08 Dec 2011, 18:05
އަންނަ އަހަރުން ފެށިގެން އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ދެ އަހަރުން މަތީގެ ކޮންމެ މީހެއްގެ އަތުން ނެގުމަށް ޖީއެމްއާރުން ކަނޑައަޅައި އިއުލާންކޮށްފައިވާ 25 ޑޮލަރުގެ ޓެކްސް ހުއްޓުވުމަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދައިފި އެވެ.
"ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނު" އަށް އިސްލާހު ހުށަހެޅުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވެއްދި ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައިވާ ގޮތާ ހިލާފަށް "ހަމަ އެކަނި އެއާޕޯޓަކުން އޭނާ ފުރާ ކަމަށް ޓަކައި" ޓެކުހެއްގެ ގޮތުގައި ހިމެނޭ އެއްވެސް ފީއެއް، އަގެއް، ނެގިގެން ނުވާނެ ކަމަށެވެ.
ނަމަވެސް ނަޝީދު ހުށަހެޅުއްވި ހަތަރު މާއްދާގެ މައްޗަށް އެކުލެވޭ ބިލްގައި އިސްތިސްނާތަކެއް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެ ބިލްގައި ބުނެފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރާ ހަރަދަކުން ބަޔެއް އެ ތަރައްގީ ކުރާ ބަޔަކަށް ހޯދައިދިނުމުގެ ނިޔަތުގައި ޓެކުހެއްގެ ގޮތުގައި ނުހިމެނޭ ގޮތަށް، މިހާރު ނަގާ 12 ޑޮލަރަށް ވުރެ ބޮޑުނުވާ އިތުރު އަދަދެއް ނެގުމަށް އެ ބިލު ހުރަސް ނާޅާ ކަމަށެވެ. ނަމަވެސް އެފަދަ ފީއެއް ނަގަންވާނީ ގިނަވެގެން 10 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށް ނަޝީދުގެ ބިލްގައި ވަނީ ބުނެފަ އެވެ.
ނަވާރަސަތޭކަ ހަތްދިހަ އަށް ވަނަ އަހަރު ފާސްކޮށްފައިވާ "ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނު" ބުނާ ގޮތުން ރާއްޖޭގެ އެއާޕޯޓަކުން ފުރާ ދެ އަހަރުން މަތީގެ ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން މިހާރު ވެސް 12 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖުގެ ނަމުގައި ސަރުކާރަށް ނަގަ އެވެ. އެ ފައިސާ ނަގަނީ ޓިކެޓް ގަންނަ އިރު ޓިކެޓްގެ ތެރެއިންނެވެ.
ބިދޭސީންގެ އަތުން މިހާރު 18.5 ޑޮލަރު ނަގަ އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ދަނީ އެމީހުންގެ ނުފޫޒު ފުޅާ ކުރަމުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ގައުމުގެ މަސްލަހަތުގައި އެކަމަށް ވިސްނައިފި ނަމަ އެމީހުންގެ ފިޔަ ކޮށާލުމަކީ ކުރެވިދާނެ ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"އެމީހުންގެ ނުފޫޒު ދަނީ ފުޅާ ކުރަމުން ބޮޑު ކުރަމުން. އަޅުގަނޑު ދެކޭ ގޮތުގައި އަދިވެސް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ އެ އެގްރީމެންޓްގެ ސަބަބުން ރާއްޖެ އަށް، ރާއްޖޭގެ އިގްތިސޯދަށް، އަދި ރާއްޖޭގެ ރައްޔިތުންނަށް، އަންނާނެ އުނދަގޫތަކަކީ ހުއްޓިދާނެ އުނދަގޫތަކެއް." ނަޝީދު މިދިޔަ މަހު 29ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ޖީއެމްއާރުން ނަގަން ކަނޑައެޅި 25 ޑޮލަރުގެ ޓެކްސް ނުނެގޭނެ ކަމަަށް މިއަދު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.