03 Mar 2020, 18:40
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމުކޮށް، މައްސަލަތައް ބަލަން ފަށައިފި އެވެ.
ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު އެކުލަވާލާ ޝާއިއުކޮށްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އަދި އެ ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހަޅުމާއި، ބަލައިގަތުމާ، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު އެކުލަވާލައި ޝާއިއުކޮށްފައި ވަނީ އިއްޔެއެވެ.
އެޗްއާރްސީއެމް އިން ބުނީ އެ ކޮމިޝަނުގައި ގާއިމުކޮށްފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ސިޓީ މެދުވެރިކޮށްގެންނާއި މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށްގެންނާއި ވެބްސައިޓް މެދުވެރިކޮށް އަދި އެ ޔުނިޓަށް ހާޒިރުވެ، ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.
އެޗްއާރްސީއެމް އިން ބުނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގައި ގާއިމުކުރަންޖެހޭ އެތެރޭގެ އިންތިޒާމްތައް ގާއިމުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، "ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މައުލޫމާތުތައް ތަހުގީގުކޮށް، ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިން" އެކުލަވާލައި ގާނޫނުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަދި އެ މަސައްކަތް ކުރުމަށް އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުންވާ އިދާރާތަކަށް އެޗްއާރްސީއެމްގައި ގާއިމުކުރި ޔުނިޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.