ސައުތު އޭޝިޔަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ( ސާކް) އާ ނުލައި މި ސަރަހައްދުގެ ގައުމުތަކަށް ސުލްހަ މަސަލަސްކަމުގައި ދެމިތިބެން އުނދަގޫވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސާކް އުފެއްދި ދުވަސް "ސާކް ޗާޓާ ޑޭ" ފާހަގަކުރުމުގެ ގޮތުން މިއަދު ފޮރިން މިނިސްޓްރީގައި އޮތް ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސާކާއި ނުލައި ސަރަހައްދުގެ ގައުމުތަކަށް ސުލްހަ މަސަލަސްކަމުގައި ދެމިތިބެން އުނދަގޫވާނެ ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށާއި އެހެންވީމާ ސާކާ މެދު ދަށް ގޮތަކަށް ދެކެވެން ނެތް ކަމަށެވެ.

"އަހަރެމެން އަދިވެސް ގަބޫލުކުރާ ގޮތުގައި ސާކާ ނުލައި ދެކުނު އޭޝިޔާގެ ގައުމުތަކަށް ސުލްހަ މަސަލަސްކަމުގައި ދެމިތިބުން އުނދަގޫ ވާނެ ، އެހެން ވީމާ ސާކްގެ މުހިއްމުކަން ދަށް ގޮތަކަށް ދެކެވޭކަށް ނެތް ، " ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖިއޮގްރަފީގެ ގޮތުން ރާއްޖެ އޮތް ލޮކޭޝަނުގެ ސަބަބުން ބޭރު ބައެއްގެ (ސާކްގައި ނުހިމެނޭ ގައުމެއްގެ) ނަޒަރުން ސާކަށް ބަލާލުމަށް ފަސޭހަ ކަމަށެވެ. އަދި ރާއްޖެ އޮތީ ސާކަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ވާހަކަ ދައްކަން އެންމެ އެކަށީގެންވާ މަގާމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި އަހަރެމެން މިތިބީ ސާކަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ވާހަކަ ދައްކަން އެންމެ އެކަށީގެންވާ މަގާމުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސާކަށް ބާއްޖަވެރި މުސްތަގުބަލަކަށް އެދިވަޑައި ގަންނަވާ ކަމަށާއި ރާއްޖޭން ސާކްގެ ރިޔާސަތު ބަލަހައްޓަމުންދާ މިދައުރުގައި ، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލު ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިއަދުގެ ހަފުލާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ސާކް ޗާޓާޑޭ ފާހަގަކުރުމަށް މިއަދު ބޭއްވި ހަފުލާގައި ސާކް ގައުމުތަކުގެ ގިނަ ޑިޕްލޮމޭޓުން ބައިވެރިވިއެވެ.