04 Mar 2020, 09:07
"ޑޭމިޓް. ޔޫ އާ ޓޫ ހޮޓް. ބަލައިލުމުން ހިތުގައި ރޯވެއްޖެ........................." އަދާ އޭނަގެ އައި ފޯނު ނެގި އެވެ. އެކި ގޮތްގޮތަށް އަރްސަންއާ އެކު ފޮޓޯތައް ނެގި އެވެ. އެހެން މީހުންނާ ހިއްސާކުރެވޭހެން ހީވާވަރުގެ ރީތި ދެތިން ފޮޓޯއެއް އެފްބީ އަށް ލިއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ތަޅައިގަތީ ހޭކުޑަކޮށްލާފަ އެވެ.
"ކިހާވަރެއްގެ ބޮޑު އިމަޖެންސީއެއް ބާ. ތަނެއްގައި ރޯވީތަ......" އަދާ އޭނަ ލައިގެން ހުރި ތުނި ހެދުމުގެ މަތިން ޖެެކެޓެއް މަހައިލަމުން ދުއްވައިގަތީ ދޮރާއި ދިމާލަށެވެ.
ބޮޑުކަމެއް ވީކަމުގައި ހީކުރެވި ހިތް ބާރުބާރަށް ތެޅެމުންދިޔަ އެވެ. ނަމަވެސް ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ހުރީ އޭނަގެ އެކުވެރިޔާ މިންކާ އެވެ. މިންކާ ހުއްދަ ހޯދުމެއްނެތި ކޮޓަރިއަށް ވަނެވެ. އަރްސަން އެނދުގައި އޮތްތަން ފެނި ފާޑަކަށް ހުއްޓުން އެރި އެވެ. އަރްސަންއަކީ މިންކާ ދުށް އެންމެ ރީތި ފިރިހެނާ އެވެ. އެދެލޮލުން ބަލައިލުމުން ކޮންމެ ފަހަރަކު އޭނަގެ ހިތް ތެޅިގަންނަ އިރު ހުއްޓިދާނެހެން ހީނުވާ ފަހަރަކާއި ދިމަލެއްނުވެ އެވެ. ނަމަވެސް އެ އިހުސާސްތައް އޭނަ ހުންނަނީ ހިތުގެ އެންމެ ފުންމިނުގައި ވަޅުލައިގެންނެވެ. މިފަހަރު ވެސް އަރްސަން އެރީތި ދެލޮލުން ބަލައިލަމުން ހައި ކިޔާލި ގޮތުން އޭނަ ފިނިވެ މުޅި ހަށިގަނޑު އައިސް ކޮށްލިހެން ހީވި އެވެ.
"ހައި ސޭމް. މިއައީ.....އަދާއާއި އެކަނި ބައްދަލުކޮށްލަން...."
"އާ އޯކޭ.." އަރްސަން ތެދުވެ ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލި އެވެ. އަދި އަދާގެ ކޮލުގައި ބޮސްދިނެވެ. " ޓޭކް ކެއާ ބޭބީ. އަހަރެން ގޮސްލާނަން. ދެ ކުދިންގެ ސިއްރު ބައްދަލުވުމަށް ހުރަހެއް ނާޅާނަން. އެކަމަކު މަގޭ ގާލްއަކަށް ސިއްރުކޮށްގެން ނުހުރެވޭނެ އިގޭ މިންކީ............."
"ނޫނޭ ސޭމް އިހަށް މަޑުކޮށްލާ. އަދި ފޮޓޯ ނެގުން ކުރިއަށްއޮތީ. އަހަރެމެން ޓެރެސްއަށް ގޮސްލާފައި އެބައަންނަން.." އަދާ މިންކާ އަތުގައި ހިފައިގެން ނުކުމެ އަވަހަށް ދޮރު ލައްޕާލައިފި އެވެ. އަދާ ފޮނުވައިލި "ފްލައިން ކިސް" މިންކާގެ ހިތަށް ތަދުކުރުވި އެވެ. އަދި އަރްސަން މިންކީ އޭ ކިޔާފައި ގޮވާލުމުން ހިތުގެ ފުންމިނުން އުފާވެރިކަމެއް ވަގުތީ ގޮތުން އިހުސާސްކުރެވިފައި ވެސް އެ އިހުސާސްތައް ނެތިގެން ދިޔަ އެވެ. އޭނަ ގަސްތުގައި މަންކީ ކިޔަންވެގެން މިންކީ ކިޔާފައި ގޮވައިލީކަމަށް ވެދާނެ އެވެ. ހިތުން އޮހިގަތް ލޭ ކަރުނަތައް ކަރުނައިގެ ސިފައިގާ ލޮލުން ހިލި އެވެ.
