03 Mar 2020, 17:15
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ، އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
އެ ގަރާރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވައި ނަޝީދު ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ (ށ) އާއި 175 މާއްދާގެ (ރ) އަދި (ކ) އަށް ބަލާ ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަޅުމަށް ގެންނަން ނުފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ކުއްލި މައްސަލައެއްގައި ފުރިހަމަވާން ޖެހޭ ސިފަތަކެވެ. އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކުއްލި މައްސަލައަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ސަރުކާރުން އުފުލަންޖެހޭ ޒިންމާއަކާ ގުޅުންހުރި މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.
އެ މާއްދާގެ (ކ)ގައި ބުނެފައި ވަނީ ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/މަޖިލިސް
މިއަދު މެމްބަރު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ކޮޕީއެއް "ސަން" އަށް ލިބިފައި ވާއިރު، އެ ކުއްލި މައްސަލައިގެ މަގުސަދު ކަމުގައި ވިދާޅުވެފައި ވަނީ އިންޑިއާގައި މިހާރު މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން އިސްވެ އޮވެ ހިންގަމުންދާ ލާއިންސާނީ އަމަލުތައް ރާއްޖޭގެ ސަރުކާރުން އެއްވެސް ސިފައެއްގައި ކުށްވެރިކޮށްފައި ނުވާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެއިން މިޔަންމާގައި އަނިޔާލިބެމުންދާ ރޮހިންގާ މުސްލިމުންގެ ދިފާއުގައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ހިނގަމުންދާ މައްސަލައަށް ތަދައްޚުލުވާން ނިންމާފައިވާއިރު، އެއަށްވުރެ މާ ކައިރީގައި އަނިޔާ ލިބެމުންދާ އިންޑިއާގެ މުސްލިމް އަޚުންނާއި އުޚުތުން އެހީއަށް އެދި ގޮވަމުން ދާއަޑަށް ސަރުކާރުން ބީރު ކަންފަތެއް ދީފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ދިވެހި ސަރުކާރުން، އަދި މި އިއްޒަތްތެރި މަޖިލީހުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭނެ ކަމެކެވެ." ނަޝީދުގެ ގަރާރުގައިވެ އެވެ.
މީގެ އިތުރުން މެމްބަރު ނަޝީދު ވަނީ އިންޑިއާގެ އަނިޔާވެރި އަމަލުތަކާމެދު ރާއްޖެއިން ދެކޮޅުކަން ހާމަކުރުމުގެ ގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ދައުލަތުން އަރުވާފައިވާ ނިޝާން އިއްޒުއްދީންގެ ލަގަބު އަތުލުމަށް ވެސް ގޮވާލައްވައިފަ އެވެ.
"ނިޝާން އިއްޒުއްދީންގެ ލަގަބަކީ މަލާބާރުގެ ކިބައިން ދިވެހި މުސްލިމް ގައުމު މިނިވަން ކުރެއްވި ސުލްތާން ހަސަން އިއްޒުއްދީން ނުވަތަ ދޮން ބަންޑާރައިންނަށް ނިސްބަތްކޮށް ދެވޭ ލަގަބަކަށް ވާއިރު، އެފަދަ ލަގަބެއް މުސްލިމުން ގަތުލު ކުރަމުންދާ މީހަކަށް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ." ނަޝީދު ވިދާޅުވެފައިވެ އެވެ.

ޖޫން 8، 2019: ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ހަމައެއާއެކު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، "އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ދިފާއުކޮށް، މޯދީ ނިސްބަތްވާ ބީޖޭޕީގެ ދިފާއުގައި ވެސް އެކި ފަހަރު މަތިން ވާހަކަ ދައްކަމުން" ގެންދަވާ ކަމަށާއި އެހެންކަމުން އެކަން ވެސް މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލަ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ނުވާއިރު، މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަވެސް އެޖެންޑާ ނުކުރައްވަ އެވެ.
މެމްބަރު ނަޝީދު އިއްޔެ ގަރާރު ހުށަހެޅުއްވީ އިނގިރޭސިވިލާތުގެ ކުއިލިއަމް ފައުންޑޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނުގެ އަސްލުތަކާއި އަސާސްތަކާ ސާބިތު ހުކުމްތަކާ މެދު ވަހުމާއި ޝައްކު އުފެދޭގޮތަށް ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވެ އެވެ. އަދި ދިވެހި ދައުލަތުގެ އިސްލާމްވަންތަކަން ކަނޑުވާލައި ސެކިއުލާ ދައުލަތަކަށް ދިވެހި ދައުލަތް ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މައްސަލައިގަައި ތުހުމަތުކޮށްފައިވެ އެވެ.