ސާފް ޗެމްޕިޔަންޝިޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާ އަޅުގަނޑުމެންގެ ދިވެހިރާއްޖެ އާއި އިންޑިޔާގެ މެޗްގެ ކުރިން ދެޤައުމުގެ އާބާދީގެ ނިސްބަތަށް، ބިމުގެ ބޮޑުމިނާއި އިޤްދިޞާދީ އުފެއްދުންތެރިކަމުގެ ތަފާތުން ކުރާނެ އަސަރެއް އޮންނާނޭ ކަމަކަށް ނުބެލެވެއެވެ. އިންޑިޔާ ބައިނަލްއަޤްވާމީ ފުޓްބޯޅައިގާ 1930 ގެ އަހަރުތަކުގައި ބައިވެރިވެފައިވާއިރު، އަޅުގަނޑުމެންގެ ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ފުޓްބޯޅައަށް ނުކުތީ އޭގެ އެތައް އަހަރެއްފަހުން 1979 ވަނަ އަހަރުއެވެ.

އިންޑިޔާ އާއި ދިވެހިރާއްޖެ 15 ފަހަރަށް ބައްދަލުކޮށް މިހާތަނަށް ދިވެހިންނަށް ކާމިޔާބުވެފައިވަނީ 4 ފަހަރުއެވެ. އިންޑިޔާ އަށް ދިވެހިރާއްޖޭގެ ފެންވަރު ފުރަތަމަ އިޙްސާސް ކުރެވުނީ 1997 ވަނަ އަހަރުގެ ސާފްޗެމްޕިޔަންޝިޕްގައި ދިވެހިން އިންޑިޔާއާއި 2-2 ން އެއްވަރުކުރުމުންނެވެ. މިމުބާރާތުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް އިންޑިޔާ އާއި ބައްދަލުކުރި ދިވެހިންގެ ކޮޅަށް އިންޑިޔާއިން 5 ލަނޑު ޖެހުން ވެގެންދިޔައީ ބޮޑުތަފާތަކުން އިންޑިޔާއަށް ދިވެހިންގެ އަތުން މޮޅުވުމުގެ ޔަޤީންކަން ދެވުނު އެންމެ ފަހުމެޗްގެ ގޮތުގައެވެ.

1998 ވަނަ އަހަރު ސްރީލަންކާގައި އޮތް ބްރިސްޓޯލް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ 2 ލަނޑު 1 ލަނޑުން ރާއްޖެބަލިކުރި ނަމަވެސް 2000 ވަނަ އަހަރު ރަޢްޖޭގައި ބޭއްވުނު ރަންޔޫބިލް ފުޓްބޯޅަމުބާރާތުގައި އިންޑިޔާ ރާއްޖެއަތުން 1 ލަނޑު 0 ލަނޑުން ބަލިވިއެވެ. އަދި 2008 ވަނަ އަހަރުގެ ސާފްޗެމްޕިޔަންޝިޕްގައި ދިވެހިރާއްޖެ ތަށިގެންދިޔައީ މޮޅުވުމުގެ އިތުބާރާއި އެކުކުޅެމުންދިޔަ އިންޑިޔާ ބަލިކޮށްފައެވެ. މިނަތީޖާ ތަކަކީ މިއަހަރުގެ މުބާރާތަށް އެއްވެސް އަސަރެއް ކޮށްގެންވާނޭ ނަތީޖާތަކެއް ނޫނެވެ. އަދި މިސެމީފައިނަލުގައި ކާމިޔާބު ލިބޭނޭ ޓީމެއް އަންދާޒާ ކުރަންވާނީ ފަންނީ ނަޒަރަކުން ދެޓީމުގެ ކުޅުމަށް ވިސްނުމަށް ފަހުގައި ކަމަށް ދެކެމެވެ.

