ޕީޕީއެމް ކެމްޕޭން ލޯންޗުކުރި ޖަލްސާގައި ކުޅުދުއްފުށީ މޭޔަރު ކަމަށް އެ ޕާޓީން ކުރިމަތިލި ކެންޑިޑޭޓު ނެތުމަކީ އެ ސިޓީއަށް ލިބުނު ބޮޑު ނިކަމެތި ކަމެއް ކަމަށް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވެއްޖެ އެވެ.

އަފްޝަން ވިދާޅުވީ މިއީ ކުޅުދުއްފުށި ސިޓީއަށް ލިބުނު ބޮޑު ބޭއިންސާފެއް ކަމަށާއި ކައުންސިލް އިންތިހާބުގައި ވޯޓު ދޭއިރު އެ ސިޓީގެ ރައްޔިތުން މިކަމާ މެދު ވިސްނާނެ ކަމަށެވެ.

"ފަހަރުގައި އެބޭފުޅުން (ޕީޕީއެމް) އެއްވެސް ވަރަކަށް ލާމަރުކަޒީ ނިޒާމާ އެހާ އަހުލުވެރި ނޫންވީމަ، ކުޅުދުއްފުށްޓަކީ މިހާރު ސިޓީއެއް ކަމާއި މޭޔަރެއް ހޮވޭނެ ކަމާއި، މިފަދަ ކަންތައްތައް ވެސް އިނގިވަޑައިނުގަންނަވަނީ ކަމުގައި ވެސް ވެދާނެ ކަމަށް ދެކެން." އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ މިފަދަ ގޮތަކަށް އެއްވެސް ބަޔަކު އެކަހެރި ކުރެވިގެން ނުވާނެ ކަމަށާއި މިކަމަކީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ޕީޕީއެމުން ކުޅުދުފުށި ސިޓީއަށް ވެފައިވާ އިހުމާލު ދައްކުވައިދޭ ކަމެއް ކަމަށެވެ.

"ރައީސް ޔާމީނުގެ ސަރުކަރުގައި، ރައީސް ޔާމީނު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރައްވާ ބޭފުޅެއް ވެރިކަން ކުރައްވާނެ ފަދައިން އެބޭފުޅުން ހުރިހާ ކަމެއް ވެސް ހިންގަވާފައިވަނީ، ހުރިހާ މަޝްރޫއެއް ވެސް ހިންގަވާފައި ވަނީ ވަރަށް މަރުކަޒީ ގޮތަކަށް، ކައުންސިލްތަކުގެ އެއްވެސް ބާރެއް، ބައިވެރިވުމެއް އަދި ހިއްސާއެއްވެސް ނެތި." އަފްޝަން ވިދާޅުވި އެވެ.

ކުރިޔަށް ހޮވިގެން އަންނަ ކައުންސިލްތަކަކީ ބޮޑެތި ބާރާއި ބޮޑު ބަޖެޓަކާއެކު އަންނާނެ ކައުންސިލްތަކެއް ކަމަށާއި މި ކައުންސިލްތަކަށް ސަރުކާރާއި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ރައީސްގެ ގަރާރަކުން ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެއާ އެކު މިފަހަރު ވާނީ، ކުޅުދުއްފުއްޓަށް ސިޓީ ކައުންސިލެއް އިންތިހާބު ކުރާ ފުރަތަމަ ފަހަރަށެވެ.

ޕީޕީއެމްގެ ފަރާތުން ކުޅުދުއްފުށީގެ މޭޔަރު ކަމަށް ކުރިމަތިލައްވަނީ އަބްދުﷲ އިގުބާލެވެ. އަދި އެމްޑީޕީގެ ފަރާތުން އެ ސިޓީން މޭޔަރު ކަމަށް ކުރިމަތިލައްވަނީ މުހައްމަދު އާތިފު އެވެ.