދެފައިން ވާގި ދޫވެ މީހާ އަރިއަޅާލި އެވެ. އެހެންނަމަވެސް އޭނާ ރެއިލިންގެ އެހީ ހޯދި އެވެ. ދެލޮލުން ހޯސްލާފައި ކަރުނަށް އޮހެމުންދިޔަ އިރު އިޔާން އާ މެދު އެތައް ޝަކުވާއެއް ކުރެވެމުން ދިޔަ އެވެ. އައިރީންއަށް ވަމުން ދިޔަ ގޮތް ފެނި އިޔާންގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާ އިތުރަށް ތުއިވެލާ އިޔާންއާއި ގާތްވެލި އެވެ. އޭނާގެ ޝަހާދަތް އިނގިލިން އިޔާންގެ ކޯތާފަތުގައި އަތް ހިންގާލި އެވެ. އެއާ އެކު އައިރީން ދެލޯ މަރާލީ އެ މަންޒަރު ނުބެލުމުގެ ގޮތުންނެވެ. އިޔާންގެ ސަބަބުން އަނެއްކާ ވެސް ޒަހަމްތަކެއް ހިތަށް ލިބިގެން ހިނގައްޖެ އެވެ. އިޔާން އައިރީން ގާތަށް ދާންވެގެން ފިޔަވަޅެއް އެޅިވެސް މެއެވެ. އެހެންނަމަވެސް ގާތުގައި ހުރި އަންހެން ކުއްޖާއާހެދި އޭނާއަށް އެކަން ކާމިޔާބު ވާގޮތް ނުވީ އެވެ. އައިރީންގެ ކުރިމަތީގައި އިޔާންގެ އަތުގައި ހިފައިގެން ގޮސް އެ ކުއްޖާ ވަނީ އެމީހުންގެ ކޮޓަރިއަށެވެ. ކުރިއެކޭ އެއްގޮތަށް ކޮޓަރި ތަޅުލި އަޑު އިވުނެވެ. ރޮވެމުން ދިޔަ އައިރީން އަމިއްލަ އަތުން އަނގަމަތީގައި އަތް އަޅާލީ އޭނާގެ ރުއުމުގެ އަޑު ނުކުތުނަ ނުދިނުމަށެވެ. އެހެންނަމަވެސް އެކަން އޭނާއަށް ކާމިޔާބެއް ނުކުރެވުނެވެ. އެތެރޭގައި ހުރި އިޔާންއަށް ވެސް އައިރީންގެ ރުއިމުގެ އަޑު އިވުނެވެ. އޭނާ ކުރިއަށް އަނެއްކާ ވެސް ފިޔަވަޅެއް އަޅާލި އެވެ. ހަލާލު އަނބިމީހާގެ ރުއިމުގެ އަޑާއެކު އޭނާއަށް ވެސް ދެލޯ މަރާލަން މަޖުބޫރުވި އެވެ. ލިބެން އުޅޭ ދަރިފުޅާ މެދު ވެސް ވިސްނާލެވުނެވެ. އެހެންނަމަވެސް އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް އިޔާން އަކަށް ނުކެރުނެވެ. އައިރީން ބަނޑުގައި އަތް ޖައްސާލިއެވެ. ލިބެން އުޅޭ ދަރިފުޅާ މެދު ވެސް ފިކުރު ކުރެވުނެވެ. އިޔާންގެ ފަރާތުން މި ދިޔަ ދުވަސްތަކުގައި އޭނާއަށް ލިބުނު ލޯތްބާއި އަޅާލުމަކީ ދެއްކުން ތެރި ކަމެއް ހެއްޔެވެ؟ އެއީ އޭނާއަށް އަނެއްކާ ވެސް އިތުރު ހިތްދަތިކަމެއް ދޭން އިޔާން ގެންގުޅުނު އުކުޅެއްހެއްޔެވެ؟ މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ގޮސް ކުރިން އޭނާ އުޅުނު ކޮޓަރިއަށް ވަނެވެ. އަނެއްކާ ބަނޑު ބޮޑުވުމުން އިޔާން އޭނާ ދެކެ ފޫހި ވީ ހެއްޔެވެ؟ އައިރީން ދެލޯ ފޮހުނު ނަމަވެސް ކަރުނަތަކަށް ހުއްޓުމެއް ނަ އެވެ. މަޑުމަޑުން އެނދުގެ އެއްފަރާތުގައި ލެނގިލައިގެން އިނުމަށް ފަހު އެނދުގައި ބޯ ޖަހާލި އެވެ. އައިރީންއަށް ނިދުނީ ވެސް އެހެން އިންދައެވެ. ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. މަޑުމަޑުން ދެލޯ ހުޅުވާލިއައިރީންގެ ނަޒަރު ސީލިންގަށް ހުއްޓުމާއެކު ފުންމައިގެން ތެދުވެވިއްޖެ އެވެ. އޭނާ އަށް އޮވެވުނީ އަމިއްލަ ކޮޓަރީގަ އެވެ. އެއްފަރާތަށް ބަލާލުމާއެކު ނިދިފައި އޮތް އިޔާން ލޮލުގައި އަޅައިގަތެވެ. އެއީ ފެނުނު ހުވަފެނެއް ހެއްޔެވެ؟ އޭނާ މިތަނުގައި އޮންނަން މި ޖެހުނީ ކީއްވެހެއްޔެވެ؟ އަނެއްކާ އިޔާން... ނޫނެކެވެ. އިޔާން އޭނާ ގެންނާނީ ކީކުރަން ހެއްޔެވެ؟
އިޔާންއަށް ބަލަން އެހެން އިންދާ އިޔާން ވެސް ދެލޯ ހުޅުވާލި އެވެ.
"ރީން" އިޔާން ތެދުވިއެވެ. އައިރީން އޭނާގެ ނިއުޅިފައިވާ އިސްތަށިގަނޑު އައްސާލިއެވެ. އެއަށްފަހު އެނދުން ތެދުވިއެވެ. ރޭގައި އެ ވީ ކަންތައް ތަކަކީ ހުވަފަނެއް ނޫނެވެ. އެއީ ހަޤީގަތެކެވެ. ތެދުވެގެން އިޔާންވެސް އައިސް އައިރީން ގާތަށް ހުއްޓުނެވެ.
"ރީން" އިޔާން އައިރީންގެ އަތުގައި ހިފެއްޓުމާ އެކު އައިރީން އެއަތް ފޮޅުވާލި އެވެ. އިޔާން ހީކުރަނީ ކީކޭ ކަމަށްހެއްޔެވެ؟ ހިލޭ އަންހެނުން ގޮވައިގެން ކޮޓަރިއަށް ވައްދައިގެން ސަކަރާތް ޖަހާއިރު އޭނާ ހަނު ހުންނަން ވީހެއްޔެވެ؟ އޭނާގެ ނަސީބުގައި ލިޔެވިފައި ވަނީ ހަމައެކަނި ހިތާމައާއި ހިތްދަތިކަން ހެއްޔެވެ؟ ލޮލުން ކަރުނަ އަންނަން ފެށުމާއެކު އައިރީން އަނެއްފަރާތަށް މޫނު އަނބުރާ ލިއެވެ.
"ސޮރީ" އައިރީން ގެނެސް އެމޭގައި ލައްކޮށްލަމުން އިޔާން ބުނެލި ނަމަވެސް އައިރީން އިޔާންއާ ދުރުވެލާ ލޯ އަޅާލި އެވެ. އެވަގުތު އިޔާން އާ ދިމާލަށް ބުނާނީ ކީކޭކަމެއް އޭނާގެ ހިތަކަށް ވެސް ނައެވެ. އައިރީން މަންމަނަކަށް ވިފަދައެވެ. އިޔާންދެކެ އޭނާ ހާދަ ލޯބިވިއެވެ. އެހެންނަމަވެސް އަނެއްކާވެސް އެ ލޯބީގައި ކޮޅުފައިން އެ ޖެހީ އިޔާންއެވެ. އޭނާއަށް އޮތްގޮތަކީ ހިތްވަރު ކޮށްފައި އިޔާންއާ ވަކިވުން ހެއްޔެވެ؟ ނޫނެކެވެ. މިހާރު އަމްދުން އޭނާ އިޔާންއާ ވަކިވާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އިޔާން އާއެކު ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އެހެންނަމަވެސް.....