ސާފްޗެމްޕިޔަންޝިޕްގެ ސެމީފައިނަލްގައި އިންޑިޔާ އާއި ދިވެހިރާއްޖެ ވާދަކުރާއިރު މިދެޓީމް މިމުބާރާތުގައި ކުޅެފައިވަނީ މުޅިން ދެގްރޫޕްގައެވެ. އަދި ގްރޫޕް މަރުޚަލާގައި މިދެޓީމާއި ބައްދަލުކޮށްފައިވަނީ މުޅިންތަފާތު ފެންވަރާއި ވައްޓަފާޅިގެ ޓީމްތަކާ އެކުގައެވެ. ގްރޫޕް މަރުޚަލާގައި އިންޑިޔާއިން ދައްކާފައިވާ ކުޅުމަށާއި ދިވެހިރާއްޖެއިން ދައްކާފައިވާ ކުޅުމަށް ބަލާއިރު އަދި ދެޓީމުގެ ފުރަތަމަ 11 ގައި ހިމެނޭނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ފަންނީ ފެންވަރާއި ތަޖުރިބާއަށް ބަލުމުން މަންޒަރުފެންނަނީ މުޅިން ތަފާތުގޮތަކަށެވެ.
ޓީމް އެތުރިފައިތިބޭނޭ ގޮތް

ވޭތުވެދިޔަ މެޗްތަކުގައި ދިވެހިރާއްޖޭގެ ކުޅުންތެރިން އަތުރަނީ 4-4-2 އަށް ބޯޑުގައި ކުރަހައިގެން ކަމަށްވުން އެކަށީގެންވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ކުޅުންތެރިންގެ ކުޅުމުގައި ޢާއްމުކޮށް އެތުރިފައި ތިބެވެނީ 4-2-3-1 އަށެވެ. ހަތަރު ދިފާޢީ ކުޅުންތެރިންގެ ގޮތުގައި ތިބޭނީ ކަނާތްފަރާތު އަރިމަތީ ދިފާޢަށް ޢުމެއިރު ކަނާތްފަރާތު ދިފާޢީ މެދަށް އައްސަދު ވާތްފަރާތު ދިފާޢީ މެދަށް އަކްރަމް އަދި ވާތްފަރާތު އަރިމަތީ ދިފާޢަށް ޝާފިޢުއެވެ. ސީދާ މެދުން ވާތްފަރާތަށް ބުރަވެ އާރިފް ހުންނައިރު ކަނާތްފަރާތު މެދަށް ބުރަވެ ހުންނާނީ ސަމްވީލް ކަމަށް ބެލެވެއެވެ. ހަމަލާދޭ މެދުތެރޭގެ ގޮތުގައި ކަނާތްފަރާތުން ފަޒީލް އަދި ވާތްފަރާތުން އިސްމާޢިލް އެވެ. އަޝްފާޤު ހުންނާނީ އިދިކޮޅުޓީމުގެ ހާފްތެރޭ ބޭނުންގޮތަކަށް ކުޅުމަށް ދޫކޮށްލެވިފައި ކަމަށް ފެނެއެވެ. އަދި އެންމެ ކުރިން އޭރިޔާތެރެއަށް އަންނަބޯޅަ ގޯލަށް ޖެހުމަށް ހަމަލާވެރިޔަކަށް ހުންނަނީ ތޯރިޤްއެވެ.

އިންޑިޔާޓީމް އެތުރިފައި ތިބޭނޭ ކަމަށް ބެލެވެނީ ސީދާ 4-4-2 އަށެވެ. މިގޮތުން ކަނާތްފަރާތު އަރިމަތީ ދިފާޢަށް 26. މަހޭޝް ގަވްލީ، ކަނާތްފަރާތު ދިފާޢީ މެދަށް 3. ނިރުމަލް ޗެތްރީ، ވާތްފަރާތު ދިފާޢީ މެދަށް 18. ގޯރމަންގީ ސިންގް އަދި ވާތްފަރާތު އަރިމަތީ ދިފާޢަށް 19. ސަޢީދު ނަބީ ކުޅޭނެކަމަށް ބެލެވެއެވެ. ސީދާ މެދުތެރެއަށް ކުޅޭނީ 25. ރޯކަސް ލަމަރ އާއި ހަމަލާގައި ބައިވެރިވާ މެދުތެރެއަކަށް 15. ކްލިފޯރޑް މިރަންޑާ އަދި ކަނާތް ފަރާތު އަރިމަތީ ވިންގް މެދުތެރެއަކަށް 14. އެންތަނީ ޕެރޭރާ، ވާތްފަރާތު އަރިމަތީ ވިންގް މެދުތެރެއަކަށް 8. ކްލައިމެކްސް ލޯރެންސް އެވެ. ހަމަލާ ވެރިންގެ ގޮތުގައި 11. ސުނިލް ޗެތްރީ އަދި 10. ޖޭޖޭ ހަރަކާތްތެރިވާނެއެވެ.

ވޭތުވެދިޔަ މެޗްތަކަށް ބަލާއިރު ދިވެހިޓީމުގެ ބަލިފަޔެއްގެ ގޮތުން ފެނިފައިވަނީ ޓީމުގެ މެދުތެރެއިން ދިފާޢުކުރުމެވެ. އަދި ޓީމަށްލިބޭ ބޯޅައިން މެދުތެރެއާއި ގުޅިގެން ހަމަލާ އުފެއްދުމުގައި އެހާ ފަރިތަނޫންކަމަށް ފެނުނެވެ. ނޭޕާލް އާއި އެކު ކުޅުނުމެޗާއި ބަންގްލަދޭޝް އާއި އެކު ކުޅުނު މެޗްގައި ރާއްޖޭގެ މެދުތެރެއިން ދިފާޢު ނުކުރެވި ގޯލަށް ބާރުބޮޑުވެފައިވަނިކޮށް މެދުތެރެއަށް ދިފާޢީ ވައްޓަފާޅީގެ ކުޅުންތެރިއެއް ބަދަލުކޮއްލުމުން ރާއްޖޭގެ ކުޅުން ހަމަޔަކަށް އެޅުނުތަން ފެނުނެވެ. ކޯނަރާއި ހިލޭޖެހުން ދިފާޢުކުރުމުގައި ދިވެހި ދިފާޢާއި ގޯލްކީޕަރު އެހޭ ތައްޔާރުވެފައި ވާކަމަކަށް ނުފެނެއެވެ. މިގޮތުން މިހާތަނަށް ދިވެހިން ކޮޅަށް ވަދެފައިވާ ދެ ލަނޑުވެސް ވަނީ ޓީމުގެ ކަނާތްފަރާތުން ނެގި ދެ ކޯނަރު ދިފާޢު ނުކުރެވިގެންނެވެ.

ދިވެހިރާއްޖޭގެ ޓީމުގެ ސިޔާސަތަކީ އެންމެ ފުރިހަމަ ދިފާޢަކީ ހަމަލާ ދިނުން ކަމަށްވާނަމަ އެކަން ކުރެވޭނޭ ޤާބިލު ހަމަލާ ވެރިން ދިވެހިޓީމުގައި އެބަތިއްބެވެ. މިއަހަރުގެ މުބާރާތުގައި ފަޒީލް އޮއްޕޮގެ ކުޅުން ފާހަގަ ނުކުރެވުނަސް، އަޝްފާޤް ގެ ކޮންމެ ކުޅުމަކީ އިދިކޮޅު ދިފާޢު ސިއްސުވާލަނޭ ޖާދުލަކަށް ވެއެވެ. ދިވެހި ޓީމުން ގެންނަ ބަދަލުތަކުގެ ތެރޭގައި ބޮކުރީގެ ބަދަލަކީ ބައެއް ފަހަރު ކުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް އެންމެ މުހިންމު ބަދަލުތޯ ފިކުރުކުރެވުނަސް އިތުރު ބަދަލެއްގެ ގޮތުން ކުޅެންނެރޭ ސެންޓޭ އަކީ އިންޑިޔާޓީމް މެމްބަރުން އެހާ ނުވިސްނާ ކުޅުންތެރިއެއް ކަމަށް ވުމުން އޭނާގެ އަވަސް ދުވުންތަކުން އިންޑިޔާ ޓީމު ހައިރާންކަމުގެ ތެރެއަށް ވައްޓާލަފާނޭ ކަމަށް ޤަބޫލުކުރެވެއެވެ.

