ހަތް އަހަރު ފަހުން ރިސޯޓެއް ތަރައްގީ ކުރަން ވ. ބޮޑުމޮހޮރާ ލިބުމުން ޖެޓްސްކީއެއްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ރަށަށް ފުރާވަޑައިގެންފި އެވެ.

ބޮޑުމޮހުރާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސީއެސްއާރު މަޝްރޫއެއް ހިންގާ ގޮތަށް ޖާބިރުގެ ބޮޑު ހިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީޒް އަށް ދޫކުރަން ނިންމި ރަށެކެވެ. ނަމަވެސް ރައީސް ޑރ. ވަހީދު ހުސައިން މަނިކުގެ ސަރުކާރުގައި ސީއެސްއާރް މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ދޫކުރި ރަށްތަކުގެ އެގްރިމަންޓްތަކަށް އަމަލު ނުކުރަން ނިންމި އެވެ.

އެ މައްސަލަ ޖާބިރުގެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ މެރިން ޓެކްނޮލޮޖީޒްއާ ބޮޑުމޮހޮރާ ހަވާލުކުރުމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ އަމުރަށް އަމަލުކޮށްފައި ނުވެ އެވެ. އެ ކުންފުންޏަށް ބޮޑުމޮހޮރާ ކުއްޔަށް ދިނުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރުމުން އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ އެކަން ހުއްޓުވައިފަ އެވެ.

އެ ރަށް ކުއްޔަށް ދިނުމާމެދު ވަކި ގޮތެއް ނުނިންމި ހަތް އަހަރު ފާއިތުވި ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީ އާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއިން ސޮއިކޮށްފަ އެވެ.

ބޮޑުމޮހޮރާ ލިބުނު ފަހުން ފުރަތަމަ ފަހަރަށް މިއަދު މެންދުރު ޖާބިރު ވަނީ އެ ރަށަށް ފުރާވަޑައިގެންފައެވެ. އެއް ނަމްބަރު ޖެޓީއިން އޭނާ އެ ރަށަށް ފުރާވަޑައިގަތީ ޖެޓްސްކީއެއްގަ އެވެ.

ޖާބިރުގެ ލީޑާޝިޕުގައި ހިންގާ ޑީއާރްޕީއިން މިއަދު ބުނީ އޭނާ އެ ރަށަށް ވަޑައިގަންނަވަނީ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ކަމަށެވެ.

މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އަށް 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޖާބިރު ވިދާޅުވެފައި ވަނީ ބޮޑުމޮހޮރާގައި "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި ބިލިއަން ޑޮލަރުގެ ރިސޯޓެއް ތަރައްގީ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ޖާބިރު ވިދާޅުވީ، އެ ރިސޯޓުގައި މޫދުގެ ކުޅިވަރުތަކުގެ އިތުރުން އެހެން ކުޅިވަރުތަކަށް ހާއްސަ ތަންތަން ހުންނާނެ ކަމަށާއި، އެރަށް ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ރިސޯޓެއްގެ ކޮންސެޕްޓަށް ކަމަށެވެ.

އެ ރިސޯޓު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެނުވާނެ ރިސޯޓަކަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ރިސޯޓު ތަރައްގީކުރަނީ ސަރުކާރުގެ 10 ޕަސެންޓު ހިއްސާ އާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބޮޑުމޮހޮރާ ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ.