03 Mar 2020, 08:37
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން މާލެ އާއި ހުޅުލެއާ ދެމެދު މިހާރު ދެމުންގެންދާ ބަހުގެ ހިދުމަތަށް އާ ރޫޓެއް ތައާރަފްކޮށްފި އެެވެ.
އަލަށް ތައާރްކުރި ރޫޓާއެކު ހުޅުމާލެއިން މާލޭގެ އައިޖީއެމްއެޗްއަށް މިހާރު ދެވޭނެ އެވެ.
އިއްޔެ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަސް ރޫޓް ތައާރަފްކޮށްދެއްވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ.
އާ ބަސްރޫޓްގެ ދަށުން އައިޖީއެމްއެޗްއާ ކައިރީގައި އޮންނަ ރިންގްރޯޑަށް ބަސް މަޑުކުރާނެ އެވެ. ނަމަވެސް އެ ސަރަހައްދަށް ބަސް މަޑުކުރާނީ ގަޑިއަކު އެއްފަހަރު އެވެ. އަދި ހުޅުމާލޭގައި ކުރިންވެސް މަޑުކުރާ ތަންތަނަށް ބަސް މަޑުކުރާނެ އެވެ.
އިއްޔެ އާ ރޫޓެއް ތައާރަފްކުރިއިރު މިދިޔަ މަހު ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ބަސް ދަތުރުތައް ވަނީ ފަށައިފަ އެވެ.
ގްރޭޓާ ލިންކް މާލެ ޓްރާންސްޕޯޓްގެ މެނޭޖަރު ޑިރެކްޓަރު އިބްރާހިމް މައުމޫން މިދިޔަ ޑިސެމްބަރު މަހު ވިދާޅުވީ އާންމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ދިނުމުގެ ގޮތުން ކަސްޓަމަރުންގެ ޑިމާންޑް އޮންނަ ރޫޓްތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ބަހުގެ ހިދުމަތް ފަސޭހަކުރުމުގެ ގޮތުން މިހާރު އެޕެއްވެސް ތައާރަފްކޮށްފައިވާ ކަމަށާއި އަދި އެ އެޕް މެދުވެރިކޮށް ބަސްރޫޓްތަކާއި ޝެޑިއުލްތައްވެސް މިހާރު ބަލާލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަކުވާތައްވެސް ހުށެހެޅޭނެގޮތް ވެސް ހަދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.