މިންކާ އާއި އަދާ ޓެރެސްގައި ހިޔާކޮށްފައިވާ ބައިގާވާ ސޯފާތަކުގައި ޖައްސައިލި އެވެ. ނޯކަރު ކުއްޖާ ކޮފީއާއި ޕިއްޒާ ތަބަކެއްގައި ބަހައްޓާފައި ހިނގައްޖެ އެވެ. އެހާވަރުން މިންކާ އަދާ އާ ބައްދަލުކުރަން މިއައީ ސިކުނޑިއަށް ކުރަމުންދާ ބާރުގެ ސަބަބުން އެކަނި ނީދެވިގެންނެވެ. އާލިއާ އާ ބައްދަލުކުރުމަށް ފަހު އެރޭ މިންކާގެ ހާލު އިންތިހާއަށް ބޮޑުވި އެވެ. ހަސަދައަކީ ނުރައްކާތެރި ވަބާއެކެވެ. ކެންސަރަށްވުރެ ވެސް ނުބައި ނަފްސާނީ ބައްޔެކެވެ. އާލިއާގެ ރީތިކަން މިންކާއަށް އުނދަގޫކުރުވަނިވި އެއްޗަކަށްވި އެވެ. ވިސްނެނީ އާލިއާއަށް ގެއްލުމެއް ދިނުމަށެވެ. ހަތަރު ދަމު ނުނިދިފައި އޭނަ އޮތީ އެކުއްޖާއާ މެދު ބޭކާރު ވިސްނުމުގަ އެވެ. އެކަމުން އަމިއްލަ ނަފުސަށް ގެއްލުންވެ މީހާގެ ނިދިކޮޅު ހަލާކުވުން ނޫންކަމެއް ނުވި އެވެ.
"ސޮރި އަދާ އަހަންނަށް ގޯހެއް ހެދިއްޖެ....." އޭނަ މަޑުމަޑުން ބުނެލި އެވެ.
"މިންކް ލޯ ކައިރި ވެސް ކަޅުވެފައި. ކިހިނެއް ތިހަދަނީ؟ " އަދާ އެކުވެރިޔާއާ މެދު ކަންބޮޑުވި އެވެ. އަދާއަށް ނޭގި ނަމަވެސް އޭނަގެ އެކުވެރިޔާގެ ހިތަށް ހަރައިލެވުނު ތީރަކަށް އެ ޖުމްލަވި އެވެ. އޭނަގެ ސިފައަށް ފާޑުކިޔުމުން ހިތާ ހިތުން ރުޅިއަންނަ ގޮތްވި އެވެ. ފުރަތަމަ ހަސަދަލެވުނީ އަމިއްލަ ކޮއްކޮއަށެވެ. ދެން އާލިއާއަށެވެ. އަދާ އެންމެ ގާތުގައި ހުންނައިރު ވެސް އަދާއާ މެދު ވެސް މިހާރަކަށް އައިސް އޭނަ ހިތްހަމަނުޖެހޭ ގޮތްވެ އެވެ. އަރްސަންއާ މެދު ނޭދެވޭ ޚިޔާލުތައް ހިތަށް ވެރިވެ އަދާއާއި އަރްސަންގެ ގުޅުމާއިމެދު ނުރުހެވޭ ގޮތްވީ އެވެ. އަރްސަން ފަދަ ޒުވާނަކު ލިބުމަށް އެދެވުމުގެ ބަދަލުގައި އެ ދޭތެރޭގައިވާ ގުޅުން ކަނޑައިލާނެ ގޮތަކާއިމެދު ވިސްނެންފެށި އެވެ.
"އަހަރެން އާލިއާ އާ ބައްދަލުކުރިން....." މިންކާ އަމިއްލަ ކުށް ގަބޫލުކުރާ ފަދަ ރާގެއްގައި ބުނެލި އެވެ.
"އޯ........" އަދާ ކުޝަން މޭގައި ޖައްސާބާރުކޮށްލަމުން ސޯފާއަށް ވެއްޓިގަތެވެ. އެހާވަރުން ހުއްޓުވަން އުޅުނީމަ ވެސް ސިއްރުން އެ ފިޔަވަޅުވެސް އަޅައިފި އެވެ. މިންކާ އޭނަގެ ވާހަކަތައް ސީރިޔަސްކޮށް ނުނަގަންޏާ އޭނަގެ ލަފާ ހޯދަން އަންނަނީ ކީއްވެހެއްޔެވެ؟
"އަހަރެން އެގެއަށް ދާންވެގެން ހިޖާބު ގަތިން. އެ އަޅައިގެން މާ ގިނައިރުތަކެއް ނުވި. ނޭވާ ހާސްވެ ބޮލުގައި ރިއްސައިގަތީ ގޮތެއް ބަލާފައެއް ނޫން. އެގެއަށް ވަންނައިރަށް ވެސް ބޮލަށް އުނދަގޫވާ ފަދަ ދަރުސެއް ފެއްޓީ. މަ އަވަހަށް ފިލައިގެން ނުކުމެގެން ގެއަށް އައި މަގުމަތީގައި ކާރަކަށް އެރިން. ފިހާރައަކަށް ވަންއިރު ފެނުނު ޔޫރަޕިއަން ބޭބީއެއް. އެކުއްޖާ އަހަރެން ފެނުމުން ފުރޭތައެއް ފެނުނީމަވާހެން ދެލޯ ބޮޑުކޮށްފައި ރޮއިގަތީ. އަހަރެން އުޅުނިން އެކުއްޖާ ކައިރީ ބުނަން މިއީ މޮންސްޓާއެއް ނޫނޭ އެކަމަކު އޭނަގެ މަންމަ ދަރިފުޅު އަތުގައި ހިފާ ދަމަމުން ދުރަށް ދިޔައީ ހިތްހަމަނުޖެހިފައި ހުރެ. މިހާ ބިރުވެރި އެއްޗެއް އަޅާ ބަޔަކަށް ހަމަ ސަލާމް. އަދާ ބުނީ ރަނގަޅަށް. އަހަރެމެންނަށް މި ހަރުކަށި ފިކުރާއި އެކީ ދަތުރެއް ނުކުރެވޭނެ. އޭނަގެ ގާތަށް ދިޔައީ ނަފްސާނީ ބައްޔަށް ލުޔެއް ލިބޭތޯ. އެކަމަކު އިތުރަށް ގޯސްވީ. އެންމެ ފަހުން މިއަދު ސުއިސައިޑްކުރަން ވިސްނިން. އެކަމަކު ހިތަށް އެރީ އަދާ އާ ވާހަކަދައްކާނީއޭ. ބުނެބަލަ އަދާ އަހަރެން ކިހިނެއް ހަދާނީ؟ އަހަންނަށް އެ ގިލްޓީ ފީލިންގްސްތަކާ[ އަމިއްލަ ނަފުސު ކުށްވެރިކުރުވާ އިހްސާސްތަކާ] ވަތްކެއް ނުވެވުނު. ހިތަށް އަރާ މީރާގެ ގާތިލަކީ ހަމަ އަހަންނޭ. ޓެރަރިސްޓުންގެ ހަމަލާގެ ޝިކާރައަކަށް ވުން އެއީ އަދި އެހެން ކަމެއް. އައި ވޯޒް ޖެލަސް އޮފް ހާ. އަދާއަށް އެންމެ ރަނގަޅަށް އެނގޭނީ. އަހަރެންގެ ހިތުގައި އޮތް ހަސަދަވެރިކަން އަހަރެންގެ ކޮއްކޮ މަރާލީ. އިތުރު އެއްވެސް އެހެން ބަޔެއްގެ ބޮލުގައި އެޅުވުމުގެ މާނައެއް ނެތް. އަހަރެންގެ ޖެލަސީގެ ސަބަބުން މީރާ ދުނިޔެއާއި ވަކިވެގެން ދިޔައީ................" މިންކާ އިނީ އެއް ދިމާލަކަށް ބަލަހައްޓައިގެންނެވެ.
އަދާ ފުންމައިގެން ތެދުވެ މިންކާގެ ކުރިމަތީގައި ކުޑަކަކޫ ޖައްސާލައިގެން އިށީނެވެ. ފިނިވެފައިވާ ދެއަތުގައި ހިފެހެއްޓި އެވެ. އަމިއްލައަށް މަރުވުމުގެ ވާހަކަ ދެއްކުމުން ބިރުން އަދާގެ ހިތް ރޫރޫ އަޅައިގަތް ގޮތަށް ހަމަޖެހިލަން އިރުކޮޅެއް ނެގި އެވެ. ޚިޔާލަށް ގެނެވުނީ މިންކާ ފަންކާގައި އެލުވިފައި އޮންނާނެ މަންޒަރެވެ.
"މިންކް. އަމިއްލައަށް މަރުވީމަ އަމިއްލަ ނަފުސަށް އެދެވެނީ ކޮން ފަދަ ބޮޑުގެއްލުމެއް. ކޮން ފައިދާއެއް ކުރާނީ. ކަށްވަޅަށް ދިޔައީމަ ބޭނުންކަމެއް ހާސިލުކުރެވޭނެތަ. އޭރުން އަހަރެމެން ވާނީ ގެއްލިގެން ދިޔަ އަޅުންގެ ތެރޭގައި. ޕްރޮމިސް މީ. މަރުވާން ހިތަށް އަރައިފިއްޔާ އަހަންނަށް ގުޅަންވާނެ. މިންކްއަށް ކަމެއް ވެއްޖެއްޔާ އަހަންނަށް ވާނެގޮތަކާ މެދު އެއްފަހަރު ވެސް ވިސްނާލިންތަ؟" އަދާ މިންކާގެ ކަނދުރާއަށް ދެއަތް ވައްޓައިލިއިރު އޭނަގެ ދެލޯވެސް ތެމިއްޖެއެވެ. "އެކަމަކު މިންކް.. ކޮންމެހެންވެސް ޑޮކްޓަރަކަށް ދައްކަން ޖެހޭނެ. ޑޮކްޓަރު ކައިލަންއަކީ އެންމެ ބެސްޓް ސައިކޭޓްރިސްޓް. ވަގުތުން އެޕޮއިންޓްމެންޓެއް ހަދަން ހިނގާ....."
އަދާ އައިސްގޭޓް ހޮސްޕިޓަލުގެ ކައުންޓަރަށް ގުޅަންވެގެން ފޯނު ނެގި އެވެ.
