02 Mar 2020, 16:12
އައިޖީއެމްއެޗްގައި ކޮވިޑް19ގެ ސާމްޕަލްތައް ތަހުލީލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ތަހުލީލުކުރަން ގެންނަ ސާމްޕަލްތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލްއެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލްތަކާ މެދު ދެކެވޭނީ އަދި އަމަލުކުރެވޭނީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ.
އަދި ނުރައްކާތެރި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލްއެއް ތަހުލީލު ކުރި ނަމަވެސް އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީގައި ވެސް ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކާ ސްޓެންޑާޑް ޕްރެކްޓިސްއާ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ސަލާމަތީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
އެގޮތުން ކޮވިޑް19 ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައިވެސް އެ ހޮސްޕިޓަލުން އަމަލުކުރަމުންދަނީ ޑަބްލިއުއެޗްއޯ އާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް އެކަށައަޅާފައިވާ ހާއްސަ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތުކެއާ ޕްރޮވައިޑާޒް އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒްގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
އައިޖީއެމްއެޗް އިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭގޮތް ހެދީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު އެންމެ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮވިޑްއަށް ޓެސްޓުކުރީ ނިއުމޯނިއާއަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. ހެލްތު މިނިސްޓްރީން ބުނީ އެމީހާ ބައްޔަށް ނެގެޓިވް ކަމަށެވެ.