08 Dec 2011, 22:07
އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަންނަ މަހުން ފެށިގެން ފުރާ، ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ޖީއެމްއާރުން ކަނޑައެޅި 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު ނުނެގޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު މި ރޭ ވިދާޅުވީ މިއަދު ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި ނަމަވެސް އިސްތިއުނާފު ކުރައްވާނީ ކޮން އަސާސެއްގެ މައްޗަށްކަން ކަނޑައަޅުއް ވާނީ ކޯޓުގެ ހުކުމް ލިބިވަޑައިގަތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހުކުމުގެ ކޮޕީ އަދި އެޓާނީ ޖެނެރަލްގެ އޮފީހަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.
ޖީއެމްއާރުގެ މީޑިއާ އޮފިޝަލް މަހީކާ ޗަންދުރަސޭނާ މިރޭ ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން އެއްޗެއް އަދި ވިދާޅުވާން ނޭނގޭ ކަމަށާއި އެއްޗެއް ވިދާޅުވާން އެނގޭނީ އާދީއްތަ ދުވަހު އޮފީސް ހުޅުވުމުން ކަމަށެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު ފިނޭންސް މިނިސްޓްރީ އަށް ރައްދުވާ ގޮތަށް ކުރެއްވި ދައުވާގައި ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޖީއެމްއާރުން ނަގަން ނިންމާފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ދެ ޑޮލަރުގެ އިންޝުއަރެންސް ސާ ޗާޖް ނެގުމަކީ ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ޤާނޫނުގެ މަގުސަދާއި މަފްހޫމާ ޚިލާފް ކަމެއް ކަމަށެވެ.
"ޖޫން 2010،28 ދުވަހު ދިވެހި ސަރުކާރާއި ޖީއެމްއާރު-އެމްއެޗްބީ ކޮންސޯޓިއަމް އާއި ދެމެދު ވެފައިވާ ކޮންސެޝަން އެގްރީމެންޓްގެ އެނެކްސް 10ގެ ދެވަނަ ނަންބަރުގެ (އޭ) އާއި (ބީ) އަކީ ގާނޫނު ނަމްބަރު 78/71ގެ މަގުސަދާއި އެ ގާނޫނުގެ މަފްހޫމާއި ޚިލާފް ދެ އަކުރު ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ޖީއެމްއާރުން ނަގަން ކަނޑައެޅި 25 ޑޮލަރުގެ ފީ އާއި ދެ ޑޮލަރުގެ އިންޝުއަރެންސު ޗާޖާ ބެހޭ ގޮތުން ކޯޓް ހުކުމުގައިވެ އެވެ.
ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ އިން ބޭރަށް ފުރާ ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން 12 ޑޮލަރުގެ ޓެކްހެއް މިހާރު ވެސް ނަގަ އެވެ. އަދި އެ ނޫން ގާނޫނެއްގެ ދަށުން ބިދޭސީން އަތުން 18.5 ޑޮލަރު އަންނަނީ ނަގަމުންނެވެ.