02 Mar 2020, 12:38
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ލަފަޔަކަށް އިކޮނޮމިކް މިނިސްޓްރީއިން އެދިފައިވާ މައްސަލަ މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް އިގްތިސާދީ ކޮމިޓީއިން ފާސްކޮށްފި އެވެ.
މިނިމަމް ވޭޖު ބޯޑުގެ ރިޕޯޓަށް ލަފައެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއިން މަޖިލީހަށް ފޮނުވާފައިވާ އިރު، މިއަދު އޮތް އިގްތިސާދީ ކޮމިޓީގެ އެޖެންޑާގައި އޮތީ، އެ މައްސަލަގައި ގޮތެއް ނިންމުމަށް ސުންގަނޑި އެއް ކަނޑައެޅުމެވެ.
ކޮމިޓީގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވީ، މިއީ ވަރަށް އަވަހަށް ކުރަން ޖެހޭ ކަމަކަށްވާތީވެ، ކޮމިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، ލަފައެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ، މިމަހު 11 ވަނަ ދުވަހު ކޮމިޓީގެ މަސައްކަތް ނިންމުމަށެވެ.
"މިއީ ވަރަށް ބޮޑު ދިރާސާއެއް. ގިނަ މީހުންގެ ލަފަޔާ މަޝްވަރާ ހޯދައިގެން އަޅުގަނޑުމެންނާ ހަމައަށް އައިސް މިއޮތީ. އެހެންވީމަ މީގަ އަޅުގަނޑުމެން މާބޮޑު މަސައްކަތެއް ކުރަން އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" މެމްބަރު އިސްމާއިލް ވިދާޅުވި އެވެ.

މިއަދު ބޭއްވި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އޭނާ ވެސް ވިދާޅުވީ، އެ ރިޕޯޓަކީ ވަރަށް ތަފްސީލު ރިޕޯޓެއް ކަމަށާއި އެކަމުގައި މީހުން ގެނެސްގެން ސުވާލު ކުރުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިހާބު އެބަ އާދޭ. އޭގެ ކުރިން މިކަމަށް [މިނިމަމް ވޭޖެ ކަނޑައެޅުމަށް] ގޮތެއް ނިންމަ ޖެހޭ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ ޖުމްލަ ވިސްނުން ހުރީ ވީހާވެސް އަވަހަކަށް މިކަމުގެ މަޖިލީހުން ގޮތެއް ނިންމުމެވެ.
ނަމަވެސް ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުޢުނީގެ ވިސްނުން ހުރީ ރިޕޯޓުގައި ހުރި ކަންތައްތަކަށް ރިއާޔަތްކޮށް ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ މީހުންނާ ސުވާލުކޮށް އެކަމުގައި ގޮތެއް ނިންމުމަށެވެ. އަދި އެކަމުގައި މަޖިލިސް އެހެން މެމްބަރުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ، މިމަހުގެ 25 ވަނަ ދުވަހު މައްސަލައިގައި ގޮތެއް ނިންމުމަށެވެ.
މުޢުނީގެ ހުށަހެޅުއްމަށް އިދިކޮޅު މެމްބަރުން ވެސް ތާއީދު ކުރެއްވި އެވެ. އިދިކޮޅު މެމްބަރުން ވިދާޅުވީ، ރިޕޯޓުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި ގޮތެއް ނިންމަން ޖެހޭނީ ސާފު ކުރަން ޖެހޭ ކަންކަން ސާފު ކުރުމަށް ފަހު ކަމަށެވެ.
"މިއަދު މިނިމަމް ވޭޖް ކަނޑައަޅާފައި، ތިން މަސްފަހުން ކޮރޯނާ ވައިރަސްއޭ ކިޔާފައި މިކަން އުވާލީމަ ކަމަކު ނުދާނެ. އުޖޫރަ ދޭން ތިބި މީހުންނާއި އުޖޫރު ލިބިގަންނަ ތިބި މީހުންވެސް މިތަނަށް ހާޒިރުކޮށް ވާހަކަ ދެއްކެވިގެން، ހުރިހާ އެންމެންނަށްވެސް އިންފޯމް ކުރެވިގެން މި މަސައްކަތް ނިމިގެން ދިޔުމަކީ އަޅުގަނޑުމެން އެދޭ ކަމަށް" އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި އެވެ.
ދެ ހުށަހެޅުމުގެ ތެރެއިން އެންމެ ފުރަތަމަ ވޯޓަށް އެހީ، މެމްބަރު އިސްމާއިލް ހުށަހެޅުއްވި މިމަހު 11 ވަނަ ދުވަހަށް މަސައްކަތް ނިންމުމަށް އޮތް ހުށަހެޅުމެވެ. ނަމަވެސް ކޮމިޓީއަށް ވަޑައިގެން ތިއްބެވި އަށް މެމްބަރުންގެ ތެރެއިން އެ ހުށަހެޅުއްމަށް ވޯޓު ދެއްވީ އެމްޑީޕީ ހަތަރު މެމްބަރުންނެވެ. މުޢުނީ އާއި އިދިކޮޅު މެމްބަރުން އެ ހުށަހެޅުމަށް ވޯޓެއް ނުދެއްވަ އެވެ.
ވޯޓު އެއްވަރުވުމުން ހުށަހަޅުމަށް ވޯޓު ދެއްވީ، ކޮމިޓީގެ މުގައްރިރު، އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެެ. ބިގޭ ވޯޓު ދެއްވީ އިސްމާއިލް ހުށަހެޅި ގޮތަސް މިމަހު 11 ވަނަ ދުވަހު މަސައްކަތް ނިންމުމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ނިންމި ނަމަވެސް އިތުރަށް ވަގުތު ބޭނުންވާ ނަމަ، ވަގުތު އިތުރު ކުރެވިދާނެ ކަމަށެވެ.
"މަސައްކަތް އަޅުގަނޑުމެން ކުރާނީ ވީހާވެސް ފުރިހަމަކޮށް، ބޭނުންވާ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރެވިގެން. 11 މާޗްއަށް މަސައްކަތް ނުނިމިއްޖެ ނަމަ، ކޮމިޓީގައ މަޝްވަރާކުރުމަށްފަހު މުއްދަތު އިތުރު ކުރާނީ. މިތަނުން ނެރޭނީ މި ރިޕޯޓަށް އެންމެ ފުރިހަމައަށް ދިރާސާ ކުރުމަށފަހު ދެވެން އޮތް އެންމެ ފުރިހަމަ މައުލޫމާތު،" ބިގޭ ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީގުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރިޕޯޓާ ގުޅިގެން މަޖިލީހުން އަރުވާނެ ލަފައަކާމެދު ކޮމިޓީ އިން ކަމާގުޅޭ އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ރިޕޯޓް އެކުލަވާލުމުގައި ކަމާބެހޭ މާހިރުންނާ މަޝްވަރާ ކޮށް ވާހަކަ ދައްކައި ކަންކަން ސާފުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅައި އިއުލާނު ކުރައްވާނެ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަސް ނިމުނު އިރުވެސް މިނިމަމް ވޭޖު އިއުލާނު ނުކުރެވިވާތީ، މިނިސްޓަރު ވިދާޅުވީ އެކަން ނުކުރެވުނީ މަޖިލީހުގެ ލަފަޔެއް އަދި ލިބިފައި ނުވާތީ ކަމަށެވެ.
މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަަ އަހަރު މަސައްކަތްތެރިންގެ ދުވަސް، މެއި އެކެއްގަ އެވެ.