ދިއްލީ (މާޗް 3): އިންޑިއާގެ ޕާލިމެންޓުން މިދިޔަ ޑިސެމްބަރު މަހު ފާސްކުރި ސިޓިޒެންޝިޕް އެމެންޑެމެންޓް އެކްޓު (ސީއޭއޭ)ގެ މައްސަލައަށް ތަދައްޚުލް ވާން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނުން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވި ގޮތުގައި އދ.ގެ ހައި ކޮމިޝަނަރުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާކަން، ޖެނީވާގައި ހުންނަވާ އިންޑިއާގެ ޕާމަނަންޓް މިޝަންއަށް އިއްޔެ އަންގާފަ އެވެ.

އޭގެ ސަބަބުން އދއަށް ރައްދު ދެމުން ފޮރިން މިނިސްޓްރީން ވަނީ ރަށްވެހިކަމުގެ ގާނޫނާ ބެހޭ މައްސަލަތަކަކީ އިންޑިއާގެ ދާހިލީ މައްސަލަތައް ކަމަށާއި އެއީ އެގައުމުގެ ޕާލިމެންޓަށް ގާނޫނު ހެދުމަށް ލިބިފައިވާ ހައްގާ ބެހޭ މައްސަލަތައް ކަމަށް ބުނެފަ އެވެ. އެހެންކަމުން އެއީ އިންޑިއާގެ އިސްތިގުލާލާ ގުޅޭ ކަމެއް ކަމަށާއި އެފަދަ ކަމެއް ކޯޓަށް ގެންދިޔުމަށް ބޭރުގެ ބަޔަކަށް ހައްގެއް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ.

"ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓަކީ އިންޑިއާގެ ދާހިލީ ކަމެއް އަދި ގާނޫނު ހެދުމަށް އިންޑިއާގެ ޕާލިމެންޓަށް ލިބިފައިވާ ހައްގާ ގުޅުން ހުރި ކަމެއް. އަދި އިންޑިއާގެ އިސްތިގުލާލާ ގުޅުން ހުރި ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު ބޭރުގެ ފަރާތަކަށް ލިބިގެންވާ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ކުމާރު ވިދާޅުވި އެވެ.

މީގެ އިތުރުން ސީއޭއޭއަކީ ގާނޫނީ ގޮތުން ސައްހަ އަދި އެގައުމުގެ ގާނޫނު އަސާސީއާ ފުށޫ ނާރާ ގާނޫނެއް ކަމަށާއި ސުޕްރީމް ކޯޓުންވެސް ނިންމާނީ އެގޮތަށް ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިންޑިއާއިން ޑިސެމްބަރު 11ގައި ފާސްކޮށް ޖެހިގެން އައި ދުވަހު ތަސްދީގުކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދައިފަ އެވެ. އަދި އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެ ގާނޫނު ފާސް ކުރި ފަހުން ގިނަ އަދަދެއްގެ މީހުން ދަނީ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރެއިން މިދިޔަ ހަފްތާގެ ތެރޭގައި ދިއްލީގައި ކުރިއަށްގެންދިޔަ މުޒާހަރާތަކެއްގެ ބައިވެރިންނާއި އެ ގާނޫނަށް ތާއިދު ކުރާ ބަޔަކާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. އަދި އޭގެ ފަހުން ދިއްލީގައި މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ގެތަކާއި ވިޔަފާރިތަކުގައި ރޯކޮށްފައިވެ އެވެ. އެހަމަނުޖެހުންތަކުގައި 46 މީހަކު މަރުވެ، 200އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.