23 Jun 2010, 05:59
10:00
ވޯލްޑަކަޕް ތާރީޚްގައި ފުރަތަމަ ފަހަރަށް މުބާރާތް ބާއްވާ ސައުތު އެފްރިކާ އާއި 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް ރޭ މުބާރާތާ އަލްވަދާއު ކިޔައިފި އެވެ.
ފްރާންސް އަތުން ދޭއް އެކަކުން ސައުތު އެފްރިކާ މޮޅުވެ މެކްސިކޯ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބުނީ މެކްސިކޯ އަށެވެ. މި ގްރޫޕްގެ އެއްވަނަ ހަތް ޕޮއިންޓާއެކު ލިބުނީ ވޯލްޑްކަޕްގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ އަށެވެ. މެޗުގެ 28 ވަނަ މިނެޓްގައި ފްރާންސްގެ ގޮކޫފް، ސައުތު އެފްރިކާގެ ސިބާއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މުބާރާތަށް ފަހު އިސްތިއުފާ ދޭން ނިންމާފައިވާ ފްރާންސްގެ ކޯޗް ރޯމަން ޑޮމިނިޗް ބުނެފައި ވަނީ ފްރާންސް އަދި ފުޓްބޯޅައިން މަރުނުވާ ކަމަށާއި މުސްތަގްބަލްގައި ރަނގަޅު ކާމިޔާބީއަކަށް ފްރާންސްއަށް އެދޭ ކަމަށެވެ. ސައުތު އެފްރިކާގެ ކޯޗް ބްރެޒިލްގެ ޕެރޭރާ ބުނެފައި ވަނީ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަޚްރުވެރިވާ ކަމަށެވެ. ގްރޫޕް ބީގައި ނައިޖީރިޔާ އާއި ދެކުނު ކޮރެޔާ ބައްދަލުކުރި މެޗު ދޭއް ދޭއްކުން އެއްވަރުވުމުން ދެކުނު ކޮރެޔާ ވަނީ އަމިއްލަ ޤަވްމުގައި 2002 ވަނަ ކުޅުނު ވޯލްޑަކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ރޭގެ މެޗުގައި ކޮރެއާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނައިރު ބޯޅަ ހިފަހައްޓާ ނައިޖީރިއާ ގޯލަށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮރެޔާ ޓީމުން މިފަހަރު އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި އަދި ކޮރެޔާ ޓީމުގެ ކެޕްޓަން ޕާކް ޖީސުން އެވެ. މެޗަށް ފަހު ދެކުނު ކޮރެޔާގެ ކޯޗް ހޫޖުން މުން ބުނެފައި ވަނީ އޭޝިޔާގެ ފުޓްބޯޅަ ކުރިއަރަމުން އަންނަ ކަމަށާއި ދުނިޔޭގެ ވަރުގަދަ ޓީމުތަކާ ވާދަކުރަން ބޭނުން ނަމަ މިއަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ދުނިޔޭގެ ރޭންކިންގެ ސޯޅަ ވަނައިގައި އޮތް އުރުގު އާއީ އާއި ސަތާރަ ވަނައިގައި އޮތް މެކްސިކޯ އެއް ވަގުތެއްގައި ބައްދަލުކުރި މެޗްގެ ހަމައެކަނި ގޯލް ފެނިފައި ވަނީ މެޗްގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު ޖަހައި އުރުގުއޭ އަށް ދެ ވަނަ ބުރުގެ ޔަގީންކަން ގެނެސްދިނީ ސުރޭޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. މެޗަށް ފަހު އުރުގުއާއީގެ ޓީމުން ބުނެފައި ވަނީ އުނދަގޫ ގްރޫޕަކުން އެއްވަނަ ލިބުނީތީ އުފާކުރާ ކަމަށާއި ދެން އޮތީ މިއަށްވުރެ މާ ވަރުގަދަ ބުރެއް ކަމަށާއި ހިތްވަރާ އެކު މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށެވެ. މި ގްރޫޕްގައި އާޖެންޓީނާ ދޭއް ސުމެއްގެ ކާމިޔާބީއެއް ގްރީސްގެ މައްޗަށް ރޭ ހޯދިއިރު އާޖެންޓީނާ ވަނީ ގްރޫޕް ސްޓޭޖްގެ ރެކޯޑެއް ވެސް ގާއިމްކޮށްފަ އެވެ. އެއްވެސް މެޗަކުން ބަލިނުވެ އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރިއިރު ރޭގެ މެޗަށް އެޓީމުން ނެރުނު ފުރަތަމަ އެގާރައިގައި އެންމެ ފަހު މެޗުގައި ނުކުޅޭ ހަތް ކުޅުންތެރިން ހިމަނާފައިވާކަން ފާހަގަކުރެވެ އެވެ. ރޭ ފުރަތަމަ ލަނޑު ޖަހާފައި ވަނީ އާޖެންޓީނާގެ ދިފާއީ ކުޅުންތެރިޔާ ޑިމިޝެލްސް އެވެ. މިއީ އާޖެންޓީނާ އަށް އޭނާ ކާމިޔާބުކޮށްދިން ދެވަނަ ގޯލެވެ. ވުވުޒޭލާގެ އަޑު އާދަޔާ ޚިލާފަށް ގަދަވެގެން ދިޔަ މި މެޗުގެ ދެވަނަ ލަނޑު އާޖެންޓީނާ އިން ޖަހައިފައި ވަނީ މާޓިން ޕެލާމޯ އެވެ. އާޖެންޓީނާގެ ސްކޮޑްގައި ޕެލާމޯ ހިމެނުމުން ކޯޗު މަރަޑޯނާ އަށް ވަނީ ތަފާތު ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. މުބާރާތުގެ މިހާތަނަށް އައިއިރު އާޖެންޓީނާ ޖަހާފައިވާ ކޮންމެ ގޯލެއްގެ ހިއްސާ ރޭގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުތް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މެސީގެ ހިއްސާ ބޮޑުކަން ފާހަގަކުރެވެ އެވެ.