"އިޔާންއަށް ކޮންކަމެއް ކޮށް ނުދެވިގެންތަ ތިހެން ތި ކަންތައް ކުރަނީ... ކޮންމެ ފަހަރަކު އަހަންނަށް ތިހެން ކަންތައް ކޮށްފައި ދެރަކޮށްލާފައި ސޮރީ ބުނީމަ އެ ހުރިހާ ކަމެއް ނިމުނީތަ؟ އަހަރެންގެ ވެސް މި އޮންނަނީ ހިތެކޭ... ހަރު ހިލަގަނޑެއް ނޫނޭ..." އައިރީން ބާރަށް ބުނެލި އެވެ. އިޔާން އަށް އިސްޖަހާލެވުނެވެ. އައިރީންއާ މެދު އޭނާ ކަންތައް ކުރީ ކުރަން ވާނޭ ގޮތަކަށް ނޫނެވެ. އަތް ހިއްލާލަމުން އައިރީންގެ ކޯތާފަތުގައި ފިރުމާލަން އުޅުނު ވަގުތު އައިރީން އެ އަތުގައި ހިފައްޓަމުން ދެފަރާތަށް ބޯ ހޫރާލި އެވެ. އެއަށް ފަހު އޭނާ ގޮސް ވަނީ ފާހާނާއަށެވެ. އިޔާންއަށް ބަލާލުމެއްވެސްނެތި މުސައްލަ ނަގައިގެން އައިސް ނަމާދު ކުރަން ތައްޔާރުވެލި އެވެ. އިޔާން ވެސް އިތުރު އެއްޗެއް ނުބުނެ ގަސްތުކުރީ މިސްކިތަށް ދާށެވެ. މިސްކިތުން އައިސް އޭނާ އައިރީންއާ ވާހަކަ ދައްކާނީ އޭ ހިތާއެވެ. އެ ދުވަހު ހަތަރު ދަމު އައިރީން އިޔާންއާ އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކަ އެވެ. އޭނާ ހިތުގެ ހާކު ގޭ މީހުންނަށް ސިއްރުކުރެވޭތޯ މަސައްކަތް ކުރިނަމަވެސް ޒަލަފްއަށް އައިރީންގެ މާޔޫސީ ކުލަވަރު ދެނެގަނެވުނެވެ. ހަވީރު ފިނީގައި ބަގީޗާ ގަސްތަކުގެ ތެރޭގައި އައިރީން އެކަނި އިންދާ ޒަލަފް ގޮސް ކައިރިއަށް ހުއްޓުމާއެކު އައިރީން ސިހުނެވެ. ނިކަން އަވަސް އަވަހަށް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިނަމަވެސް ޒަލަފް އަށް އެ މަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ.
"ދޮންބެ ދައްތާ؟" ޒަލަފް އަށް ގޮވާލެވުނެވެ. އައިރީން ރޮމުން ދިޔަތަން ފެނި އޭނާ ކަންބޮޑުވި އެވެ.
"ކީކޭ ޒެލް؟" ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަ އައިރީން ބެލީ ވީހާވެސް ނޯރމަލް ކޮށް ވާހަކަ ދެއްކޭތޯ އެވެ.
" ދޮންބެ ދައްތާ! އަނެއްކާ ކަމެއްވީތަ؟ ކިހިނެތްވީ އެކަނި އިނދެގެން ތި ރޮނީ... ދޮންބެ އެއްވެސް އެއްޗެއް ބުނީތަ؟" ހާސްވީ ވަރުން އެއްފަހަރާ އެތައް ސުވާލެއް ޒަލަފްއަށް ކޮށްލެވުނެވެ. އައިރީޏް ދެފަރާތަށް ބޯ ހޫރާލިއެވެ.
"ޒެލް... އަހަރެން ބޭނުންއެކަނިވެލަން ވަގުތު ކޮޅެއް..." އައިރީން ޒަލަފްއަށް ބަލާލިއެވެ. ޒަލަފް ބޯ ޖަހާލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ބޮޑުކޮޓަރިން އޭނާއާ އިޔާންއާ ދިމާވި އެވެ. އައިރީންގެ ވާހަކަ ޒަލަފް ބުނުމާއެކު އިޔާންގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުން ފެނުނެވެ. އެއާ އެކު ޒަލަފްއަށް ޖަވާބު ދިނުމެއްނެތި އޭނާ ބަގީޗާއާ ދިމާލަށް ދުއްވައިގަތެވެ. އައިރީން ބެންޗުގައި އިންތަން ފެނި މަޑު ހިނގުމެއްގައި އޭނާ ގޮސް ގޮނޑީގެ އެއްފަރާތުގައި މަޑުކޮށްލި އެވެ. އިސް އުފުލާލި އައިރީން އިޔާން ފެނުމުން ގޮނޑިން ތެދުވެގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
"ރީން" އިޔާން ގޮވާލިނަމަވެސް އައިރީން މަޑެއްނުކުރި އެވެ. އިޔާން ދުވެލާފައި ގޮސް އައިރީންގެ އަތުގައި ހިފެއްޓުމާ އެކު އައިރީން އިޔާންގެ އަތް ފޮޅުވާލާފައި ޝަހާދަތް އިނގިލި އިޔާން އާ ދިމާލަށް ދިއްކޮށްލީ އޭނާގެ ގައިގައި އަތް ނުލާށޭ ބުނެ އިންޒާރެއް ދޭފަދައަކުންނެވެ. އެ މަންޒަރު ދުރުގައި ހުރި ޒަލަފްއަށް ވެސް ފެނުނެވެ.
*****
ހަވީރު އާމިރު އޮފީހުން އައުމާއެކު ފަލަކް ޒަލަފްއާއި ރަޔާގެ ވާހަކަ އާމިރު އާ ހިއްސާކުރި އެވެ.
"ޒަލަފްއަށް ކަމުދިޔަޔަސް ރަޔާގެ ޚިޔާލެއް ވެސް ބަލާލަން ވާނެ އެއްނު... ޒަލަފް ކައިވެނި ކުރަން ބޭނުންވިއްޔާ އަހަރެންގެ މައްސަލައެއް ނެތް... ރަޔާގެ ޚިޔާލެއް ވެސް ބޭނުންވާނެ އެއްނު... އަނެއްކޮޅުން ހިލޭ ކުއްޖަކު ގޭގައި އެހެން ހުރުން ވެސް ރަނގަޅެއްނުވާނެ... އަހަރެންއެހީވެ ދީފާނަން ރަޔާއަށް... އެކަމަކު ރަޔާ އާ ވެސް ވާހަކަ ދައްކާލާފަ ދޯ" ކަރުގައި އޮތް ޓައީ ދޫކޮށްލަމުން އައިސް އެނދުގައި އިށީން އާމިރު ވާހަކަ ދެއްކިއެވެ. ފަލަކް ބޯ ޖަހާލި އެވެ.
"ރަޔާވެސް ޒަލަފް އާ ކައިވެނި ކުރަން ބޭނުންނަމަ ހަމަ ކުރަންވީ... އަހަރެންގެ މައްސަލަ އެއް ނެތް... އެކަމަކު ކައިވެނީގެ ކުރިން ރަޔާ ޖެހޭނީ އެހެންތާކު އުޅެން... އަހަރެން ތަނެއް ހަމަ ޖައްސަދޭނަން..." އާމިރު ހިނިތުންވެލިއެވެ. އޭނާ ބުނީ އަމްޖަދު އާ ވާހަކަ ދައްކާނޭކަމުގައެވެ.
