03 Mar 2020, 16:13
ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 31 ކަމަށެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ، ފިރިހެނެއް ނަމަ އިސްކޮޅުން ފަސްފޫޓު ތިން އިންޗި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމުގެ އަމަލެއް ނުވަތަ ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.
މީގެ އިތުރުން އެމީހަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް މަގާމުގެ މުސާރައަކީ 11،421 ރުފިޔާ ކަމަށް އިއުލާނުގައިވެ އެވެ.