މަގްބޫލު ރިއަލިޓީ ޝޯ މާސްޓަޝެފް އިންޑިއާގެ ހަ ވަނަ ސީޒަން އަބީނާސް ނާޔަކް ކާމިޔާބުކޮށްފި އެވެ.

އޭނާއަށް ވަނީ މާސްޓަޝެފް އިންޑިއާގެ ލަގަބާއެކު 25 ލައްކަ ރުޕީސްގެ ފައިސާ އިނާމު ލިބިފައެވެ. ފައިނަލުގައި އަބީނާސް ވާދަކުރީ އަކާންޝާ ޚަތްރީ، އޮއިންދްރިލާ ބާލާ އާއި ސްމްރުސްތްރީ ސިންހް އާއެވެ. ފުރަތަމަ ޓާސްކުން އަކާންޝާ އާއި ސްމްރުސްތްރީ ކަޓައިގެން ދިޔައިރު އެންމެ ފަހު އަދި ފައިނަލް ޓާސްކުގައި ވާދަކުރީ އަބީނާސް އާއި އޮއިންދްރިލާއެވެ. އެ ޓާސްކް އެންމެ ފުރިހަމައަށް ކާމިޔާބުކޮށް އަބީނާސް ވަނީ މަސްޓަޝެފް އިންޑިއާގެ ޓައިޓަލް ހާސިލްކޮށްފައެވެ.

ފައިނަލަށް ދިޔަ ހަތަރު ބައިވެރިންގެ ވެސް އަމިއްލަ ނަމުގައި ވަނީ ކައްކާ ފޮތެއް ނެރެފައެވެ. އެ ފޮތުގައި ހިމެނޭ ރެސިޕީތަކަކީ މާސްޓަޝެފްގެ ޖާނީގައި އެމީހުން އެންމެ މީރުކޮށް ތައްޔާރުކޮށްފައިހުރި ޑިޝްތަކުގެ ރެސިޕީއެވެ.

މާސްޓަޝެފް އިންޑިއާ މިއަހަރު ބޭއްވީ ތިންއަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. މިފަހަރު ޝޯގެ ޖަޖުކަން ކުރީ ސެލެބްރިޓީ ޝެފުން ކަމަށްވާ ވިކާސް ކަންނާ އާއި ރަންވީރު ބްރާރްގެ އިތުރުން ވިނީތު ބާޓިއާ އެވެ.

މާސްޓަޝެފް އިންޑިއާ އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ރިއަލިޓީ ޝޯއެކެވެ. ޝޯ އެންމެފަހުން ދެއްކީ 2016 ވަނަ އަހަރު އެވެ. މާސްޓަޝެފްގެ ފުރަތަމަ ސީޒަނެއް ބެލުންތެރިންނާ ހަމައަށް އައީ 2010 ވަނަ އަހަރުގަ އެވެ.