"އަނެއްކާ ޒަލަފް އަކީ ކޮންކަހަލަ ކުއްޖެއްކަން ރަޔާއަށް އެނގޭދޯ... ޒަލަފްގެ ބަލި ހާލަތާ ހުރިހާ އެއްޗެއް ވެސް ރަޔާ އަށް އެނގެން ޖެހޭނެއެއްނު... ޒަލަފްއަށް ބުރަ މަސައްކަތް ނުކުރެވޭ ކަމާއި ޒަލަފްގެ ބައްޔާ ބެހޭ މައުލޫމާތު ވެސް ދޭން ޖެހޭނެ" އާމިރުގެ ވާހަކަތަކަށް ފަލަކް ޖަވާބުދެނީ ހިނިތުންވުމަކުންނެވެ. އާމިރު ވެސް އެ އަންހެން ކުއްޖާ އާ ޤަބޫލުކަން އެނގުމުން ފަލަކްގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އޭނާ ބޭނުންވީ އެ ވާހަކަ އަޝްރާ އާ ހިއްސާކުރާށެވެ. އާމިރު އެނދުން ތެދުވުމުން ފަލަކް އައިސް އާމިރުގެ ގަމީހުގެ ގޮށްތައް ނައްޓައިދޭން ފެށިއެވެ. އެކީގައި އުޅޭތާ ކިތަންމެ ދުވަހެއްވިޔަސް އަދި ވެސް އެ ދެމެދުގައި ވަނީ ފުރަތަމަ ދުވަހުވެސް އޮތް ފަދަ ވަރުގަދަ ލޯތްބަކެވެ. ބަދަލެއް ނުވާ ދާއިމީ ލޯތްބެކެވެ.
*****
އޭގެ ދެ ދުވަސްފަހެވެ. އައިރީން މިރޭ ވެސް ހުރީ ބެލްކަނީގަ އެވެ. އިޔާންގެ އިންތިޒާރުގަ އެވެ. މި ދެރޭ އެފަދަ އެއްވެސް ކަމެއް އިޔާންގެ ފަރާތުން ނުހިނގާތީ އޭނާ އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔަ އެވެ. އެހެންނަމަވެސް އެލިބުނު ކުޑަ ހަމަޖެހުން މިރޭ ވެސް ނަގާލީ އިޔާން އެވެ. މިރޭ ވެސް އައީ އެ އަންހެން ކުއްޖާ ގޮވައިގެންނެވެ. އައިރީން ވަނީ އޭނާ ކުރިން ވެސް ވަތް ކޮޓަރިއަށެވެ. ރަޔާގެ ޚިޔާލުގައި އޮތް ޒަލަފް ދިޔައީ ރަޔާގެ ފަރާތުން އޭނާއަށް ލިބޭނެ ޖަވާބަކާ ދޭތެރޭ ވިސްނަމުންނެވެ. ނިދިވެސް ވަނީ އެތަސް ހާސްމޭލެއް ދުރުގަ އެވެ. އެންމެ ފަހުން ތެދުވެ ގަޔަށް ޓީޝާޓެއް މަހާލަމުން އޭނާ ބެލްކަންޏަށް ނުކުތެވެ. އޭރު އައިރީން ކުރިން އުޅުނު ކޮޓަރި ވެސް ހުރީ ދިއްލާފަ އެވެ. ކުޑަކޮށް ހައިރާންވި ޒަލަފް ފުން ނޭވާއެއް ދޫކޮށްލި އެވެ. އެތަނުގައި އޭނާ ހުންނަތާ އިރުކޮޅެއް ފަހެވެ. އިޔާންގެ ކޮޓަރި ހުޅުވާލި އަޑަށް އޭނާ ބަލާލި އެވެ. އެއާ އެކު ލިބުނު ސިހުމުގައި އޭނާއަށް ހިން ދިރުވާލެވުނެވެ. އެތެރޭން ނުކުތް އަންހެން ކުއްޖާ ފެނިފަ އެވެ. ޔަޤީން ނުކުރެވިގެން ދެފަހަރަކު އެސްފިޔަވެސް ޖަހާލި އެވެ. އެހެންނަމަވެސް މަންޒަރު ބަދަލެއް ނުވި އެވެ. އެ ކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް އިޔާން ވެސް ނުކުތެވެ.
"ޒާނާ" ޒަލަފްގެ ދެ ތުންފަތް ފޫ ދުދުއްވާލާފައި ނުކުތް ޒާނާގެ ނަމާ އެކު އޭނާއަށް ބަލާލެވުނީ އިޔާންގެ މޫނަށެވެ. (ނުނިމޭ)