އިންޑިޔާގެ ކުޅުމަށްބަލާއިރު އެޓީމް ގްރޫޕްމަރުޚަލާގައި ދިމާވާ މައްސަލައެއްކަމަށް ބެލެވެނީ ޖޭޖޭ އާއި ސުނިލް ޗެތްރީ ޓީމާއި ގުޅުން އެހާރަނގަޅުނޫންކަމަށެވެ. ނަމަވެސް ހިލޭޖެހުން ތަކާއި ކޯނަރުތަކުގައި ޗެތްރީގެ ފަރާތުން ގޯލަށް ނުރައްކާކޮށްފައިވެއެވެ. އަދި ޚާއްސަކޮށް ދިވެހިރާއްޖެ ކޮޅަށް ނޭޕާލްއިން ޖެހިލަނޑުފަދަ ގޯލުގެ ކުރީ ދަނޑިއަށް މެދުއުސްމިނެއްގައި ފޮނުވާލާ ކޯނަރުތައް ކްލިފޯރޑް މިރެންޑާ ވަރަށް ރީތިކޮށް ނަގާއިރު ސުނިލްޗެތްރީ މިބޯޅަތަކަށް ސަމާލުވެ ގޯލަށް ހަމަލާދެއެވެ. އިންޑިޔާގެ ކުޅުމުގައި ޒަމާނާއި ނުގުޅޭ އެންމެ ބޮޑު ކަމަކީ، އެޓީމުން ހަމަލާ އުފެއްދުމަށް ނަގާ ވަގުތެވެ. އަދި އިންޑިޔާ ޓީމުގެ ދިފާޢީ ކުޅުންތެރިންނަކީ އެވްރެޖް ގޮތެއްގައި ހައިބަތު ހުރި ކުޅުން ތެރިންކަމުގައި ވީނަމަވެސް އެކުޅުންތެރިން ދިވެހި ފޯވަރޑުންނަށް ވުރެ ހަރަކާތް ލަސްވުމުން، ދިވެހިޓީމަށް ހަމަލާދިނުމުގައި ފަސޭހަތަކެއް ވެދާނޭ ކަމަށް ބެލެވެއެވެ.

އިންޑިޔާ ޓީމުގެ މައިގަނޑު ކުޅުން ބިނަވެފައިވަނީ ކްލިފޯރޑް މިރެންޑާ އާއި ކްލައިމެކްސް ލޯރެންސް ގުޅިގެން ވާތް ފަރާތު އަރިމައްޗާއި މެދުތެރެއިން ބޯޅަ ހިފަހައްޓާ ދިގު ބޯޅައަކުން ކަނާތްފަރާތަށް ފަޅިބަދަލުކޮށް އެންތޮނީ ޕެރޭރާ ގެފަރާތުން ސުނިލް ޗެތްރީ އަށާއި ޖޭޖޭ އަށް ބޯޅަ ހުރަސްކުރުމެވެ. އަދި ކްލިފޯރޑް މިރެންޑާގެ ތްރޫ ޕާސްތަކަކީ އިމްރާން ވަރަށް ސަމާލުވެ ނެތިއްޔާ ދިވެހި ދިފާޢާއި ކީފަރާ ދޭތެރެއިން ޖޭޖޭގެ ހަލުވި ދުވުމުން ގޯލަށް ހަމަލާ ދިނުމަށް އަތުލަފާނޭ ބޯޅަތަކެކެވެ. މިމެޗްގެ ނަތީޖާ އެންމެ ގާތީ އެއްވަރުވުމާއިއެވެ. މިގޮތަށް ކަންވެއްޖެނަމަ ބަތަލުންނަށް ވާންތިބީ ދިވެހި ގޯލްކީޕަރު އިމްރާން އާއި އިންޑިޔާ ގޯލްކީޕަރު ކަރަންޖީތް ސިންގްއެވެ.
އިންޑިޔާގެ ގޯލް ބަލަހައްޓާނޭ ކަމަށް ބެލެވެނީ މިމުބާރާތުގައި އިންޑިޔާކުޅުނު ހުރިހާ މެޗެއްގައިވެސް ކުޅުނު ކީޕަރު ކަރަންޖީތް ސިންގްއެވެ. އުމުރުން 25 އަހަރުގެ މިގޯލްކީޕަރު އިންޑިޔާގެ ޤައުމީ ޓީމަށް ފުރަތަމަ ކުޅެފައިވަނީ މިއަހަރު އެކުވެރި އަރަބި އިމާރާތާއި އެކުކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗެއްގަ ބަދަލު ގޯލްކީޕަރެއްގެ ގޮތުންނެވެ. ކްލަބް ފެންވަރުގައި މީގެ 6 އަހަރު ކުރިން ކުޅެންފެށި މިޒުވާނާ ޤައުމީ ސީނިޔަރޓީމަށް ކުޅޭ މިއީ 8 ވަނަ މެޗެވެ. ދިވެހިރާއްޖޭގެ ގޯލްކީޕަރ އިމްރާން މުޙައްމަދު ޤައުމީ ޓީމަށް ކުޅެންފެށީ މީގެ 11 އަހަރުކުރިންނެވެ. އަދި ތަޖުރިބާއަށް ބަލާއިރު އިމްރާންގެ ތަޖުރިބާ ކަރަންޖީތް ސިންގަށް ވުރެ ބޮޑުކަމަށް ފެނެއެވެ. އަދި މިމުބާރާތުގައި ކީޕަރުންގެ ބޯޅަ މަތަކުރުމަށް ބަލާއިރު އިމްރާންގެ މަތަކޮށްފައިވާ ބޯޅަ ގިނަކަމަށް ފެނުނެވެ. މީގެއިތުރަށް އިމްރާންގެ ކުޅުމުގެ ވައްޓަފާޅީގައި އޭނާގެ ތަޖުރިބާ އާއި ޤާބިލިއްޔަތަށް ބަލާއިރު ކަރަންޖީތް ސިންގަށްވުރެ ޖުމްލަގޮތެއްގައި މޮޅުކަމަށް ފެނެއެވެ.

