ކޮންމެ ދުވަހަކުވެސް އެތަށްބައެއްގެ ރޯ ބުހުތާނު ދޮގުތަކެއް އެބަ އަޑުއަހަން ޖެހެ އެވެ. ތަނަކަށްދާން ލަސްވާއިރުވެސް، މިފައިބަނީ، މި ފެންނަނީ، ނޫނީ "އޮން ދަ ވޭ" އެއްގައެވެ. އެކަމަކު ރަނގަަޅަށްވިއްޔާ އަދި ފެންވަރާވެސް ނުނިމޭނެ އެވެ. މިހެން ގޮސް، ދޮގަކަށްފަހު ދޮގެއް ހަދަމުން ހަދަމުންގޮސް ކިތަންމެ ބޮޑު ދޮގެއްވެސް ހަދަން ކެރެ އެވެ. މިހުރިހާ ހާސަރުތަކުން ސަލާމަތްވެ މީހަކު ދޮގުހަދާކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟

1. މާގިނަ ތަފްސީލްތައް ދޭނަމަ ނުބައެއް އެބައުޅޭ

އެޗްއާރް އެކްސްޕާޓް އަދި ތެރަޕިސްޓެއްކަމުގައިވާ ލައޮރާ މެކްލިއޯޑް ވިދާޅުވާގޮތުން މީހަކު ކުރާ ސުވާލަކަށް އަހާ މިންވަރަށްވުރެ އިތުރަށް ޖަވާބުދިނުމަކީ އާންމުކޮށް ދޮގުހަދާ މީހުންގެ އާދައެކެވެ. އެއީ އެމީހެއްގެ ވާހަކަގަނޑު ގަބޫލުކުރުވުމަށް ނުވަތަ ކޮންވިންސް ކޮށްދިނުމަށް ކުރާ ކަމެކެވެ.

2. އިތުރަށް ސުވާލުކުރުމުން މާބޮޑަށް "ޑިފެންސިވް ވުން"

ދޮގުހަދާހެން ހީވެގެން ނަމަވެސް، އިތުރު ތަފްސީލުތަކެއް އެމީހެއްގެ ގާތުން އަހާނަމަ ގިނަފަހަރު ވަރަށް ރުޅިގަދަވާނެއެވެ. "އިތުބާރު ނުކުރަނީތަ؟ ހާދަހާ ސުވާލު ގިނައޭ" މިފަދައިން ބަސްތައް ބުނެ، މާބޮޑަށް އޮފެންޑްވެ ނޫނީ ޑިފެންސިވް ވެދާނެ އެވެ. މިފަދައިން ބުނުމުން ގިނަފަހަރު އެ ސުވާލުކުރާ މީހާ ކުށްވެރިކުރެވި، މުޅި ވާހަކައިގެ ރާގު އިސާހިތަކު ބަދަލުވެދާނެ އެވެ.

3. މޫނު ނުވަތަ ގައި ހިރުވުން

ސެކިއުރިޓީ އެކްސްޕާޓްއެއް ކަމުގައިވާ މައިކަލް ޖޯސަމް ވިދާޅުވާގޮތުގައި މީހަކު ދޮގުހަދަނީ ވަރަށް ހާސްވެގެން ހުރެގެން ކަމުގައިވާނަމަ ލޭމަތިވެ، މޫނު ހިރުވުން ފަދަ ކަންކަން ދިމާވެއެވެ. ހަމައެޔާއެކު ދިގު ހަދާ ވަގުތުގައި އަނގަމަތީ އަތްއަޅާ، ނުވަތަ މޫނު ނުފެންނަހެން ހުރެގެން ވާހަކަދައްކައެވެ.

4. ހަތަރުކަޅި ހަމަނުކުރުން އަދި މާބޮޑަށް ކުރުން

މިއީ ވަރަށް ގިނަ މީހުން ބުނާ ވާހަކައެކެވެ. ހަތަރުކަޅި ހަމަކޮށްފައި ދޮގެއް ހަދަން ވަރަށް އުނދަގޫވާނެއެވެ، ސަބަބެއް ކަމުގައި ގިނަބަޔަކު ބުނަނީ އެ ދޮގެއް ހަދާ މީހާ ކޮންމެވެސް ވަރަކަށް ލަދުގަނެ އެއީ ގޯހެއްކަން ގަބޫލުކުރެވުމެވެ. ހަމައެޔާއެކު، މިކަން އެނގިހުރެ ދޮގެއް ހަދާއިރު މާބޮޑަށްް ގަދަކަމުން އަނެކާގެ ލޮލަށް ބަލައިގަން އެކަން މާ ބޮޑަށް ދައްކަން އުޅުމަކީވެސް ދޮގުހަދާމީހަކު ކޮށްފާނެ ކަމެކެވެ.

5. އަނގަ އޮޅުން

ސުވާލެއް ކޮށްލާއިރަށް ޖަވާބުދޭން އުނދަގޫވެ މާ ބޮޑަށް އަނގަ އޮޅޭކަމުގައިވާނަމަވެސް ކޮންމެވެސް ވަރަކަށް އެކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ކެރިއާ ކަައުންސިލާއެއްކަމުގައިވާ ބްރޫސް ހުރްވިޓްޒް ވިދާޅުވާގޮތުގައި، ވަޒީފާގެ އިންޓަވިއުތަކުގައި ދޮގުހަދާނަމަ އެކަން އެންމެ ފަސޭހައިން އިނގެނީ މިކަމުންނެވެ. އެ މީހަކު ބުނަން އުޅޭ އެއްޗެއް ނުބުނެވި ބޭކާރު އެތައް ވާހަކައެއް ދައްކާ، އަސްލު ޕޮއިންޓައް ނާދެވިގެން އުޅޭނަމަ މިއީ ކޮންމެވެސް ވަރެއްގެ ނިޝާނެކެވެ. ހަމައެޔާއެކު އަސްލު ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ކޮންމެވެސް އެހެން ވާހަކައެއް ދައްކައިން ފަރުޖައްސާލެވޭތޯ ބަލާނަމަވެސް އެ ދައްކާވަހައިގެ ތެދުދޮގު ކޮންމެވެސް ވަރަކަށް އޮޅުން ފިލުވާލަން ޖެހެއެވެ.

މިއީ އަދި ވަރަށް މަދު ދެތިން ކަމެކެވެ. ދޮގުހަދާނަމަ އެކަން އެނގޭނެ އެތަށް ގޮތެއް އެބައޮތެވެ. އެކަމަކު، އަމިއްލަ ނަފްސަށް ހީއެއްގެ މައްޗަށް ކަމެއް ގަބޫލުކުރުމުގެ ކުރިން ކަމުގެ ދެކޮޅު ބެލުމަށްފަހު ވަކި ގޮތަކަށް ނިންމުން ބުއްދިވެރިއެވެ.