***
ޑޮކްޓަރު އަޔާޒުއާއި ކޮއްކޮ އާލިޔާ ހޮސްޕިޓަލުގެ ވެއިޓިން އޭރިއާގައި މަޑުކޮށްލައިގެން ތިބިއިރު އަޔާޒު އިނީ ފޯނުން ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. އާލިޔާ އިނީ ހެޑްސެޓް އަޅައިގެން ފޯނުން ގުރުއާން އަޑުއަހާށެވެ. ގުރުއާންއަކީ މުއުމިނެއްގެ އެންމެ ގާތް އެކުވެރިޔާކަމުގައި ދެކެ އޭގައި ހުރިގޮތަށް އަމަލު ބަހައްޓާ ވިސްނާ ފިކުރުކޮށް ކިޔެވުމުން އޭގައި ހުރި ސިއްރުތައް ހަމާވާނެ އެވެ. އަދި ޝިފާއެއް ކަމުގައި ވެސް ލައްވާނެ އެވެ. އާލިއާ ދުނިޔެއަށް އައީ ކީއްވެކަން ހަނދާންކޮށް މާތްﷲގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުން އޭނައަށް ހުރިހާ ކަމަކަށްވުރެ މުހިއްމެވެ. ފޫހިވާނެ ވަގުތެއް އާލިއާއަކަށް ނުލިބެ އެވެ. ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓަކަށް ނޫނީ ބޭންކް ފަދަ ތަނެއްގައި އިންތިޒާރުގައި އިންނައިރު ވެސް އޭނަ އިންނަނީ އަޅުކަމުގަ އެވެ. ގުރުއާންގެ ތަފްސީރު ބެލުމުގައި ނޫނީ މާނަކިޔުމުގައެވެ. ޒިކުރުކުރުމުގަ އެވެ. ދުނިޔެ ދޫކޮށްފައި އަބަދަށް ލޯ މަރާލާއިރު ހުސްއަތާ ދާން އާލިއާ ބިރުގަނެ އެވެ. ގުރުއާން ކިޔަވާ ނަމާދުކޮށް އަޅުކަންތައްކުރުމުން ހިތަށް ލިބޭ އުފާވެރިކަމާއި ފިނިކަން ބަޔާންކޮށެއް ނުދެވޭނެ އެވެ. އެފޮނިކަން އިހުސާސްކުރެވޭނީ އީމާންތެރިކަން ހިތުގައި އަށަގަތުމުންނެވެ. އަދި މިދުވަސްކޮޅު އީމާންތެރިކަން އިތުރަށް ވަރުގަދަވެފައި ވަނީ އަޅުކަންކުރުމާއި ބޮޑަށް ގާތްވުމުންނެވެ. އީމާންކަމުގެ ގަހަކީ ވެސް އެފަދަ އެއްޗެކެވެ. ފެންދީ އަޅާލިވަރަކަށް ފަތްތައް ވަރުގަދަވެ ބޮޑުވާލެއް އަވަސްވާނެ އެވެ.
***
އައިސްގޭޓްގެ ހޮސްޕިޓަލުގެ ލައުންޖްގެ ހިތްފަސޭހަކަމުން ވަންނަ މީހަކު އެނބުރި ނިކުންނާކަށް ބޭނުމެއް ނުވާނެ އެވެ. ބޮޑެތި ސޯފާސެޓްތަކާއި މާ ގަސްތަކެވެ. މާބްލް ތަޅުމެވެ. އޮފްއަރާ ތަބުތަކާއި ފާރުގައިވާ ޑިޒައިންތައް އެހާ ނަލަ އެވެ. އަދާ ވެސް ލޮލުގެ ޑޮކްޓަރަށް ދައްކާލަން ދިޔައީ ލޮލަށް ކުނިކޮޅެއް އެޅި އުނދަގޫތަކެއް ވާތީ އެވެ. މިންކާއަށް އާދޭސްކޮށްގެން އޭނައާ އެކު ގޮސް ޑޮކްޓަރު ކައިލަންއާއި ވާހަކަދައްކަން އެއްބަސްވި އެވެ. ލޮލުގެ ޑޮކްޓަރުންގެ ޚާއްސަ ޑިޕާޓްމެންޓަށް ވަނުމާ އެކު ސޯފާއެއްގައި ތިބި ދެޒުވާނުން ފެނި އަދާ މިންކާގެ އަތުގައި ވިކައިގަތެވެ.
"މިއޮތް އުޅެނީ އެއްކަލަ ހަރުކަށި ފިކުރު ކުދިންކޮޅު........."