އިމްރާންގެ ބަލިފަޔެއް ކަމަށް ޤަބޫލުކުރެވެނީ ގޯލްގެ ދުރުދަނޑިއަށް ނަގާބާރު ހުރަސްތަކަށް ނުކުތުމުގައި ބައެއްފަހަރު ފަސްޖެހޭ ކަމެވެ. ނަމަވެސް ގޯލްއޭރިޔާތެރެއަށް މަތިންނަގާ ހުރަސްތަކަށް އިމްރާން ނުކުންނަ ކަން ފާހަގަ ކުރެވެއެވެ. ދުރުދަނޑިއަށް ނަގާ ހުރަސްތަކަށް ނުކުތުމުގައި ފަސްޖެހޭނަމަ، މިގޮތަށް ނަގާހުރަހަށް ޢާއްމުކޮށް ބޮލުން ޖަހަންއަރާ ސުނިލް ޗެތްރީއަށް ގޯލްޖެހުމުގެ ފުރުސަތު ހުޅުވިދާނެއެވެ.

ކަރަންޖީތް ސިންގްގެ ބަލިފަޔެއްގެ ގޮތުގައި ބެލެވެނީ މެޗްތެރެއަށް ބަރާބަރަށް ނުވަދެވި ފިނިވާކަމެވެ. އަދި ތިރިން ގޯލްކުރިމަށްޗަށް ނަގާހުރަސްތަކާއި ތިރިން ގޯލަށްޖަހާ ބޯޅަތަކަށް ހަރަކާތްކުރުމުގައި ލަސްކަމަށް ފެނެއެވެ. މީގެ އިތުރަށް ގޯލްކުރިމަތިން ޖަހާ ބޯޅަތަކާއި ސައްޕުތައް އިންޑިޔާގެ ކުޅުންތެރިންނަށް ސީދާކުރުމުގައި މައްސަލަ ހުންނަކަމަށް ފެނުނެވެ. އޭރިޔާތެރެއަށް އަންނަ ބޯޅަތަކަށް ނުކުތުމާއި އޭރިޔާތެރޭގައި ހަރަކާތްތެރިވުމުގެ ސްޕީޑް ލަސްކަމުގެ ސަބަބުން އަޝްފާޤް ކަހަލަ ބޯޅައާއި އެކު އޭރިޔާތެރެއަށް ވަންނަ ހަލުވި ފޯވަރޑަކަށް އޭރިޔާ ތެރެއަށް ވަންނަމުން ނުހުއްޓި ގޯލަށް ޖަހައިފިނަމަ މަތަކުރުން ދަތިވާނޭ ކަމަށް ބެލެވެއެވެ.