މިވަގުތު އެންމެ އިސް ކަމެއްދީ، ބަލައި ނިންމަންވީ ކުރީ ސަރުކާރުގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުނުފާނު މިހެން ވިދާޅުވީ މާދަމާ ފާހަގަ ކުރާ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވެވި ހާއްސަ ހިތޯބެއްގަ އެވެ.

ހިތޯބުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އާ ފެށުމަކުން ފަށައި މިހާތަނަށް ގިނަ ކަންކަން ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިނިވަން މުއައްސަސާ، އޭސީސީގެ މަސައްކަތް ތަރައްގީކޮށްފައިވާއިރު މިވަގުތު އެންމެ އިސްކަމެއް ގޮތުގައި ބަލައި ނިންމަންވީ ކުރީގެ ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ކަމަށެވެ.

"... އަދި ހަމަ އެއާއެކު މި ސަރުކާރަށް ނިސްބަތް ކުރެވޭ އެފަދަ ކަންކަން ވެސް މެއެވެ،" ރައީސްގެ ވިދާޅުވެފައި ވެއެވެ. ނަމަވެސް މިސަރުކާރަށް ނިސްބަތް ކުރާ ހިޔާނާތުގެ މައްސަލަތަކަށް ރައީސް އަލި އަޅުވާލައްވާފައެއް ނުވެއެވެ.
ރައީސް ވިދާޅުވީ ރާއްޖެ ކުރިޔަށް ގެންދިއުމަށްޓަކައި ނުނިމި ހުރި މަސައްކަތްތައް މާޒީގެ ތެރޭގައި ނުބަހައްޓައި އެ މަސައްކަތްތައް ނިންމުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ. ވިދާޅުވީ ކުރީގެ ސަރުކާރާމެދު ކޮރަޕްޝަންގެ ތަފާތު ތުހުމަތުތައް އެކި ދަރަޖައިގައި އުފުލިފައިވާއިރު އެކަންކަމާ ގުޅިގެން ފާހަގަވާން އޮތް އެންމެ މުހިންމު ލިޔެކިޔުމަކީ އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓްތަކާއި އާންމުން ފަރާތްތަކުން ފާހަގަކޮށް ކޮށްފައިވާ ޝަކުވާތައް ކަމަށެވެ.

"... އެއް ދައުރުން އަނެއް ދައުރަށް ގޮސް ގައުމެއްގެ ހިންގުން ބަދަލުވަމުންދާއިރު ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން ނުބެލޭ މައްސަލައެއް ހައްލު ނުކުރެވޭ ކަމެއް އޮންނަންވާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ،" ރައީސް ވިދާޅުވެފައި ވެއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެ މަނިކުފާނު 2009 ވަނަ އަހަރު އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދާ ހަމައަށް 10 ވަރަކަށް މައްސަލަ ބަލައި ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ވިދާޅުވީ އޭގެ ތެރޭގައި ނާޖާއިޒު ގޮތުގައި ލޯނު ދޫކުރުމާއި ވަކި ފަރާތަކަށް ފައިދާ ހޯދައި ދިނުމާއި ދައުލަތަށް ހޯދާ މުދަލާމެދު އޮޅުވާލުންތައް ގެންގުޅެފައިވާ ވައްކަންތަކާއި ނާޖާއިޒު ގޮތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

"... މީގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ވަނީ ޝަރުއީ މަރުހަލާތަކުގައި ކަމީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކުރި ހޯދަމުންދާ ކަމުގެ ހެއްކެކެވެ،"

ކޮރަޕްޝަނާ ދެކޮޅަށް އާ ފެށުމަކުން މަސައްކަތް ފަށާފައި ވަނީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އައި ބަދަލާއެކު ކަމަށާއި އާ ގާނޫނު އަސާސީން އުފެދުނު އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅުން ހުރި ދާއިރާތަކުގެ ގޮތުގައި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމާއި މުދަލާއި ފައިސާއަށް ހިޔާނާތް ވުމާއި ރިޝްވަތު ދީ ރިޝްވަތު ހިފަން އުޅުމުގެ އިތުރުން މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމްގެ ޖަރީމާތައް ހިމެނޭ ކަމަށް ވެސް ރައީސްގެ ހިތޯބުގައި ވެއެވެ.