08 Dec 2011, 21:26
އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓު ޑިވެލެޕްމެންޓް ޗާޖްގެ ގޮތުގައި 25 ޑޮލަރާއި އިންޝުއަރެންސް ސާޗާޖްގެ ގޮތުގައި ދެ ޑޮލަރު ނެގުމަށް ޖީއެމްއާރުން ނިންމި އިރު ޕީޕީއެމް ގެ މެންބަރުން ތިބީ ރަޖާލައިގެން ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
އެއާޕޯޓު ޑިވެލެޕްމެންޓް ޗާޖްގެ ގޮތުގައި 25 ޑޮލަރާއި އިންޝުއަރެންސް ސާޗާޖްގެ ގޮތުގައި ދެ ޑޮލަރު ނެގުމަށް ޖީއެމްއާރުން ނިންމި ނިންމުމަކީ ގާނޫނާއި ޚިލާފަށް ނިންމި ނިންމުމެއްކަމަށް މިއަދު ސިވިލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ގައުމީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ގައުމީ ޕާޓީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ ފައިސާ ނެގުމަށް ޖީއެމްއާރުން ނިންމި އިރު އެކަން ހުއްޓުވުމަށްޓަކައި އެއްވެސް މަސައްކަތެއް ނޮކޮށް ޕީޕީއެމްގެ މެންބަރުން ތިއްބެވީ ރަޖާލައިގެން ގޭގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ތަންކޮޅެއް ކުރިން ވަރަށް އަޑު ގަދަކޮށް އިވިގެން ދިޔަ އެބޭފުޅުން ވިދާޅުވި އަޑު ވަކި ޖަމާއަތެއްގެ ތެރޭގައި ތިބެގެން މަސައްކަތް ނުކުރެވުނީ އެ ބޭފުޅުންނަށް އެ ޖަމާއަތުގެ ތެރެއިން އެކަން ކުރެވެން ނެތީމަޔޭ. އެހެންވީމަ އެކަން ކުރެވެން އޮތީ ވަކިވެގެން ވަކި ޕާޓީއެއް އުފައްދައިގެންނޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެކަން ކުރުމަށް ފަހުގައި [ޕާޓީއެއް އުފެއްދުމަށް ފަހު] މިގައުމު އިގްތިސޯދީ ގޮތުން ވިއްކާލި އިރު، އެއްކަލަ ޕާޓީ ނެހެއްދެވިގެން އަޑުގަދަ ކުރެއްވި ބޭފުޅުން ތިއްބެވީ ރަޖާ ލައިގެން ގޭގަ،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހު އަމިއްލަފުޅު ހައިސިއްޔަތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ކާމިޔާބު ކުރުމަށްޓަކައި ގާނޫނީ ގޮތުން ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޑީއާރްޕީ އާއި ގައުމީ ޕާޓީ ގުޅިގެން ކަމަށެވެ.
ޖަމީލް ވިދާޅުވީ ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރިނަމަވެސް ޑީއާރްޕީ އާއި އެޕާޓީ ގުޅިގެން އެކަން ކާމިޔާބު ކުރާނެ ކަމަށެވެ.