02 Mar 2020, 16:39
ޖެނީވާ (2 މާޗް 2020) : ކޮރޯނާ ވައިރަސް ޑިޒީސް (ކޮވިޑް 19) އާ ކުރިމަތިލުމަށާ އަދި އެ ރޯގާއިން ސަލާމަތްވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އާދަޔާ ޚިލާފަށް ބިރުގަތުމާއި ދޮގު މައުލޫމާތު ފެތުރުމާއި ހަގީގަތަށް އިއުތިރާފްވުމަށް ފަސްޖެހުންކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
އެޖަމްއިއްޔާގެ ތަޖްރިބާކާރެއްކަމަށްވާ ޑރ. މައިކް ރަޔަން ވިދާޅުވީ ކޮވިޑް 19ގެ ނުރައްކާތެރިކަމުގެ ލެވަލް އެންމެ މަތީ ދަރަޖައަށް އިތުރުކުރަންޖެހުނީ ވެސް އެ ރޯގާ ވާސިލްވާ ގައުމުތަކުން ހަގީގަތް ސާފުކޮށްދިނުމަށް ފަސްޖެހެމުންދާތީ އާއި ބައެއް ގައުމުތަކުން އަދިވެސް މި ރޯގާއަށް ތައްޔާރުވެފައި ނުވުމުގެ އިތުރުން ބިރުގަތުމާއި ދޮގު މައުލޫމާތު ފެތުރެމުން ދިޔުމުގެ ސަބަބުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 89،000 އަށް އަރައިފަ އެވެ. އަދި މި ރޯގާ ވަނީ 60 ގައުމަކަށް ފެތުރިފައެވެ.
ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު އަދި ވެސް އެންމެ ގިނައީ ޗައިނާގަ އެވެ. ނަމަވެސް ޗައިނާގައި ދުވާލެއްގެ މައްޗަށް ކޮވިޑް 19 ޖެހޭމީހުންގެ އަދަދު ކުރިޔަށްވުރެ މަދުވެ އެރޯގާގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު ވެސް ބޮޑުތަނުންވަނީ މަދުވާން ފަށާފަ އެވެ. ނަމަވެސް އެހެން ގައުމުތަކުގައި ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ޗައިނާ ފިޔަވައި، ކޮވިޑް 19 ޖެހުނު މީހުން އެންމެ ގިނައީ ދެކުނު ކޮރެއާގަ އެވެ. ތިންވަނައަށް އެންމެ ގިނައީ އީރާނުގަ އެވެ. ހަތަރުވަނައަށް އެންމެ ގިނައީ އިޓަލީގަ އެވެ. ޗައިނާގައި ކޮވިޑް 19 ކޮންޓްރޯލް ވާން ފަށާފައިވީ ނަމަވެސް އެ ރޯގާ ފެތުރޭ ގައުމުތައް އިތުރުވަމުންދާތީ ޑަބްލިއުއެޗްއޯ އިންވަނީ ރޯގާތަކާ ބަލިމަޑުކަމުގެ ނުރައްކާ ވަޒަންކުރުމަށް އެ ޖަމްއިއްޔައިން ގެންގުޅޭ އެންމެ މަތީ މިންގަނޑުގެ އެންމެ ނުރައްކާ ދަރަޖާގައި ކޮވިޑް 19 ލިސްޓުކޮށް އޭގެ ނުރައްކާތެރިކަމުގެ އިންޒާރުތައް ކުރިޔަށްވުރެ ބޮޑަށް ދޭން ފަށާފައެވެ.
ޗައިނާގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 85 ހާހަށްއެރި ނަމަވެސް އެ ރޯގާގައި މަރުވެފައި ވަނީ 2،911 މީހުންނެވެ. ޑަބްލިއުއެޗްއޯ ބުނާގޮތުން ކޮވިޑް 19 ޖެހުމުން މަރުވާ މީހުންގެ ނިސްބަތްއުޅެނީ ދެ އިންސައްތައާއި ތިން އިންސައްތައާ ދެމެދުގައެވެ. ނަމަވެސް 2003 ގައި ފެނުނު ސާސް ރޯގާގައި އެރޯގާ ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 9 އިންސައްތަ މީހުން މަރުވިއެވެ.
ޗައިނާގައި ކޮވިޑް 19 ޖެހޭމީހުންގެ އެވްރެޖް އަދަދު ދުވާލެއްގެ މައްޗަށް 800 އަށްވުރެ މަތީގައި ކުރިން އުޅުނުނަމަވެސް އެއަދަދު މަޑުމަޑުން ދަށްވެ އިއްޔެ އެގައުމުގައި އެރޯގާޖެހިފައިވަނީ އެންމެ 202 މީހުންނަށެވެ. ކޮވިޑް 19 ޖެހިގެން ޗައިނާގައި އިއްޔެ މަރުވީ އެންމެ 42 މީހުންނެވެ. މިއީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ޗައިނާ ކުރަމުން ގެންދާ ބުރަ މަސައްކަތްތަކުގެ ނަތީޖާކަމަށާ މިނަތީޖާއާއެކު އެއިން ސަލާމަތްވާނެކަމުގެ ބޮޑު ހިއްވަރެއް ލިބިފައިވާކަމަށް ޗައިނާގެ ސިއްޙަތާބެހޭ ވަތަނީ އިދާރާއިން ބުނެއެވެ.
ކޮވިޑް 19 ދެވަނައަށް އެންމެ ބޮޑަށް ފެތުރެމުންދާ ދެކުނު ކޮރެއާގައި އެރޯގާ ޖެހުނު މީހުންގެ އަދަދު 4،212 އަށް އަރާފައިވާއިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 400 މީހުންނަށް ދެކުނު ކޮރެއާގައި އެރޯގާ ޖެހެއެވެ. އީރާނުގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 988 އަށް އަރާފައިވާއިރު އެރޯގާގައި 54 މީހުން މަރުވެފައިވެއެވެ. އިޓަލީއަށް ބަލާއިރު 1،700 މީހުންނަށް އެރޯގާ ޖެހި 34 މީހުންވަނީ މަރުވެފަ އެވެ. (ނޫސްއެޖެންސީތައް)