02 Mar 2020, 20:18
ރައްޔިތުންގެ މަޖިލީހަސް ހުށަހަޅާ ބިލްތަކާއި މައްސަލަތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ބާއްވާ ފުރަތަމަ ބައްދަލުވުން ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.
ސިޓީއާއި އީމެއިލް މެދުވެރިކޮށް ބިލްތަކަށް އާންމުންނަށް ހިޔާލު ހުށަހެޅެއެެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ ބައްދަލުވުމުގއި މިނިމަމްވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަަމަށެވެ.
އެ ބައްދަލުވުން އޮންނާނީ ރޭގަނޑު 08:15 އިން 10:30 އަށް މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.
އެ ބައްދަލުވުން އާންމުންނަށް ހުޅުވާލައިފައިވާއިރު، ކަމާ ބެހޭ ފަންނީ މެމްބަރުންވެސް ތިއްބަވާނެކަމަށް މަޖިލީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވިއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ލަފަޔަކަށް އިކޮނޮމިކް މިނިސްޓްރީއިން އެދިފައިވާ މައްސަލަ މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް އިގްތިސާދީ ކޮމިޓީއިން މިހާރު ވަނީ ފާސްވެސްކޮށްފައެވެ.
މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަަ އަހަރު މަސައްކަތްތެރިންގެ ދުވަސް، މެއި އެކެއްގަ އެވެ.