"ހޫމް. ފެނުނަސް ބޮލުގައި ރިއްސާލާ...." މިންކާ އިށީނީ އަޔާޒްއާއި ޖެހިގެން ހުރި ތަންކޮޅުގަ އެވެ. އަދި ފޯނުން ހެވީމެޓަލް ލަވައެއް ޖެއްސީ މިތަނުން ވެސް އެ ޒުވާނުން ދުރަށް ލާށެވެ. މަދިރިތައް ހިޓް ޖެހުމުން މަރުވާފަދައިން މި ޒާތުގެ ޒުވާނުން ވެސް މަރަށް ހާޟިރުވެފައިވާ މީހުންފަދައިން އުނދަގޫވެގެން އުޅޭނެއޭ މިންކާގެ ހިތް ބުނެ އެކަމުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ބައެއްމީހުންގެ މިޒާޖުގައި ހުންނަ ނޭދެވޭ ސިފަތަކުން އެހެންމީހުންނަށް ޖެއްސުންކޮށް އުނދަގޫކޮށްގެން ތިމާގެ ހިތަށް ހަމަޖެހުން ހޯދައިގަނެ އެވެ.
"ކޮއްކޯ.....ލަވަޖަހަން ބޭނުމިއްޔާ ހޮސްޕިޓަލްތެރޭ އަޑުގަދަ ނުކުރިޔަސް ވެދާނެ. ތި ނިއްވާލަފާނަންތަ؟ ބަލިމީހުން މިތާ މިއުޅެނީ..." އަޔާޒް ބުނެލީ ނިކަން ރީތިކޮށެވެ.
"މަށަށް ކިޔަނީ ކޮއްކޮއެއްނޫން. އަހަރެންގެ ނަމަކީ މިންކާ މަންސޫރު." މިންކާ ދަތްތަކަށް ބާރުލާފައި ހަރުކަށިގޮތަކަށް ބުނެލި އެވެ. އޭނަ ސޯފާއިން ފުންމައިގެން ތެދުވުނު އިރު މޫނު ކަޅުފޮއި ރެއެއްހެން އަނިދރިކޮށްލާފަ އެވެ. އޭނަ މޫނު ހަދާލިތަން ފެނި އަދާ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. މޫނުގައި އަޅައިގެން އިން ކުއްޖާގެ ސަމާލުކަން ކުއްލިއަކަށް އެދެމީހުންނަށް ހުއްޓުނެވެ. އެކުއްޖާ ތެދުވެގެން އައިގޮތަށް މިންކާގެ ކުރިމަތީގައި ހުއްޓުނެވެ. ސަލާމް ގޮވާލި އެވެ.
"މިންކާ......އަހަންނަކީ އާލިއާ. ވަރަށް އުފާވެއްޖެ ދިމާވީމަ. ޑޮކްޓަރަށް ދައްކަންތަ ތިއައީ؟ "އާލިޔާގެ ސުވާލުތަކުން މިންކާއަށް ފުރަތަމަ ޝޮކެއްލިބުނު ފަދައެވެ. މިފަދަ ގޮތަކަށް ބައްދަލުވެދާނެ ކަމަކަށް އޭނަ ހީނުކުރެ އެވެ. އޭނަގެ ސޫރަ ފެނުނަސް އާލިއާއަށް އެނގޭނީއެއް ނޫނެވެ. ނަން ބުނެވުނުކަމުގެ މޮޔަހީވި އެވެ. މިންކާ މަންސޫރުކަން ދުނިޔެއަށް އިޝްތިހާރު ނުކުރެވުނަސް މި ތުނބުޅި ލީ ޝޭޚަށް ޖަވާބުދާރީވެދާނެ ގޮތް ހުންނާނެއެވެ.
"އަ....އާނ އާލިއާދޯ. އަސްލު އަހަރެންގެ އެކުވެރިޔާ ލޮލުގެ ޑޮކަކަށް ދައްކާލަންވެގެން މިއައީ....އާލިއާއަށް ކިހިނެއްވީތަ؟ "މިންކާ މޫނުމަތި ރީތިކޮށްލާފައި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފި އެވެ.
"ވައިރަލް ކެރެޓައިޓިސްއޭ ޑޮކްޓަރު ވިދާޅުވީ. ޑޮކްޓަރު ހުންނެވީ އަޅުގަނޑަށްވުރެ ހާސްވެފައި. ލޯ އަނދިރި ކުއްޖަކަށް ވެސް ވެދާނެކަމަށް ޑޮކްޓަރަށް ހީވާ ފަދަ........" އާލިއާ ބުނެލި އެވެ. އާލިޔާގެ އެ ޖުމްލައިން މިންކާގެ ހިތް އުފަލުން ފުންމައިގަތެވެ. މީހަކަށް ދެރައެއް ލިބުމުން އުފާވާން ނުޖެހުނަސް ގައިމު އޭނަގެ ހިތް އުފަލުން ނަށަނީއެވެ. ލިބިފައިވާ ހުރިހާ ހިތާމައެއް ފިލާ ބޯމަތީގައިވާ ބޯ ވިލާގަނޑު ނެގިއްޖެ އެވެ. އަލިވިލިއްޖެ އެވެ. އާލިއާގެ އެ ރީތި ދެލޮލުގެ ފެނުން ގެއްލިދާނެވަރުގެ ބައްޔެއް ޖެހުމުން އޭނަގެ ހިތަށް އެލިބުނު އުފާވެރިކަމާއިމެދު އަމިއްލައަށް ވެސް ހައިރާންވާން ޖެހުނެވެ.
