އިލްކެޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

އީސީގެ ނައިބު ރައީސްއަކަށް ހުންނެވި، އަހުމަދު އަކުރަމްގެ ދައުރު ހަމަވާތީ، އީސީގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ، މިދިޔަ ޖެނުއަރީ 20 އިން މާޗް 23ގެ ނިޔަލަށެވެ.

އެ ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން، ރައީސް ސޯލިހު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނެނީ އީސީގެ މިހާރުގެ ނައިބު އަކުރަމްގެ ނަމެވެ. ދެން އެ ލިސްޓްގައި ހިމެނެނީ، އީސީގެ މެންބަރުކަން މީގެ ކުރިން ކުރެއްވި އަހުމަދު ފަޔާޒު އާއި އީސީގެ ލޯޔަރެއްގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަނީފާ ހާލިދު އަދި އަހުމަދު މަންސޫރުގެ ނަމެވެ.

އިއްޔެގެ ޖަލްސާގައި އެ ނަންތައް ދިރާސާކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އެހެންކަމުން އެ ހަތަރު ބޭފުޅުންނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، މި މަހުގެ އަށެއްވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކޮމިޓީއަށް މެއިލް ކުރަން ނުވަތަ ލިޔުމުން ހުށަހަޅަން ވަނީ ހުޅުވައިފައެވެ.

ޝަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ހުށަހެޅުމަށް މަޖިލީހުން ވަނީ ބުނެފައެވެ.