06 Mar 2020, 20:03
އިންސާނީ ހައްގެއް ގެއްލިފައިވާކަމަށް ބުނެ މިދިޔަ އަހަރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެމްއާރްސީއެމް) އަށް 562 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމް އިން އާންމުކުރި އެ ކޮމިޝަނުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ހުށަހެޅުނު 562 މައްސަލައިގެ ތެރޭގައި އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ 116 މައްސަލަވެސް ހިމެނެއެވެ.
އެޗްއާރްސީއެމް އަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ގައިދީންނާ ގުޅުންހުރި އެކި ކަހަލަ މައްސަލަތަކެވެ. އެގޮތުން ގައިދީން ހުށަހަޅާފައިވާ 126 ސިއްހީ މައްސަލައަކާއި، ގައިދީންގެ ހައްގުތަކާ ގުޅުންހުރި 76 މައްސަލައެއް އޭގެ ތެރޭގައި ހިމެނެއެވެ.
އަދި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި 36 މައްސަލަވެސް މިދިޔަ އަހަރު އެޗްއާރްސީއެމް އަށް ވަނީ ހުށަހަޅައިފައެވެ.
އެޗްއާރްސީއެމް އަށް ދެން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ލާއިންސާނީ އަނިޔާދިނުމުގެ 68 މައްސަލައަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 46 މައްސަލައަކާއި އަންހެނުންގެ ހައްގުތަކާ ގުޅުންހުރި ނުވަ މައްސަލައާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކާ ގުޅުންހުރި 45 މައްސަލަ ހިމެނެއެވެ.
އަދި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ 25 މައްސަލައަކާއި އުނގެނުމުގެ ހައްގާ ގުޅުންހުރި ހަތަރު މައްސަލައިގެ އިތުރުން ބޯހިޔާވަހިކަމުގެ ހައްގާ ގުޅުންހުރި 13 މައްސަލައަކާއި މަސައްކަތް ކުރުމުގެ ހައްގާ ގުޅުންހުރި 22 މައްސަލައިގެ އިތުރުން ބިދޭސީންގެ ހައްގުތަކާ ގުޅުންހުރި 23 މައްސަލައާއި ޝަރުއީ ދާއިރާއާ ގުޅުންހުރި 50 މައްސަލައިގެ އިތުރުން އިގްތިސޯދީ އަދި އިޖުތިމާއީ ހައްގުތަކާ ގުޅުންހުރި 18 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މިދިޔަ އަހަރު އެޗްއާރްސީއެމް އިން ވަނީ ޖުމަލް 352 މައްސަލައެއް ބަލައި ނިންމައިފައެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކާއި ކުރީގެ އަހަރުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން، ނިންމި މައްސަލަތައް ވެސް ހިމެނެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ހުށަހެޅި 562 މައްސަލައިގެ ތެރެއިން 288 މައްސަލައެއް ހަމަ އެ އަހަރު ނިންމާފައި ވާއިރު، އެއީ ހުށަހެޅުނު މައްސަލަތަކުގެ 51.2 ޕަސެންޓު މައްސަލައެވެ.
އެޗްއާރްސީއެމް އިން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރޭގައި ހައްގެއް ގެއްލިފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާތީ ނިންމާފައިވާ 94 މައްސަލައާއި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅާފައިވާތީ ނިންމާފައިވާ 55 މައްސަލައިގެ އިތުރުން މައްސަލަ ހައްލުވެފައި ވާތީ ނިންމި 67 މައްސަލަ ހިމެނެއެވެ.
އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިހާރު އެޗްއާރްސީއެމްގައި މުޅިން ބަލައި ނުނިމި ހުރީ 294 މައްސަލަ ކަމަށެވެ. ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ ގައިދީންނާ ގުޅޭ މައްސަލަތަކެވެ.
ގައިދީން ހުށަހަޅާފައިވާ ސިއްހީ މައްސަލަތަކުގެ 69 މައްސަލަ ނިމިފައި ނުވާއިރު ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 41 މައްސަލަކާއި ލާއިންސާނީ އަނިޔާއާ ގުޅުންހުރި 20 މައްސަލަ ނުނިމެއެވެ.
އެޗްއާރްސީއެމް އިން ބުނީ މިދިޔަ އަހަރު އެ ކޮމިޝަނުން ދިރިހުރުމުގެ ހައްގުން މަހްރޫމްވެފައިވާ ފަރާތްތަކާ ގުޅުންހުރި 20 މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންދު މަރުކަޒެއްގައި ހުއްޓާ މަރުވި ފަރާތްތަކާ ގުޅޭ 18 މައްސަލައާއި، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަމުން ދަނިކޮށް މަރުވި މީހެއްގެ މައްސަލައަކާއި ސިއްހީ ހިދުމަތްދޭ ތަނެއްގެ އިހުމާލުން މީހަކު މަރުވި މައްސަލައެކެވެ.