ކުޅުދުއްފުށީގެ ރޯހައުސްތައް މަރާމާތުކުރަން ފެނަކައިން ޓިކްޓެކް އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު އަސްލަމް އެވެ. އަދި ފެނަކައިފެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.

އެ މަސައްކަތް ޓިކްޓެކްއާ ހަވާލުކުރީ 90 ދުވަހުން ނިންމާ ގޮތަށް 11.5 މިލިއަން ރުފިޔާ އަށެވެ.

މިއީ ފެނަކައިން ސަބްކޮންޓްރެކްޓަށް ހަވާލުކުރި މަސައްކަތެކެވެ.

އެ ރޯހައުސްތައް މަރާމާތުކުރަން ހައުސިން މިނިސްޓްރީއާ ފެނަކައިން ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ތޭވީސް މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ 190 ދުވަސްތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށީގެ މާފަލުހިޔާގައި ހުރި 40 ރޯހައުސް އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މާފަލުހިޔާގައި ހެދި ރޯހައުސްތައް މިހާރު ވަނީ ހަލާކުވެ މަރާމާތަށް ވަރަށް ބޮޑަށްް ބޭނުންވެފަ އެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ރޯހައުސްތަކުގެ ތަޅުދަނޑި ވެސް ހަވާލުކުރި އެވެ. ނަމަވެސް އެތަން ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި ހުރުމުން މީހުންނަކަށް ނުވަދެވުނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯހައުސްތައް އެޅުމަށް ހަވާލުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް މީހުން އުޅެން ފަށައިފައި ވަނީ ކަނބޯރަނިހިޔާ ސަރަހައްދުގައި ހެދި 25 ރޯހައުސްގައި އެކަންޏެވެ.

އެސިޓީގެ ބަންޑާރަހިޔާގައި ހަދަން ފެށި 100 ރޯހައުސްގެ މަސައްކަތް ހުއްޓިފައި އޮތް ގޮތަށް އަދި ވެސް އޮތީ އެވެ.