"އޯ.....އައެމް ސޮރީ މެޑިކަލް ޓާމްސްތަކެއް ނޭގޭ އެކަމަކު ބިރުހުރި ބައްޔެއްތާ" މިންކާ ހަމްދަރުދީވިކަމަށް ހެދުނެވެ.
"ބަލިޖެހުނީމަ އަސްލު އެންމެ ބޮޑަށް އިހުސާސްވަނީ މާތްﷲ ދެއްވާފައިވާ ނިއުމަތަށް ޝުކުރު ކުރަން ޖެހޭނެވަރު......"
"އޯ ނޯ..އެއްކަލަ ޝޭޚާ ދަރުސްފަށައިފި. ހަމަ ތަނެއް ތަނެއް ވެސް ނޯވޭކަން ނޭގޭ. އަވަހަށް މިކަންތަކުން ސަލާމަތްވާންވީ.."އަދާ ހިތާހިތުން ކިޔާލާފައި އަވަސްއަވަހަށް މިންކާގެ އަތުގައި ހިފެހެއްޓި އެވެ. ގާތަށް ދަމައިލިއެވެ. "މިންކު ނަމްބަރު ވެސް ޖެހިދާނެކަން ނޭގޭ........"
"އޯކޭ އާލިއާ ފަހުން ދިމާވާނެ.. ބާއި.." މިންކާއަށް އަދާ ސަލާމަތްވާން ބޭގަރާރުވެފައި ހުރި ވަރު ވިސްނުނެވެ.
"އިންޝާﷲ...." އާލިއާ ބުނެލި އެވެ.
ދެކުދިން އެތަނުން ނުކުމެފައި އަދާ އަނގަޔަށާއި ލޮލަށް ގޮތެއް ހަދާލި އެވެ.
"ސީރިޔަސްލީ ހަމަ ސިކުނޑި ދޮވެލާފައި. މިންކު އޭނައާއި ގާތް ނުވައްޗޭ. އަހަރެމެންނަށް މިންކު ވެސް ގެއްލިދާނެ.........." އަދާ ހިނގައިގަތީ ނަފްސާނީ ޑޮކްޓަރުން ބައްލަވާ ޑިޕާޓްމެންޓަށެވެ. މިންކާގެ މައްސަލަތައް ގޯސްވާތީ އަވަސް ހައްލެއް ހޯދުން ވަރަށް މުހިއްމެވެ. ބަލީގެ ކުރީކޮޅު ފަރުވާ ނުދެވިއްޖެ ނަމަ އަމިއްލައަށް މަރުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެވެ. މިއަދު އޭނައަށް އެކަން ޔަގީންވެއްޖެ އެވެ.
***
ރާހިލްގެ ކޮޓަރީގައި ވަނީ މުޅިންވެސް ކަޅާއި ހުދުގެ އަގުބޮޑު ފަރުނީޗަރުތަކެވެ. ތަނަވަސްކަމާއި ހިތްގައިމުކަމުން ޕެންޓްހައުސްއެއްގެ ކޮޓަރިއަކާއި ތަފާތެއްނެތެވެ. ބިއްލޫރި ބިތްތަކުން ފެންނަން އޮތް ވިއު އެހާ ރީއްޗެވެ. އެހާ ހިތްގައިމު ކޮޓަރިއެއްގެ ބިތުގައި ފުޓްބޯޅަ ކުޅުންތެރިންނާއި ލަވަކިޔުންތެރިންގެ ތަސްވީރުތައް ހުރުމުން ކޮންމެވެސް ވަރަކަށް ރީތިކަން ފަނޑުކޮށްލާފައިވެ އެވެ.
ޖިބްރީލް ކޮޓަރިއަށް ވަދެފައި ނިތްކުރިއަށް ރޫތައް އެރި އެވެ.
ރާހިލްގެ ގިޓާ އެނދުމައްޗަށް އެއްލާލާފައި އޮތްއިރު އަންނައުނުތައް ވެސް އެކި ދިމާލުގަ އެވެ. ބޮއިފަ ހުރި އެނާޖީ ޑްރިންކް ދަޅުތައް ވެސް މާބްލް ތަޅުންމައްޗަށް އުކާލާފައެވެ. ރާހިލްގެ އަމިއްލަ ނަފުސަށް ވެސް އެހާ އަޅާނުލާހެން ހީވާ ދުވަސްކޮޅެކެވެ. ތަރުތީބެއް ނެތި ހާވާފައި އޮތް އިސްތަށިގަނޑުގައި މިއިން ދުވަހަކު ފުނާއެޅިކަމެއް ނޭނގެ އެވެ.
ރާހިލް ނުކުތީ ފާޚާނާއިންނެވެ. މޫނު ދޮވެލައިގެން ހުރިއިރު ތާޒާކަމަށް ދައްކަ އެވެ.
"ކޮއްކޮ ރޭ ކޮންތާކު އުޅުނީ؟ "ޖިބްރީލް ސުވާލުކުރުމުން ރާހިލްގެ ލޮލުން ނުތަނަވަސްކަން ފަޅި ސިކުންތުކޮޅަކަށް ފެނިލިހެން ހީވި އެވެ.
