ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން އައިޖީއެމްއެޗްގެ ލެބޯޓަރީގެ މީސަލްސް، ރުބެއްލާ ޕްރޮގްރާމްގެ ޓެސްޓިން އެންޑް ކޮލިޓީ އެޝުއަރެންސް އަލުން އެކްރެޑިޓް ކޮށްދީފި އެވެ.

މީސަލްސް، ރުބެއްލާ ޕްރޮގްރާމްގެ ޓެސްޓިން އެންޑް ކޮލިޓީ އެޝުއަރެންސް އަކީ ރާއްޖޭގައި ކުރިއަށް ގެންދާ ޑަބްލިއުއެޗްއޯގެ ސަވައިލެންސް ޕްރޮގްރާމެކެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ އެއް ވަނަ ދުވަހާއި ދެވަނަ ދުވަހު އައިޖީއެމްއެޗްގެ ލެބޯޓަރީ ޑަބްލިއުއެޗްއޯގެ ފަރާތުން އެސެސްކޮށް، އަލުން އެކްރެޑިޓް ކޮށްދީފައިވާ ކަމަށެވެ.

މި އެކްރެޑިޓޭޝަނަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އާކުރަން ޖެހޭ އެކްރެޑިޓޭޝަން އެކެވެ.

އެ އެސެސްމަންޓުގެ މައިގަނޑު މަގްސަދަކީ މީސަލްސް އަދި ރުބެއްލާ ޓެސްޓުކުރަނީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮލިޓީއާ އެއް ފެންވަރެއްގައިތޯ ދެނެގަތުމެވެ.

އެހެންކަމުން މި ޕްރޮގްރާމްގެ ޓެސްޓިން އެންޑް ކޮލިޓީ އެޝުއަރެންސް އެކްރެޑިޓޭޓް ވުމާއި ގުޅިގެން، ޑަބްލިއުއެޗްއޯ ގަބޫލުކުރާ ފެންވަރަށް މީސަލްސް އާއި ރުބެއްލާއަށް ރާއްޖޭގައި ޓެސްޓުކުރެވޭ ހަމައެކަނި ލެބޯޓަރީ އަކީ އައިޖީއެމްއެޗްގެ ލެބޯޓަރީ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގެ ލެބޯރަޓީ އާއި އަދި ފޯރުކޮށްދޭ މިފަދަ އެހެނިހެން ހިދުމަތްތަކުގައި ވެސް އަމަލުކުރާ މިންގަނޑުތަކަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ މިންގަނޑުތަކެއް ކަމުގައި ހެދުމަށާއި މިކަން މިގޮތުގައި ދެމެހެއްޓުމަށް މެނޭޖްމަންޓުން ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ.