08 Dec 2011, 22:52
އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަންނަ މަހުން ފެށިގެން ފުރާ، ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ޖީއެމްއާރުން ކަނޑައެޅި 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު ނުނެގޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމަކީ ވަރަށް އިންސާފުވެރި އަދުލުވެރި ހުކުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ވިދާޅުވީ ގާނޫނަކުން ނޫން ގޮތަކަށް ދިވެހި އެއްވެސް ރައްޔިތުންގެ އަތުން ޓެކުހެއް، ފީއެއް ނެގިގެން ނުވާނެ ކަމަށާއި "އަދި ކުރިއަށް ކޮށްފާނެ މޮޅު ކަމަކަށް ބަލައިގެން ވެސް ފީ އާއި ޓެކްސް ނެގިގެން ނުވާނެ" ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ ބަޔަކު ނަމަވެސް ރާއްޖޭގައި ވިޔަފާރިކޮށް އަދި އެ ނޫން ކަމެއް ވެސް ކުރަން ވާނީ ރާއްޖޭގެ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ޖީއެމްއާރާއި ދިވެހި ސަރުކާރުން ހަދާފައިވާ ކޮންޓްރެކްޓަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކޮންޓްރެކްޓަކުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާން ކުރުމަކީ ޣައިރުގާނޫނީ ކަމަކަށް ނުބެލެވޭނެ އެއްވެސް ހަމައެއް ނޫން ކަމަށެވެ.
މުސްތަފާ ވިދާޅުވީ މިއަދު ދަށު ކޯޓުން ކުރި ހުކުމަށް ފާޑު ކިޔާނެ ޖާގަ ނެތް ކަމަށާއި އެ ހުކުމް އިސްތިއުނާފު ކުރުމަށް މަތީ މަރުހަލާތަކުގެ ކޯޓްތަކަށް ދިޔައަސް އެ ހުކުމް ބަދަލު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ އަށް ވުރެ މައްސަލަ ސޮރީހަކަމަށެވެ.
ނަމަވެސް ސަރުކާރުން މިރޭ ބުނެފައި ވަނީ ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު ފިނޭންސް މިނިސްޓްރީ އަށް ރައްދުވާ ގޮތަށް ކުރެއްވި ދައުވާގައި ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޖީއެމްއާރުން ނަގަން ނިންމާފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ދެ ޑޮލަރުގެ އިންޝުއަރެންސް ސާ ޗާޖް ނެގުމަކީ ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ޤާނޫނުގެ މަގުސަދާއި މަފްހޫމާ ޚިލާފް ކަމެއް ކަމަށެވެ.
"ޖޫން 2010،28 ދުވަހު ދިވެހި ސަރުކާރާއި ޖީއެމްއާރު-އެމްއެޗްބީ ކޮންސޯޓިއަމް އާއި ދެމެދު ވެފައިވާ ކޮންސެޝަން އެގްރީމެންޓްގެ އެނެކްސް 10ގެ ދެވަނަ ނަންބަރުގެ (އޭ) އާއި (ބީ) އަކީ ގާނޫނު ނަމްބަރު 78/71ގެ މަގުސަދާއި އެ ގާނޫނުގެ މަފްހޫމާއި ޚިލާފް ދެ އަކުރު ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ޖީއެމްއާރުން ނަގަން ކަނޑައެޅި 25 ޑޮލަރުގެ ފީ އާއި ދެ ޑޮލަރުގެ އިންޝުއަރެންސު ޗާޖާ ބެހޭ ގޮތުން ކޯޓް ހުކުމުގައިވެ އެވެ.
ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ އިން ބޭރަށް ފުރާ ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން 12 ޑޮލަރުގެ ޓެކްހެއް މިހާރު ވެސް ނަގަ އެވެ. އަދި އެ ނޫން ގާނޫނެއްގެ ދަށުން ބިދޭސީން އަތުން 18.5 ޑޮލަރު އަންނަނީ ނަގަމުންނެވެ.