ޕީޕީއެމުން އިލެކްޝަން ކޮމިޝަނަށް ހުށައެޅި 20،000 މެންބަރުންގެ ފޯމްގެ ތެރެއިން މިހާތަނަށް 6185 ފޯމް ސައްހަ ކަމުގައި ނިންމައި 1035 ފޯމް ބާތިލު ކަމަށް އަންގާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ރެޖިސްޓްރާ މުހައްމަދު ސައުދު މިއަދު ވިދާޅުވީ އިއްޔެ އިލެކްޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިހާރު އެ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ކުރެވުނު މެންބަރުންގެ ޖުމުލަ އަދަދަކީ 6185 މެންބަރުން ކަމަށެވެ.

ސައުދު ވިދާޅުވީ އިލެކްޝަނުން އަނބުރާ ފޮނުވައިލި ފޯމްތައް ފުރިހަމަ ކުރުމަށްފަހު އަލުން ހުށައަޅާނެ ކަމަށާއި ކުރިއަށް އޮތް ތާނގައި އެ މެންބަރުން ވެސް ޕާޓީއަށް އިތުރުވެގެންދާނެ ކަމަށެވެ.

ސައުދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުގައި މިވަގުތަށް ހުރި މަދު ވަސީލަތްތަކާއެކު ވެސް ޕާޓީތަކުގެ މެންބަރުންގެ ރެޖިސްޓްރީ ބަލަހައްޓަމުން ގެންދަނީ ފުރިހަމައަށް ކަމަށެވެ. ޕީޕީއެމުން ފޮނުވި ފޯމްތަކުގެ ތެރެއިން 1035 ފޯމް ބާތީލުވީ ވެސް އިލެކްޝަނުން ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމުން ކަމަށެވެ.

"އިލެކްޝަނުން ފޯމް ބާތިލްކޮށްފައި އެބަހުރި 'ހ' ގެ ތިރީގައި ތިއްކެތް ނެތުމުގެ ސަބަބުން ވެސް. އެއީ އައިޑީކާޑުގައި މީހެއްގެ ނަން ލިޔާއިރު ތިކިޖަހާފައި އޮންނައިރު ފޯމްގައި ވެސް އެ ތިކި އޮންނަންޖެހޭ. އަދި އިލެކްޝަންގެ އެބޭފުޅުން އެހާ ފަރުވާތެރިކަމާއެކު އެބަ ބަލާ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ޕީޕީއެމްގެ ހަގީގީ އަދަދު ފެނިގެންދާނީ އިލެކްޝަން ކޮމިޝަނުން އެ ޕާޓީން ހުށައެޅުއްވި ހުރިހާ މެންބަރުންގެ ފޯމްތައް ނިމި އެކަން އިއުލާން ކުރުމުން ކަމަށާއި، އެހާ ހިސާބުން އިދިކޮޅު ޕާޓީތަކުގެ ތެރެއިން މެންބަރުން ގިނައީ ކޮން ޕާޓިއެއްކަން ރައްޔިތުންނަށް އެގިގެންދާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އިލެކްޝަނުން އެންމެ ފަހުން އަޕްޑޭޓް ކޮށްފައިވާއިރު މީހާރު އެންމެ މެންބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ 48001 މެންބަރުންނާއެކު އެމްޑީޕީ އެވެ.