"ޖަސްޓް.........ވިތް ފްރެންޑްސް........"
"ޔުނިވާސިޓީ ފްރެންޑްސްތަ؟ "ޖިބްރީލްއަށް ޝައްކުވި އެވެ.
"ދޮންބެ ތިހާ ހާސްވަނީ ކޮންކަމަކާ؟ ގޯސްކޮށެއް ނޫޅޭނަމޭ......." ރާހިލް ހެއާޑްރަޔާއިން އިސްތަށިގަނޑު ހިއްކަންފެށި އެވެ.
"ރާހިލްއަށް ނުވިސްނޭނެ. ރާހިލްގެ އެކައުންޓް ބްލޮކްކޮށްލީމަ އަނެއްކާ ޕޭޖެއް ހަދައިގެން ދީނާ ދެކޮޅު ލިޔުންތައް ލިޔަންފެށީ. އެއީ ވަރަށް ނުރައްކާތެރިކަމެއް. ޓެރަރިސްޓުން ހިންގަފާނެ އަމަލަކަށް ދޮންބެ ބިރުގަންނަނީ. ފްރެންޑުންނާ އެކު އުޅުމަކީ މައްސަލައެއްނޫން އެކުވެރިން ގެއަށް ގެންނަންވީނު............" ޖިބްރީލް ހުށަހެޅި އެވެ.
"ރައީސްގެ ރަސްމީ ގެކޮޅަށް އެކުވެރިން ގެންނާކަށް ނުވާނެއޭ ދޮންބެ. އޯކޭ ދެން ރޭގަނޑު ބޭރަކަށް ނުދާނަން." ރާހިލް އެއްބަސްވި އެވެ.
ރާހިލްގެ އުޅުމަށް ކޮންމެވެސް ބަދަލެއް އައިކަން ޝައްކުވީ ހަމައެކަނި ޖިބްރީލްއަށެވެ. އިތުރު މީހަކަށް އެކަން ފާހަގައެއްނުވެ އެވެ. ދަރިންނަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ރޭގަނޑު ހަތަރުދަމު ގެއިން ބޭރުގައި އުޅުނަސް އެކަން ސުކައިނާއަށް މައްސަލައަކަށް ނުވެސްވާނެ އެވެ. ނަމަވެސް ރައީސްގެ ދަރިންވީމަ އިއްޒަތާއި ގަދަރަށް ބަލަންވާނެތީއާއި އެކުދިންނާ ބެހޭ ގޮތުން ނޫސްވެރިން ލިޔެފާނެ އެއްޗަކަށް ބިރުން ސުކައިނާ އޮންނަނީ ބައެއް ގަވައިދުތައް ހަދާފަ އެވެ. އަވަދިނެތި އުޅެންޖެހުމުން ރާހިލް ރޭ ގެއަށް ނާންނަކަން ފާހަގަނުވެ އޮތީ އެވެ. ރާހިލް ޚިޔާރު ކުރި މަގު އެއްވެސް މީހަކަށް ސާފުނުވީ އެވެ.
***
މޫނު ނިވާކޮށްގެން ތިބި ދިވެހިންގެ ބަޔަކު އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ބަޔާނެއް ނެރެ ރައީސްއަށް އިންޒާރުތައް ދިނެވެ. ޖިހާދާ ބެހޭ ގޮތުން ވެސް ވާހަކަދެއްކި އެވެ. އެވީޑިއޯގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ބަރެވެ. އެ ވީޑިއޯ އާއްމުވުމާ އެކު އެކަން ކުރި ބަޔަކު ހޯދަން ފުލުހުން މަސައްކަތްފެށި އެވެ.
ސްކައި ޕެލެސްގެ ކާކޮޓަރީގައި ރޭގަނޑުގެ ކެއުމަށް އެންމެން ހާޟިރުވި އެވެ. ކެއުން ކުރިއަށް ދިޔައީ ސަމާސާ އާއިލީ ކެއުމެއްގެ ގޮތުގަ އެވެ. އެކުވެރިކަން ބަދަހިވެ ގުޅުންތައް އެންމެ ރަނގަޅުވަނީ މުޅި އާއިލާ އެއްކޮށް ކެއުން އަދި އެހެން ވަގުތުތައް އެކީ ހޭދަކުރެވުނު ވަރަކުންނެވެ.
އިންޒާރުގެ ވީޑިއޯގެ ވާހަކަ އިސްވެ ދެއްކީ ރާހިލް އެވެ.
"ޑޭޑް ރިޒައިން ކުރައްވަންވީ ނޫންތޯ؟ރައީސް ގޮނޑިއަށްޓަކާ ފުރާނައަށް ނުރައްކާތެރި ހާލަތެއްގައި ހުރުން. އިޓްސް ނޮޓް ވޯތު އިޓް ޑޭޑް.." ރާހިލް ބުނެލި އެވެ.
"އިންޒާރުދޭ މީހުންނަށް އޮތީ ޖަލުގެ ހަތަރުފާރު. ކާމިޔާބެއް ނުވާނެ ދަރިފުޅާ...." މައިމޫންގެ ނަޒަރުގައި ސީރިޔަސްކަމެއްވި އެވެ.
