03 Mar 2020, 17:05
ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް މިހާރު އެ ދާއިރާގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް 389 ފަރާތުގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ގާނޫނުގައި ބުނާގޮތުންނަމަ ވަކީލުކަމުގެ ލައިސެންސް ލިބޭނީ އެއް އަހަރު ދުވަހުގެ ތަމްރީނެއް އަދި ބާ އިމްތިހާނެއް ފުރިހަމަ ކުރުމުންނެވެ.
އެހެންނަމަވެސް މި ޝަރުތުތަކާއިއެކު އެދާއިރާގެ އެތައް ދަރިވަރުންކަށް ވަނީ ހުވާ ނުކުރެވި މަޑުކުރަންޖެހިފަ އެވެ. ބާ އިމްތިހާނެއް ހެދުމުން ނޫނީ ހުއްދަ ނުލިބޭއިރު މި އިމްތިހާނު ތައްޔާރުކުރުމަށް ދެ އަހަރެއްހާ ދުވަސް ހޭދަވާނޭކަމަށް ބާ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ. މިއާ އެކު މިފަހުން ދަސްވެނިވުނު އެތައް ދަރިވަރުންނެއް ތިބީ ހުވާކުރެވޭނެ ތާރީޙެއްވެސް ނޭނގިފަ އެވެ.
މި ޝަކުވާތަކާ އެކު މިއަދު މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފައިވަނީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މެދުވެރިކޮށެވެ.
ޕެޓިޝަންގެ މައިގަނޑު ނުކުތާތައް:
- ގިނަ ދަރިވަރުންނަކީ ވަޒީފާގައި އުޅޭ ދަރިވަރުންނަށް ވުމާއިއެކު ވަޒީފާގައި އުޅެމުން ގާނޫނުގައިވާ ތަމްރީނު ފުރިހަމަކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އަދި ވަޒީފާ ދޫކޮށްލުމަކީ ދަރިވަރުންނަށް އެތައް ގޮތަކުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ލިބިގެންދާނެކަމެއްކަމަށް.
- އެއް އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަ ކުރުމަށް ކިޔަވައި ނިންމައި އިތުރު އަހަރެއް މަޑުކުރުމަކީ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ނިންމި އިރު އެއްވެސް ވަރަކަށް ދަރިވަރުންގެ ހިޔާލަށް ގެނެވުނު ކަމެއް ނޫންކަން.
- ޕްރައިވެޓް ލޯ ފާމްތަކަކީ އެބޭފުޅުންގެ އަމިއްލަ މަދު ވަސީލަތްތަކުން ހިންގަމުންދަ ފާމްތަކަށްވެފައި އެފަދަ ލޯފާމްތަކުން ތަމްރީނު ހޯދުމަށް ދަރިވަރުންގެ އަތުން އިތުރު ފީއެއް ނެގުމަކީ އެކަށީގެންވާކަމެއް ކަމަށާއި އަދި އެއީ ގާނޫނުގެ ރޫހާއި ހިލާފަށް ހުޅުވިގެންދާ ވިޔަފާރީގެ ދޮރެއްކަން.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ބެހޭ ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަވާ ސުޕަވައިޒަރުންގެ އަދަދު ކޮންމެ އަހަރަކު ކިޔަވައި ނިމޭ އެތައް ސަތޭކަ ދަރިވަރުންނާއި އަޅާބަލާއިރު މަދުވުން.
- ގާނޫނު މަޒީގެ މައްޗަށް ހިނގައި ގާނޫނުގެ ކުރިން ކިޔަވަމުންދިޔަ ދަރިވަރުން އަދި ދަސްވެނިވުނު ދަރިވަރުންގެ މައްޗަށް ހިނގުމަކީ ގާނޫނު އަސާސީގެ ރޫހާއި ޙިލާފްކަމެއްކަން.
- މާލޭގެ އިތުރުން އެހެން ރަށްތަކުގެ ކެމްޕަސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ތަމްރީނު ފުރިހަމަކުރުމަށް އޮންނަ ޝަރުތުގެ ސަބަބުން ދަތިތަކާއި ކުރިމަތިވެގެންދާކަން.
މި ޕެޓިޝަން މަޖިލީހަށް ހުށަހެޅި އިރު، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުވެސް ވަނީ ގާނޫނީ ފަންނުގެ ގާނޫނު އޮތް ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އެ ގާނޫނު އިސްލާހުނުކޮށް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ގާނޫނުން ލުއިގޮތެއް ހެދުމުގެ ފުރުސަތެއް ނުދޭއިރު ބާ ކައުންސިލަކަށްވެސް ގަވާއިދު މެދުވެރިކޮށް ލުއިގޮތްތަކެއް މަގުފަހިކޮށްދެވޭކަށް ނޯންނާނެ އެވެ. ސަބަބަކީ އޭރުން ގާނޫނުގެ ރޫހު އަދި މަގްސަދު ގެއްލިގެންދާނެތީ އެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި މިހާރު އޮތް ގާނޫނުގެ މައިގަނޑު މައްސަލަ އަދި ކުރިމަތިވެގެން މިއުޅޭ މައްސަލަތަކުގެ އަސްލަކީވެސް ގާނޫނުގައި އިންތިގާލީ މުއްދަތެއް ހިމެނިފައި ނެތުމެވެ.