04 Mar 2020, 08:31
ތުރުކީގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރެވޭ ތަކްފީރީ ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގާ އިދްލިބްގެ މުހިއްމު ސިޓީއެއްކަމަށްވާ ސަރާގިބަށް ސޫރިޔާ ސިފައިން ވަދެއްޖެއެވެ.
ނޫސްއެޖެންސީތައް ބުނާގޮތުން ސަރާޤިބް އަށް ސޫރިޔާ ސިފައިން ވަނީ ރަޝިއާ ސިފައިން ވައިގެ މަގުން ދިންވަރުގަދަ ޙަމަލާތަކާއެކު ސޫރިޔާގެ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާދެމެދު ހިނގި ހަނގުރާމައިގާ އިދިކޮޅު ހނގުރާމަވެރިން އެރަށްދޫކޮށް ފިލައިގެންދިޔުމުން ރޭގެ ވަގުތެއްގައެވެ. މިއީ ސޫރިޔާ ސިފައިން ސަރާޤިބް މިނިވަންކުރި ދެވަނަ ފަހަރެވެ.
މިދިޔަ މަހުގެ ކުރީކޮޅު ސޫރިޔާ ސިފައިން ސަރާޤިބް މިނިވަންކުރިނަމަވެސް ގަވައިދާ ޚިލާފަށް ސޫރިޔާއަށް ވަދެގަނެގެންއުޅޭ ތުރުކީ ސިފައިންނާއި ތުރުކީގެ މަދަދުލިބޭ ސޫރިއާގެ އިދިކޮޅު ހަނގުރާމަވެރިން ދިން ޙަމަލާތަކެއްގައި އޭގެ ހަފްތާއެއްހާދުވަސްފަހުން ސަރާޤިބްވަނީ ސޫރިޔާ ސިފައިންގެ އަތުން ބީވެގެން ގޮސްފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ސޫރިޔާ ސިފައިން ރޭ އަނެއްކާ މިވަނީ ސަރާޤިބް މިނިވަންކޮށްފައެވެ.

ސޫރިޔާ ގެ ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހި މަގުމަތިުވެ ރެފިއުޖީންނަށްވެފައިވާ ސޫރިޔާގެ ރައްޔިތުން
މީގެއިތުރުން ސޫރިޔާ ސިފައިންވަނީ އިދްލިބްގައި ތުރުކީ ސިފައިން ގާއިމް ކޮށްފައިވާ އަސްކަރީ ޗެކްޕޮއިންޓްތަކުގެ ތެރެއިން އިތުރު ޕޮއިންޓްތައް ހިސާރުކޮށް އޭގެތެރެއިނ ބައެއް ތަންތަނަށް ޙަމަލާވެސް ދީފައެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންވަނީ އިދްލިބްގައި ތުރުކީ ސިފައިން ގާއިމް ކޮށްފައިވާ އަސްކަރީ ޗެކްޕޮއިންޓް ތަކުގެ ފަހަތަށް ސޫރިޔާ ސިފައިން ޖެހުމަށް މިދިޔަ މަހުގެ ކުރީކޮޅު މުހުލަތެއް ދީފައެވެ. ނަމަވެސް ސޫރިޔާ ގެ ބިމަށް ގަވައިދާ ޚިލާފަށްވަދެ ސޫރިޔާގެ ބިމުގައި ސޫރިޔާ ސިފައިން ފަހަތަށްޖެހުމަށް އަމުރުކުރައްވަމުން ގެންދަވާ އެރުދުޣާން ދެއްވި ސުންގަޑިއަށް ސޫރިޔާ ސިފައިން ސަމާލުކަން ދީފައެއް ނުވެއެވެ. އޭގެބަދަލުގައި ސޫރިޔާ ސިފައިންވަނީ ތުރުކީގެ އިތުރު ޗެކްޕޮއިންޓްތައް ހިސާރުކޮށްފައެވެ.
އަނެއްކޮޅުން މިދިޔަ ހޮނިހިރު ދުވަހު ސޫރިޔާ ސިފައިންވަނީ އިދްލިބްގައިވާ ތުރުކީ ސިފައިން ޖަމާވެފައިވާ މަރުކަޒަތަކަށް ވައިގެ ކުއްލި ޙަމަލާތަކެއްދީ ތުރުކީ ސިފައިންގެ 30 މީހުން މަރާލައި އިތުރު 60 މީހުން ޒަޚަމްކޮށްލާފައެވެ. ނަމަވެސް އެރުދުޣާން ދިން ސުންގަޑި ކަމަށްވާ ފެބްރުއަރީ މަސް ނިމުމާއެކު އާދީއްތަދުވަހު ތުރުކީ ސިފައިންވަނީ އިދްލިބްގައިވާ ސޫރިޔާ ސިފައިންގެ އެތަށް ތަނަކަށް ބޮޑުބަޑިންނާއި ޑްރޯނުން ޙަމަލާ ދީ ސޫރިޔާ ސިފައިންގެ އެތަށް ބަޔަކު މަރާލާފައެވެ. އަދި ހޯމަދުވަހު ތުރުކީ ސިފައިންވަނީ ސޫރިޔާގެ އަސްކަރީ ދެ މަތިން ދާ ބޯޓުވެސް ވައްޓާލާފައެވެ.
