ކޮލަމްބޯ (މާޗް 3): ސްރީލަންކާގެ ޕާލިމެންޓު އިއްޔެ އުވާލުމަށް ފަހު، އަންނަ މަހުގެ 25ގައި ޕާލިމެންޓު އިންތިހާބު ބާއްވަން ނިންމައިފި އެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން ދެން ހޮވޭ ޕާލިމެންޓުގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ މެއި 14ގަ އެވެ. އަދި ޕާލިމެންޓު އުވާލީ އެގައުމުގެ ގާނޫނު އަސާސީން ރައީސް ގޯޓާބަޔަ ރާޖަޕަކްސައަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

ލަންކާގައި އިއްޔެ އުވާލި ޕާލިމެންޓުގެ އަޣުލަބިއްޔަތު އޮތީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްކޮށް ހުންނަވާ ޔޫއެންޕީ އެލަޔަންސަށެވެ. އަދި ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސަރުކާރުގައި ވަނީ ރިޔާސީ ބާރުތައް ކުޑަކޮށް، ޕާލިމެންޓަށާއި މިނިވަން ކޮމިޝަންތަކަށް އިތުރު ބާރުތައް ދީފަ އެވެ. އެހެންކަމުން ރައީސް ގޯޓާބަޔަ ވަނީ އެ ހާލަތްތަކުގެ ސަބަބުން އޭނާއަށް މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށާއި ވީހާވެސް އަވަހަކަށް ޕާލިމެންޓު އިންތިހާބު ބާއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ލަންކާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ޕާލިމެންޓު އުވާލެވޭނީ މެމްބަރުން ހޮވިތާ މަދުވެގެން ހަތަރު އަހަރާއި ހަ މަސްވާ ފަހުންނެވެ. އެހެންކަމުން 2015 ވަނަ އަހަރު އެގައުމުގައި އިންތިހާބު ކުރި ޕާލިމެންޓު އުވާލެވެން އޮތް އެންމެ އަވަސް ތާރިހަކީ މިދިޔަ މަހުގެ ފަހެކެވެ.

ލަންކާގެ ރައީސް ކަމަށް މިދިޔަ ނޮވެމްބަރު މަހު ވަޑައިގެންނެވި ގޯޓާބަޔަ އެގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެވެ. އަދި އެގައުމުގެ 225 މެމްބަރުން ތިއްބަވާ ޕާލިމެންޓުގެ މެޖޯރިޓީ ލިބޭނީ 113 ނުވަތަ އެއަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށެވެ.