03 Mar 2020, 13:36
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނޫނީ ކޮވިޑް-19 އާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރުތަރި ދީޕިކާ ޕަދުކޯން، ޕެރިސް އަށް ކުރަން އޮތް ދަތުރު ކެންސަލުކޮށްލައިފި އެވެ.
ޕެރިސްގައި ބާއްވާ ބޮޑު އިވެންޓެއް ކަމަށްވާ "ފެޝަން ވީކް"ގައި ބައިވެރިވުމަށް ދީޕިކާ ފްރާންސްގެޕެރިސް އަށް ދިޔުމަށް ވަނީ މީގެކުރީން ނިންމައިފަ އެވެ.
ދީޕިކާގެ ސްޕޯކްސްޕާސަން ބުނީ ލުއީ ވުޓޯން ފެޝަން ވީކް 2020 އަށް ދީޕިކާ ނިންމާފައިވީ ނަމަވެސް އެ ދަތުރު މިހާރު ކެންސަލުކޮށްލާފައިވާ ކަމަށެވެ. އެއީ ކޮރޯނާ ވައިރަސް މިހާރު ފްރާންސްގައި އާ ހަރުފަތަކަށް އަރާފައިވާތީ ކަމަށް އޭނާ ބުނެފައިވެ އެވެ.
ފްރާންސްގެ ސަރުކާރުން ދާދި ފަހުން އާންމުކޮށްފައިވާ ގޮތުގައި އެގައުމުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ އަދަދު ވަނީ 57 އަށް އަރައިފަ އެވެ.
އަދި އެ މައްސަލައާ ގުޅިގެން ފްރާންސް ހެލްތު މިނިސްޓަރު އޮލިވިއޭ ވެރާން ވަނީ ސަލާން ކުރުން ހުއްޓާލުމަށް އިރުޝާދު ދެއްވާފަ އެވެ.