ނަމަވެސް ސޫރިޔާ ގެ ވައިގެ ސަރަހައްދަށް ވަންނަ އަސްކަރީ ކޮންމެ އެއްޗެއް ވައްޓާލާނެކަމުގެ އިންޒާރު ރަޝިއާއިން ދީފައިވާތީ ތުރުކީގެ އަސްކަރީ ފައިޓާޖެޓްތައް އިދްލިބް އަށް ފޮނުވަން އެރުދުޣާން އަށް ކެރިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ތުރުކީގެ އެއްގަމު ހަމަލާތަކާއެކުވެސް ސޫރިޔާ ސިފައިން ގެންދަނީ އިދްލިބްގެ އަވަށަކަށްފަހު އަވަށެއް މިނިވަންކޮށް ހަނގުރާމައިގާ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ.

އިދްލިބް ހަނގުރާމައާ ގުޅިގެން ސޫރިޔާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ތުރުކީ ސަރަހައްދީ ރޮނގާ ދިމާއަށް ދަތުުރު ކުރަނީ
އިދްލިބަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި ތުރުކީއާއި ގަލްފުގެ ބައެއް ގައުމުތަކާއި އެމެރިކާފަދަ ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާއެކު 2011 ވަނައަހަރު ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ފެށި ދާޚިލީ ހަނގުރާމައިގާ ސޫރިޔާގެ ދެކުނާއި މެދާއި އިރުމަތީ ސަރަހައްދުތަކުގައި އެޖަމާއަތްތައް ބަލިވުމުން އެޖަމާއަތްތަކުގެ ހަނގުރާމަވެރިން ފިލަންދިޔަ ދިޔަ ސަރަހައްދެވެ. އިދްލިބަށް ފިލަންދިޔަ ހަނގުރާމަވެރިންގެ ތެރޭގައި ބައްޝާރުގެ ސަރުކާރު ވައްޓާލުމުގެ ހަނގުރާމައިގާ ބޮޑު ދައުރެއް އަދާކުރި ތަކްފީރީ ޖަމާޢަތްތަކުގެ ހަނގުރާމަވެރިންވެސް ހިމެނެއެވެ.
ޖަބްހަތުއްނުސްރާފަދަ ތަކްފީރީ ޖަމާއަތްތަކާ ގުޅުމަށް ޖިހާދުގެ ނަމުގައި ސޫރިޔާއަށްދިޔަ އެކި ގައުމުތަކުގެ ހަނގުރާމަވެރިން ސޫރިޔާއަށްވެއްދުމުގައި އެހީތެރިވެފައިވަނީ ތުރުކީންނެވެ. ސޫރިޔާގެ ހަނގުރާމައިގެ ކުރީކޮޅު ތުރުކީގެ މަޤްސަދަކީ އިދިކޮޅު ހަނގުރާމަވެރިން ބޭނުންކޮށްގެން ބައްޝާރުގެ ސަރުކާރު ވައްޓާލުންކަމަށްވިޔަސް އެއީ ކުރެވޭނެކަމެއް ނޫންކަން ޔަޤީންވުމުން ތުރުކީގެ މަގްސަދު ބަދަލުވިއެވެ. އިދްލިބް ހަނގުރާމައިގެ ތެރެއަށް ތުރުކީ މިހާރު ވަންނަނީ އެހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ރެފިއުޖީންގެ ކިބައިން ސަލާމަތްވުމުގެ މަގްސަދުގައެވެ.
އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމަ ސޫރިޔާ ސިފައިން ފެށީ އިދްލިބަށް ޖަމާވެފައިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ތަކްފީރީ ހަނގުރާމަވެރިންގެ ދާއިމީ ހިޔާވެއްސެއްގެ ގޮތުގައި ތުރުކީގެ ކޮންޓްރޯލްގެ އޮންނަ ޚާއްސަ ސަރަހައްދެއްގެ ގޮތުގައި އިދްލިބް ހެދުމުގެ ރޭވުމެއް ތުރުކީން ގެންގުޅޭކަން ހާމަވުމުންނެވެ. ބައިނަލްއަގްވާމީ ގޮތުން އިއްތިރާފް ވެފައިވާ ސޫރިޔާގެ ސަރުކާރަކީ ބައްޝާރުގެ ސަރުކާރު ކަމަށްޥާއިރު އެސަރުކާރުގެ ހުއްދައަކާނުލައި ތުރުކީވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އިދްލިބް ގެ އިތުރުން ފުރާތުކޯރުގެ އިރުމަތީގައިވާ ސޫރިޔާގެ ކުރުދީ ސަރަހައްދުތަކަށްވެސް ވަދެގަނެ އެތަންތަނުގައިވެސް ފައިހަރުކޮށްފައެވެ.