"މިއީ އަތުރުލްގެ ޒަމާނެއްނޫން. އޮޓޮމަން އެމްޕަޔާގެ ޚިލާފަތުގައި އެމީހުން ޔޫރަޕަށް ދާންދެން ފަތަހަކޮށް މުޅި ހުޅަނގު ވެސް ސިއްސުވައިލި. އޭރު ދުނިޔޭގައި އޮތީ މުސްލިމުންގެ ބާރު. ސުޕަ ޕަވާއަކީ މުސްލިމުން. މިހާރު ރާހިލްއަށް އެނގެއެއްނު. އެ ޒަމާން ބަދަލުވެއްޖެ. އެމެރިކާއާއި ހުޅަނގު ބޭނުންގޮތަކަށް ފުށްގަނޑެއްހެން މޮޑެލާ އެމީހުން ބޭނުން ގޮތަކަށް ދުނިޔެ ވެސް އެ ހިންގަނީ. މިހާރު އުސްމާނީ ދަައުލަތެއް ބާނީއެއް ނެތް. އެމީހުންގެ ނަން ތުރުކީގެ ތާރީޚުގައި ލިޔެވި އެކަން އެހިސާބުން ނިމިއްޖެ. އަހަރެމެންގެ ލީޑަރުންނަކީ އެމެރިކާ. އެމެރިކާއާއި ހުޅަނގަށް ބޯލަނބާ އެކުވެރިކަން އޮތް މީހުންނަށް ކާމިޔާބު އޮތީ. އެމެރިކާއައި ހުޅަނގު އަދި އަހަރެމެންގެ މުސްލިމް ސަރުކާރުތަކުން މުޖާހިދުން ކަމަށް ދައުވާ ކުރާ ކޮންމެ ބަޔަކު އިނދަޖައްސާލާތަން ކޮއްކޮއަކަށް ނުފެނޭތަ؟ އެބުނާ މުޖާހިދުންނަށް ކުރެވޭހާ ވެސް ކަމަކީ ދޭތެރެއަކުން އިނަސެންޓް މީހުންނަށް ހަމަލާދީ މަރާލާފައި ނަސްރު ލިބިއްޖެއޭ ކިޔާފައި ބަޔާނެއް ނެރުން. ކާމް ޑައުން ބްރޯ. ބައްޕަ އެ ހުރިހާ ޑޮޓުންތައް އެމީހުންގެ މަގާމަށް ތިރިކޮށްލާނެ. ބައްޕައަށް އިތުބާރުކުރޭ....." މާޒިންގެ ވާހަކަތައް އަހަން އެންމެން ތިބީ ހިތްހަމަޖެހިފަ އެވެ.
ރާހިލްގެ މޫނުމަތިން ހިނިތުންވުމުގެ އަސަރެއް ނުފެނުނެވެ.
އޭނަ ހިމޭނުން އިނދެ ކަމުން ދިޔަ އެވެ.
***
މާޒިންއާއި ކައިސް ރިޒޯޓެއްގެ ވިލާއެއްގެ ޕޫލްގައި ތިބެފައި ގޮސް ޖައްސައިލީ ސަންބެޑްތަކުގަ އެވެ. އިރުގެ ރަންދޯދިތައް އެ ޓޭންވެފައިވާ ހަށިތައް ފެންވަރުވަމުން ދިޔައިރު ދެމީހުންގެ އަތުގައި ފިނި ޖޫހެވެ. އެ ގޮނޑުދޮށުގައި ފަތުރުވެރި އެތައް ބަޔަކު ވަގުތު ހޭދަކުރަމުން ދިޔަ އެވެ. އަންހެންކުދިންނަށް މާޒިންގެ ރީތި ކަން ފެނި ވާހަކަދައްކަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނަ ގަޔާވާގޮތެއް ނުވި އެވެ.
"ހޫމް ދެން ބުނެބަލަ. އަދިވެސް އަހަންނާއި މަސައްކަތް ހަވާލުނުކުރަމެއްނު......" ކައިސް ބުނެލި އެވެ.
"އެއީ ފަސޭހަކަމެއްނޫން. ވަރަށް ގިނަ ގުރުބާނީތައް ވާން ޖެހޭނެ. އެކަަމަކު ކަލޭ ނޫން މީހަކަށް އިތުބާރުނުކުރެވޭތީ މި މިޝަން ހަވާލުކުރަނީ......" މާޒިން އެއްމިޔަކަނުން ހީލި އެވެ. މާޒިން ދެއްކި ވާހަކަތައް އަހަން އޮތް ކައިސްގެ ތުންފަތަށް ވެރިވި ހިނިތުންވުން ލަސްލަހުން ފުޅާވި އެވެ.
"ވޯހް.............." ކައިސްގެ ލޯ އުފަލުން ވިދައިގަތެވެ.
"މިޝަން ނިމުނީމަ އަގުދޭނަން...." މާޒިން ވައުދުވި އެވެ.
ނުނިމޭ