މިއާއެކުވެސް ސޫރިޔާގެ ހަނގުރާމައިގާ ތުރުކީގެ މަގްސަދުތައް ހާސިލް ކުރެވިފައެއް ނުވެއެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ މަގްސަދު ހާސިލްވެފައިނުވާއިރު ތުރުކީ ދެކޮޅު ހަދަމުން ދަނިކޮށް ސޫރިޔާސިފައިންވަނީ ހަމާއާއި ހަލަބްވެސް މީގެ ދެއަހަރުކުރިން މިނިވަންކޮށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.
އިދްލިބް ހަނގުރާމަ ކުރިޔަށް ގެންދިޔުމުގައި ސޫރިޔާ ސިފައިންގެ ސްޓްރެޓޖިކް އަނެއް ބޭނުމަކީ ވެރިރަށް ދިމިޝްޤާއި ސޫރިޔާގެ ހުޅަނގު އުތުރުގެ ޕްރޮވިންސްތައް ގުޅުވައިދޭ ހައިވޭކަމަށްވާ "އެމް ފައިވް" މިނިވަން ކުރުމެވެ. މި ހައިވޭގެ ބޮޑުބައެއް އިދްލިބްގެ ތެރޭގައިވާއިރު ދިމިޝްޤު ހިސާރުކުރުމުގައި އިދިކޮޅު ހަނގުރާމަވެރިން އެ ހައިވޭގެ ބޭނުންކުރަމުން ގެންގޮސްފައިވެއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރުމަހު ފެށި އިދްލިބްގެ ހަނގުރާމައިގާ މި ހައިވޭވެސް މިހާރުވަނީ ސޫރިޔާ ސިފައިންގެ ކޮންޓްރޯލުގެ ދަށުގައެވެ.
މީގެއިތުރުން ތަކްފީރީ ހަނގުރާމަވެރިން އިދްލިބުން ނައްތާލުން ނޫނީ އެމީހުން ތުރުކީގެ ތެރެއަށް ފޮނުވާލުމަކީވެސް އިދްލިބް ހަނގުރާމައިގާ ހާސިލްކުރަން ސޫރިޔާ ސިފައިން ބޭނުންވާ މަގްސަދެކެވެ.
ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން ސޫރިޔާ މުޅިން ފުނޑުފުނޑުވެ ހާލުގައިޖެހުނު 10 މިލިޔަން ރެފިއުޖީންގެ ތެރެއިން ތުރުކީގައި މިހާރުވެސް ސޫރިޔާގެ ތިނެއް ޕޮއިންޓް ހައެއް މިލިޔަން ރެފިއުޖީން އެބަތިއްބެވެ. އެމީހުންނަށް އަސާސީ ޚިދްމަތް ދިނުމަށްޓަކައި ތުރުކީން ކޮންމެ އަހަރަކު އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކުރާއިރު އިތުރު ރެފިއުޖީންނާ ޙަވާލުވުމަކީ އިގްތިސާދީގޮތުން ތަޙައްމަލު ކުރެވޭނެކަމެއް ނޫންކަމަށް ތުރުކީ ބުނެއެވެ.
އަނެއްކޮޅުން އިދްލިބް ހަނގުރާމައިގެ ސަބަބުންވެސް ތުުރުކީއަށްވަނީ ފަސްލައްކަ އެއްހާ ރެފިއުޖީން ވަދެފައެވެ. އެމީހުންގެ ބުރަ ބޮޑުކަމުން ތުރުކީ މިހާރުވަނީ ތުރުކީ ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް ދިޔުމުގެ ދޮރު އެމީހުންނަށް ހުޅުވާލާފައެވެ. މިިކަމުގެ ސަބަބުން ޔޫރަޕްގެ ގައުތައް ރުޅިއައިސްފައިވާއިރު އެރުދުޣާންވަނީ ރެފިއުޖީންގެ ބުރަ އުފުލުމުގައި ޔޫރަޕް ބައިވެރިވާންޖެހޭ ކަަމަށް ވިދާޅުވެ ޔޫރަޕްގެ ގައުމުތަކަށް އިންޒާރެއް ދެއްވާފައެވެ.
ނަމަވެސް ރެފިއުޖީންގެ މި ބޮޑު މައްސަލަ ތުރުކީއަށް ކުރިމަތިވީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތުމުގެ ސަބަބުންނެވެ.